ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި މި މަހު ހުކުމް ކުރުމަށް ނިންމައިފިއެވެ.

އިއްސެ މަރާލި މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ތަހުގީގު މަރުހަލާއިން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ވެސް ޝުމޮން މިއާ ވަނީ އޭނާ އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީ ކުށަށް އިއުތިރާފްވެފައެވެ. ނަމަވެސް އެ މައްސަލައިގައި ފުރަތަމަ ހުލާސާ ބަޔާން އިއްވަން އޮތް ދުވަހު ޝުމޮން މިއާ ވަނީ އެކުށަށް އިންކާރުކޮށްފައެވެ.

އެހެންކަމުން އޭރު ވަނީ ހުލާސާ ބަޔާން އިއްވުން ފަސްކޮށްފައެވެ. ނަމަވެސް ދިފާއުގައި ޝުމޮން މިއާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ދެ ފަރާތުން ވަނީ ހުލާސާ ބަޔާން ހުށަހަޅާފައެވެ.

ދެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅާ ނިންމާލުމުން ގާޒީ އަލީ އާދަމް ވިދާޅުވީ, އެ މައްސަލައިގައި މި މަސް ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ކުށް ސާބިތުވެއްޖެ ނަމަ ވާރިސުންގެ ބަސް ނެގުމަށްފަހު, ޝުމޮން މިއާގެ މައްޗަށް ހުކުމް ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ދިވެހިން ރަނގަޅަށް ވާހަކަ ދައްކަން ދަތިތަކެއް ހުރުމުން ޝުމޮން މިއާ ބޭނުންވާ ވާހަކަތައް ކިޔައިދީފައިވަނީ ތަރުޖަމާނެއްގެ އެހީގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޝުމޮން މިއާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރާ ކަމަށެވެ. ޝުމޮން މިއާގެ ވާހަކަތައް ބަދަލުވީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ، ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވީ ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި އަދި އޭނާއާއެކު އެ މައްސަލައިގައި ދެން ހައްޔަރުކުރި ދެ މީހުންވެސް އެކުގައި އެއް ގޮޅިއެއްގައި ބާއްވާނެކަމަށް ބުނުމުން ކަމަށެވެ. ނަމަވެސް އަނެއް ދެމީހުންގެ މައްޗަށް އުފުލި، މީހެއްގެ މަރެއް ފޮރުވުމުގެ ދައުވާ ސާބިތުނުވުމުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ.

ޝުމޮން މިއާގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހުން ޝަރީއަތަށް ހާޒިރުކޮށްފައިވެއެވެ. އަދި ޝުމޮން މިއާއަށް އެއްވެސް އަނިޔާއެއް ނުވަތަ މަޖުބޫރުކަަމެއް ކުރިމަތިކުރުވިންތޯ އެހުމުން އެކަމަށް ފުލުހުން ވަނީ އިންކާރުކޮށްފައެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނުނީ 2017 ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުއެވެ.