03 Mar 2022, 14:59
މޮސްކޯ (3 މާޗް 2022): ޔުކްރޭން ހަނގުރާމައިގާ އެގައުމުގެ ދެކުނާއި އިރުމަތީގެ މުހިއްމު ސަރަހައްދުތައް ރަޝިއާގެ ބާރުގެ ދަށަށް ގެނަސްފައިވާއިރު ސްޓްރެޓީޖިކް ސަބަބުތަކާ ގުޅިގެން ކިޔޭވް އަށް ވަދެގަތުން ރަޝިއާއިން މަޑުޖައްސާލާފައިވާ ކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާން ވިދާޅުވިގޮތުގައި ކަޅުކަނޑުގައި އޮންނަ ކްރައިމިޔާއިން ފެށިގެން ޔުކްރޭން އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދާ ހަމައަށް (އަޒޯފް ކަނޑުގެ އައްސޭރިފަށް) ވަނީ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ދޮންބާސް ސަރަހައްދަކީ ރަޝިއާ ދަރިކޮޅުގެ ޔުކްރޭން މީހުންގެ ނިސްބަތް ވަރަށް މަތީ ސަރަހައްދެކެވެ.
އެ ސަރަހައްދުގައި އޮންނަ ދޮނިޔަންސް އާއި ލޮޣާންސްގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުން ގެންދަނީ ވަކި ދެ ދައުލަތް އިއުލާންކޮށް ޔުކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރަމުންނެވެ. ރަޝިއާ ވަނީ މިދެ ދައުލަތް ގަބޫލުކޮށްފައެވެ.
މީގެއިތުރުން ޔޫކްރެއިންގެ ދެކުނުގެ އެންމެ މުހިއްމު ސިޓީކަމަށްވާ ޚަރްސަން ވެސްވަނީ ރަޝިޔާ ސިފައިންގެ އަތްދަށަށް ގޮސްފައެވެ. ފަރަންސޭސި ނޫސްއެޖެންސީ ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޔުކްރޭނުން ބުނަނީ ޚަރްސަންގައި ރަޝިއާ ސިފައިންނާއި ޔުކްރޭން ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމުގައެވެ.

ޔުކްރޭން ގެ ސިޓީތަކަށް ހަމަލާދިނުމަށް ރަޝިއާ އެންމެ ބޮޑަށް ބޭނުންކުރާ އިސްކަންދަރު މިސައިލް
ޔުކްރޭން ބުނާގޮތުން މިހާތަނަށް ރަޝިއާގެ ނުވަ ހާސް ސިފައިން ވަނީ މަރާލެވިފައެވެ. އަދި ރަޝިއާގެ ގިނަ އަދަދެެއްގެ ހަތިޔާރުވެސް ހަލާކުކޮށްލާފައިވާ ކަމަށާ ޚަރްކިޔޭވް އިންވެސް ރަޝިއާ ސިފައިން ބޭރުކޮށްލާފައިވާ ކަމަށް ޔުކްރޭންގެ ދިފާއީ ވުޒާރާއިން ބުނެއެވެ.
ނަމަވެސް ރަޝިއާ ގެންދަނީ ޔުކްރޭންގެ ބޮޑު ސިޓީއެއްކަމަށްވާ ޚަރްކިޔޭވް އަށާ އަދި ވެރިރަށް ކިޔޭވް އަށްވެސް މިސައިލުން ވަރުގަދަ ޙަމަލާތަކެއް ދެމުން ކަމަށް ޔުކްރޭން އެއްބަސްވެއެވެ. ޚަބަރުފަތުރާ ވަސީލަތްތަކުން ފެންނަ ވީޑީއޯއާއި ފޮޓޯތަކަށް ބަލާއިރު މިދެ ސިޓީގެ އެތަންމިތަނުގައިވާ އިމާރާތްތައްވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ.
