14 Mar 2012, 18:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ މަރުކަޒުތަކަށް ގެއްލުންދިން މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ތިނަދޫ ން މީހުން މިއަދު ހައްޔަރު ކުރަންފަށައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ތިނަދޫގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ފެބްރުއަރީ އަށް ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ދައުލަތުގެ މުދަލަށް ގެންލުންދިން މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ކޯޓް އަމުރަކާ އެކު ތިނަދޫން ހައްޔަރު ކުރާ މީހުންނާއި ސުވާލު ކުރުމަށް ފަހު އެކަމާ ގުޅުން ހުރި އިތުރު ބަޔަކު ވެސް ހައްޔަރު ކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ދައުލަތުގެ މުދަލަށް ގެންލުންދީ ހަމަނުޖެހުން ހިންގި މައްސަލަތަކާ ގުޅުން ހުރި މީހުން ތިނަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުން ދަނީ. އަދި އެ މީހުންގެ ތަހުގީގުތަށް ފުލުހުން ކުރިއަށް ގެންދާ އިރު، ހައްޔަރުގައި ތިބި ހުރިހާ އެންމެންނަށް ވެސް ގާނޫނުން ކަނޑައަޅާފައިވާ ހައްގުތައް ލިބިދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ގދ. ތިނަދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ އެ ރަށުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފުލުހުން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ސަރުކާރުގެ އެއްވެސް ވުޒާރާއަކާ ގުޅުމެއް ނެތި، ރަށުގެ ވަކި ބައެއްގެ ކައިރިން މައުލޫމާތުތަކެއް އެއްކޮށްގެން ކަމަށެވެ.
ނަސީރު ވިދާޅުވީ އެ ރަށުގެ ބަޔަކު ފުލުހުން ހައްޔަރު ކުރަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބަޔަކު އަޑު އުފާފައިވާ ކަމަށެވެ.
"އޮފީހުގައި މަސައްކަތުގައި އިންނަ އިރު ވެސް ހައްޔަރުކޮށްގެން ގެންދަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ އެ ބުނާ އޮޕަރޭޝަނަކީ ސަރުކާރުގެ ވުޒާރާއަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ހެން. އަދި ފުލުހުން މީހުން ހައްޔަރު ކުރުމަށް ބޭނުން ކުރާ ވެހިކަލްތަކީ ވެސް ސަރުކާރަށް ތާއިދު ކުރާ ބައެއްގެ ވެހިކަލްތަކެއް،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން 200 އަށް ވުރެ، ގިނަ މީހުންގެ މައްޗަށް ތަހުގީގުތަކެއް ކުރިއަށް ގެންދަމުން އެބަދެ އެވެ.