ދަމާސްއިން ހއ. އިހަވަންދޫ ކައުންސިލަށް، ސްލިޕްވޭ ތަކުގައި އޮޑިދޯނިފަހަރު އެހެލުމަށް ބޭނުންކުރާ ވިންޗެއް ހަދިޔާ ކޮށްފިއެވެ.

އިއްޔެ ދަމާސް ޕެއިންޓްގައި އޮތް ހަފްލާއެއްގައި ރަމްޒީގޮތުން ވިންޗު ހަވާލުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޞާލިޙެވެ. އިހަވަންދޫ ކައުންސިލުގެ ފަަރާތުން ހަދިޔާއާ ހަވާލުވެވަޑައިގަތީ ކައުންސިލުގެ ރައީސް އަޙްމަދު ޞަބާޙެވެ.

ދަމާސްގެ އެސިސްޓެންޓް ޑިރެކްޓަރު ޙުސައިން ނަޢީމް "ސަން"އަށް ވިދާޅުވީ މިއީ ސިންގަޕޫރުގެ އޯޝަނިކް ލިންކް ކުންފުނީގެ ހަދިޔާއެއް ކަމަށެވެ. އަދި، އެ ހަދިޔާ އިހަވަންދުއަށް ފޯރުކޮށްދިނުމަށް ދަމާސްއިން މެދުވެރިވީ އެ ކުންފުނީގެ ދަވާދުގެ ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުންކަމަށެވެ.

"ގާތްގަނޑަކަށް 30 ޓަނުގެ އުޅަނދުތައް އެހެލޭވަރުގެ ހައިޑްރޯލިކް ވިންޗެއް އެއީ ހަމަ ވަރަށް ފެންވަރު ރަނގަޅުވާނެ," ނަޢީމް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލުގެ ރައީސް ޙުސައިން ޞަބާޙް "ސަން"އަށް ވިދާޅުވީ، ސްލިޕްވޭއެއް އެޅުމަކީ އެ ކައުންސިލުން ގެންގުޅޭ ވިސްނުމެއް ކަމަށާއި، މި ހަދިޔާއަކީ އެ ވިސްނުން ހަގީގަތަކަށް ހެދުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އެކަމުގެ ސަބަބުން ކައުންސިލަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ އަދި އޮޑިވެރިންނަށް ވެސް ފަސޭހަތަކެއް ލިބޭނެ," އޭނާ ވިދާޅުވިއެވެ.

މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބާވީހަކަށް އޮޑިފަހަރު އޮތް އިހަވަންދޫއަކީ އެ މަސައްކަތަށް ރަށުގެ ގިނަ ބަޔަކު ބަރޯސާވާ ރަށެކެވެ. މީގެ އިތުރުން އެ ރަށަކީ އެ ސަރަހައްދުގައި އެންމެ ގިނަ އޮޑިދޯނިފަހަރު ބަންނަ އެއް ރަށެވެ.