03 Mar 2022, 11:18
މާލޭ ރައްޔިތުންނަށް ދޫކުރުމަށް ނިންމައިފައިވާ 1000 ގޯތި ހިލޭ ދޫކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވަވައިފިއެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން މާލޭ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަން ހާމަކުރައްވައިފައިވަނީ ރައީސް ޞާލިޙުގެ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.
މާލޭ ރައްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކާ ބިމުން 2000 ގޯއްޗެވެ.
މާލޭ ސިޓީ މޭޔަރު މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހިލޭ ގޯތި ލިބޭ ފަދައިން، މާލޭ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ލިބެން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ހުޅުމާލެއިން ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ 1000 ގޯތި ހިލޭ ދޫކޮށްދިނުމަށް އެދި ރައީސަށް ރަސްމީކޮށް ސިޓީއަކުން ދަންނަވައިފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ހުޅުމާލެއިން މާލެ ރައޔިތުންނަށް ދޭން ކަނޑައަޅައިފައިވާ ކަމަށް މީޑީއާއިން މައުލޫމާތު ލިބޭ 1000 ގޯތި، އެއީ ހަގީގަތެއް ކަމުގައިވާ ނަމަ، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ހިލޭ ދެއްވާ ފަދައިން އެ ގޯތިތައް މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީއިން ވާނީ ދަންނަވައިފައި،" މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ސިޓީއާ ގުޅޭ އިތުރު ތަފްސީލެއް މުއިއްޒު ނުދެއްވަވައެވެ. އަދި ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.