ކިތަންމެ ހެޔޮހިތަކާ އެކު ނަމަވެސް، ނުދަންނަ މީހުންނަށް ފައިސާ ފޮނުވުމުގެ ކުރިން އެކަން ކަށަވަރު ކުރުން ވަރަށް މުހިންމެވެ. ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރަހުމަތްތެރިންގެ ނަމުގައި ގުޅައިގެން ވެސް ފައިސާ ހޯދުން މިހާރުވަނީ އާންމު ކަމަކަށް ވެފައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.

"ހެލޯ. މީ އައްމަޑޭ. ވަރަށް ދުވަސްކޮށްފައި މި ގުޅާލީ ވެސް އެހެން ނަންބަރަކުން. މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ސާޖަރީ އެއް ކުރަން ޖެހޭތީ ލާރިކޮޅެއް ބޭނުންވެގެން. ވަރަށް އަވަހަށް ރިޓާންކުރާ ގޮތަށް ދީބަލަ ލާރިކޮޅެއް. ވަރަށް އަވަހަށް ރިޓާންކުރާނަން އިނގޭ! މި ފޮނުވާލަނީ އެކައުންޓް ނަންބަރު. ޓްރާންސްފަރކޮށްލާ."

މިއީ މިހާރު އާންމު ކޯލްތަކެކެވެ. ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގެ އެވެ. އެކަމަކު އޭރު އޮންނަނީ ވެ ނިމިފަ އެވެ. ނަންބަރު ރަނގަޅަށް ބަލާއިރު އެއީ ނުވެސް ދަންނަ ނަމްބަރެކެވެ. ދެން އެ ނަންބަރަށް ގުޅާއިރު ފޯން އޮންނަނީ އޮފް ކޮށްލައިފަ އެވެ.

ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުރެ އެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯވެ އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން އެކި އަދަދުން ފައިސާ ހޯދާ މިފަދަ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ފެންމަތިވެއެވެ. ކޮންމެ މައްސަލައަކަށް ބަލާލާއިރު ވެސް މި އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލައެވެ.

އެކަމަކު މިކަހަލަ މައްސަލަތަކުގެ ހައްލު ވެސް އެބައޮތެވެ. އެއީ ހޭލުންތެރިކަން އިތުރުވުމެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަންވީއެވެ. ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތްތައް ބޭނުންކުރަންވީއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވި ގޮތުގައި މިފަދަ ގޮތްގޮތަށް، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް އެކިގޮތްގޮތަށް ހިނގަމުންދާ ކަމަށެވެ.

"މި ގޮތުން ކުރީގެ ރައްޓެއްސެއްކަމަށް ބުނެ އޮޅުވާލާ. ސަޕްލައިކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅާ. އަދި ބެންކުގެ ނަމުގައިވެސް ގުޅާ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އާޚިރުގައި މި އަތުލަނީ ފައިސާ. ޓްރާންސްފަރ ކުރުވައިގެންނާއި ބައެއް ފަހަރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުވައިގެން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އެދެނީ މިކަމަށް އާންމުން ސަމާލުވުމަށެވެ. އަދި އެފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށެވެ.

"ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ދަންނަވަން. އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރަން. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް މި ފުރުސަތުގައި ދަންނަވާލަން." ސަޢީދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭ ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެކިއެކި ނަންނަމުގައި އޮޅުވާލައިގެން 3.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށެވެ.