14 Mar 2012, 18:05
ފުލުހުން ކުރާ "އަނިޔާތަކާ"ދެކޮޅަށް މުޅި ދުނިޔޭގައި މާދަމާ ފާހަގަކުރާ ދުވަހާ ދިމާކޮށް އެމްޑީޕީން ވެސް ރާއްޖޭގައި އެދުވަސް ފާހަގަކުރަން ނިންމައިފި އެވެ.
އެމްޑީޕީގެ އިސް ތަރުޖަމާނު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ ފުލުހުންކުރާ "އަނިޔާތަކާ" ދެކޮޅު ހެދުމުގެ ގޮތުން މާދަމާ އެމްޑީޕީން ބޮޑު ހިނގާލުމެއް މާލޭގެ މަގުތަކުގައި ބާއްވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް އެމްޑީޕީގެ މުޒާހަރާ މައިދާން، ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ކަމަށެވެ.
"މި ހިނގާލުމަށް ތައްޔާރުވުމުގެ ކަންތައް ނުވަތަ ތައްޔާރީތައް ވަމުންދަނީ މިހާރު ވެސް އަޅުގަނޑުމެންގެ އިންސާފުގެ މައިދާނުގައި. މިކަމުގައި މިހާރު ވެސް އަޅުގަނޑުމެން ޓީޝާޓްތައް ޖެހުމާއި ބިނާތަކުގައި ތަތްގަނޑުޖެހުމާއި، މީހުން މިކަމުގައި ބައިވެރިވާނެ ގުރޫޕްތައް ވަކިކޮށް އެކަންތައް [މި ހިނގަނީ މިހާރު]. މިކަންތައް ތަރުތީބު ކުރެވިގެން ވަރަށް ފޯރިއާ އެކު ކުރިއަށް އެބަދޭ." އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.