ރަޝިޔާ ސިފައިން ތިން ސަރަޙައްދަކުން ޔުކްރޭނަށް ވަދެގެންފައިވީ ނަމަވެސް އަދިވެސް ކިޔޭވްއަށް އެއްގަމު މަގުން ވަނުމުގެ ފުރުސަތު ރަޝިއާއަކަށް ނުލިބެއެވެ. ކިޔޭވްގެ ދިފާއުގައި ޔުކްރޭންގެ ސިފައިންގެ އިތުރުން ހަތިޔާރުއެޅި އާންމުން އެމެރިކާގެ ހަތިޔާރާއެކު ކިޔޭވްގައި ވަރަށް ވަރުގަދައަށް ހަރަކާތްތެރިވަމުންދާތީ ކިޔޭވް ހިފުމަށް ރަޝިއާ ވަނީ ނުކުޅެދިފައެވެ.
ކިޔޭވް ހިފުމަށް ރަޝިއާއިން ރުކުރުވާލާފައިވާ ލަޝްކަރު އަދިވެސް އޮތީ އެތައް ކިލޯމީޓަރެއް ދުރުގައެވެ. ރަޝިއާގެ ބިޔަ ލަޝްކަރު ދަނީ ރަޝިއާ އުތުރުންނާއި ރަޝިއާއާ އިންވެގެން ހުޅަނގު އުތުރުން އޮންނަ ބެލަރޫސް ގެތެރެއިންނެވެ. އަސްކަރީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ރަޝިއާގެ ލަޝްކަރު އަދި ކިޔޭވްއަށް ވަދެ ނުގަންނާނެއެވެ.

ރަޝިއާގެ ސްޓްރެޓީޖިކް މިސައިލެއް (މިބާވަތުގެ ނިއުކްލިޔާ މިސައިލްތައްވެސް ތައްޔާރީ ހާލަތަށް ގެނައުމަށް ޕޫޓިންވަނީ ރަޝިއާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައި)
އޭގެ ބަދަލުގައި ރަޝިއާ ސިފައިން ކިޔޭވްއަށް ދެމުން ގެންދާނީ ވަރުގަދަ މިސައިލް ހަމަލާތަކެވެ. އޭގެ ބޭނުމަކީ ޔުކްރޭންގެ މުވާސަލާތީ މަރުކަޒުތަކާއި އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތައް ހަލާކުކޮށްލުމެވެ. މިހާލަތުގައި ކިޔޭވް އަށް އެރުމަށް ރަޝިއާ ފަސްޖެހެނީ ކިޔޭވްފަދަ ހަތަރު މިލިޔަން މީހުން ދިރިއުޅޭ ބޮޑު ސިޓީއެއްގައި ގެރިއްލާ ހަނގުރާމަ ކުރަންޖެހިއްޖެނަމަ ރަޝިއާ ސިފައިންގެ ގިނަ ބަޔަކު މަރުވެދާނެކަމުގެ ބިރަށްކަމަށްވެސް ތަޖްރިބާކާރުން ވިދާޅުވެއެވެ.
