03 Mar 2022, 13:01
ރަޝިއާ އާއި ޔޫކްރޭންގެ މައްސަލަ ޑިޕްލޮމެޓިކް ގޮތަކަށް ހައްލު ކުރުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އދ.ގެ އާންމު މަޖިލީހުން ފެށި ޚާއްޞަ ސެޝަންގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި، ޕާކިސްތާނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނީރު އަކްރަމް ވިދާޅުވީ ޔޫކްރޭނާއި ރަޝިއާގެ ހާލަތު މިހާރު އޮތް ގޮތާ މެދު އެގައުމުން ކަންބޮޑުވާ ކަމަށެވެ.
ސަފީރު ވިދާޅުވީ އެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށާއި މަޝްވަރާތައް އަލުން ފެށުމުގެ މުހިންމުކަން ޕާކިސްތާނުން ތަކުރާރުކޮށް ފާހަގަކޮށްފައިވާނެ ކަމަށެވެ.
"ބައިނަލްއަޤުވާމީ ސުލްހަ އާއި ސަލާމަތާއި ދުނިޔޭގެ އިޤުތިޞާދަށް މީގެ ކުރިން ކުރިމަތިނުވާފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެތީ، މި ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށާއި މަރުތައް މަދު ކުރުމަށާއި އަސްކަރީ، ސިޔާސީ އަދި އިޤުތިޞާދީ ނުތަނަވަސްކަން ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ،" ސަފީރު އަކްރަމް ވިދާޅުވިއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އިޤުތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކަމަށެވެ.
އެހެންކަމުން ބައިނަލްއަޤުވާމީ އެއްބަސްވުންތަކާއި ގާނޫނުތަކާއި އދ.ގެ ޗާޓަރުގައިވާ ގޮތުގެ މަތިން، ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
"ރަޝިއާ އާއި ޔޫކްރޭން ތަމްސީލު ކުރައްވާ ބޭފުޅުން ފައްޓަވާފައިވާ މަޝްވަރާތަކުގެ ސަބަބުން މި މައްސަލަ ނިމުމަކަށް ގެނައުމަށާއި އާންމު ހާލަތަށް ރުޖޫއަވުމަށް މަގުފަހިވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަކްރަމް ވަނީ ޔޫކްރޭނުގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ރައްކާތެރިމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން މިހާރު ޔޫކްރޭނުން ބޭރަށް ގެންދެވިފައިވާ ކަމަށާއި ބާކީ ތިބި މީހުން ވެސް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބެމުންދާ ސަރަހައްދުތަކުގައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޕާކިސްތާނުން އެއްބާރުލުން ދެމުންގެންދާކަން އަކްރަމް ފާހަގަކުރެއްވިއެވެ.
ރަޝިއާއިން ޔޫކްރޭންގައި ކުރާ ހަނގުރާމަ ހުއްޓާލައި، އެގައުމުގެ ސިފައިން ޔުކްރޭނުން ފޭބުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކަށް ރޭ 141 ގައުމަކުން ވަނީ ތާއިދުކޮށްފައެވެ.
އެ ގަރާރާ ދެކޮޅަށް ފަސް ގައުމަކުން ވޯޓު ދިނެވެ. އަދި ވަކިކޮޅަކަށް ވޯޓު ދޭން 35 ގައުމަކުން ދެކޮޅު ހެދި އިރު އޭގެ ތެރޭގައި ޕާކިސްތާން ވެސް ހިމެނެއެވެ.
ޔޫކްރޭން ހަނގުރާމައިގެ މައްސަލާގައި ޕާކިސްތާނުން ވަކި ފަރާތަކަށް ނުޖެހޭތީ އެގައުމަށް ފިއްތުންތައް ކުރިމަތިވާ ކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފައެވެ.
ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ވަޒީރު ޝީރީން މަޒާރީ ވިދާޅުވި ގޮތުގައި އެގައުމަށް ފިއްތުންތައް ކުރިމަތިކުރުވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދު ހިމެނެއެވެ. އަދި އޭނާ ވަނީ ޕާކިސްތާނުން ހަނގުރާމައަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއްވެސް ކަމެއްގައި އެއްވެސް ފަރާތަކުން ޕާކިސްތާނަށް ކުރިމަތިކުރާ ފިއްތުންތައް ގަބޫލުނުކުރެވޭނެކަމަށް ވެސް މަޒާރީ ވަނީ ވިދާޅުވެފައެވެ.