އިރާގު ހަނގުރާމައާއި އަފްޣާނިސްތާނުގެ ހަނގުރާމައިގާ އެމެރިކާވެސްވަނީ އެދެގައުމުގެ ސިޓީތަކުގައި ގެރިއްލާ ހަނގުރާމަ ކުރުމަށް ނުކުޅެދި އަދި އެކަމަށް ފާޅުގައި ފަސްޖެހިފައެވެ. އެމެރިކާ ސިފައިން އެދެގައުމުގެ ސިޓީތަކަށްވަނީ ގެރިއްލާ ހަނގުރާމައިގެ ބިރު ނެތްކަން އެނގުމުންނެވެ. މިބިރު ކަނޑުވާލަނީ ވައިގެ މަގުން ބޮން އަޅައިގެން މުވާސަލާތީ މަރުކަޒުތަކާއި އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތައް ހަލާކުކޮށްލައި އަދި ހަނގުރާމަވެރިންވެސް ބޮމުގެ ހަަމަލާތައް ދީގެން ވަރަށް ބޮޑަށް ބަލިކަށި ކޮށްލައިގެންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ތަކުގައިވެސް އެއްގަމު މަގުން ޣައްޒާއަށް އަރަން އިސްރާއީލަށް އެއްވެސް ފަހަރަކު ނުކެރިފައިވަނީ ޣައްޒާގެ މަގުތަކާއި ގޯޅިތަކުގައި ފަލަސްތީނުގެ މުޖާހިދުންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމަ ކުރަން ބިރުގަންނާތީއެވެ. މިފަދަ ހަނގުރާމައެއް ކޮށްގެން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވެދާނެތީއެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ރަޝިއާގެ ޕްލޭންގައި މިހާރު އޮތީ ޔުކްރޭނާއެކު ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމެވެ. މި މުއްދަތުގައި ރަޝިއާ ގެންދާނީ ކިޔޭވްއަށް ރޮކެޓާއި މިސައިލުން ވަރުގަދަ ހަމަލާތަކެއްދީ އެސިޓީގެ ދިފާއީ ބާރުތައް ބަލިކުރަމުންނެވެ. އަދި މުވާސަލާތީ މަރުކަޒުތަކާއި އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށް މިސައިލުން ހަމަލާދީ އެތަންތަން ހަލާކު ކުރަމުންނެވެ.
ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ ނުވަތަ އެވާހަކަތަކުން ރަޝިއާގެ މަގްސަދު ހާސިލް ނުވެއްޖެނަމަ ރަޝިއާ މަސައްކަތްކުރާނީ ޕޮލެންޑާއި ޔުކްރޭންގެ ސަރަހައްދީ ރޮނގު ހިފުމަށާއި ރުމޭނިއާއާއި ޔުކްރޭންގެ ސަރަހައްދީ ރޮނގު ހިފުމަށެވެ. މިދެތަން ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދެވިއްޖެނަމަ އެއްގަމު މަގުން އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުގެ ހަތިޔާރު ޔުކްރޭނަށް އެތެރެކުރުން ހުއްޓުމަކަށް ގެނެވޭނެއެވެ.
ހުޅަނގުގެ ހަތިޔާރު ނުލިބޭގޮތް ވެއްޖެނަމަ މާގިނަ ދުވަހު ރަޝިއާގެ ކުރިމަތީގައި ޔުކްރޭނަށް ހިފަހައްޓާނުލެވޭނެ ކަމަށާއި ހަނގުރާމަ ކޮޅެއްގައި ޖެހެނީ އެހިސާބުންކަމަށްވެސް ޔުކްރޭންގެ ހަނގުރާމަ ދިރާސާކުރާ އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.
ރަޝިއާ މިހާރު މައިގަނޑު ގޮތެއްގައި ދޭ ހަމަލާތަކަކީ ޔުކްރޭން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށް ދޭ ހަމަލާތަކެވެ. މިތަންތަނަށް ހަަމަލާދެނީ ވަރަށް އެކިއުރޭޓް މިސައިލްތައް ބޭނުންކޮށްގެންކަމަށް ވެއެވެ.
މި ހަމަލާތަކުން ޔުކްރޭނަށް ލިބޭ ގެއްލުންތަކުގެ މިންވަރާއި ފެންވަރާ އަދި ޔުކްރޭން ސިފައިންގެ ހަރަކާތްތަކާ އަދި ހަތިޔާރު އެޅި އާންމުންގެ ހަރަކާތްތައް ރަޝިއާ ބަލަމުން ގެންދާކަމަށްވަނީ ފަޒާގައި ބުރުޖަހާ އެގައުމުގެ އަސްކަރީ ޖާސޫސީ ސެޓަލައިޓްތައް މެދުވެރިކޮށެވެ.