03 Mar 2022, 11:15
ވޮޝިންޓަން (3 މާޗް 2022): ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ނުޖެހޭ ގައުމުތަކަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިންނާއި ޔޫރަޕްގެ އިއްތިހާދުން ބިރު ދައްކަމުން ގެންދާކަމަށް މަޝްހޫރު ނިއުސް ސައިޓެއްކަމަށްވާ "އެކްސިއޮސް" އިން ބުނެފިއެވެ.
"އެކްސިއޮސް" ބުނާގޮތުން ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ނުޖެހޭ ގައުމުތަކާމެދު އެމެރިކާ ދެކެނީ އެއީ ރަޝިއާ ކޮޅަށްޖެހިފައިވާ ގައުމުތަކުގެ ގޮތުގައެވެ. "އެކްސިއޮސް" ބުނާގޮތުން ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ބުރަނުވާ ދެގައުމު ކަމަށްވާ އިންޑިއާ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އަށް އެމެރިކާގެ ޚާރިޖިއްޔާއިންވަނީ ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ނުޖެހުމަކީ ރަޝިއާ ކޮޅަށްޖެހުން ކަމަށް ބުނެ ހަރުކަށި އިބާރަތުން ސިޓީ ފޮނުވާފައެވެ.
ޔުކްރޭން ހަނގުރާމައާ ބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ހުށަހެޅި ގަރާރު ރަޝިއާއިން ވީޓޯކޮށްފައިވާއިރު އިންޑިއާއާއި ޔޫއޭއީ ވަނީ އެއްވެސް ކޮޅަކަށް ވޯޓު ދިނުމަށް ދެކޮޅުހަދައި ވަކިފަރާތަކަށް ނުޖެހުން އިޚްތިޔާރު ކޮށްފައެވެ.
ސަލާމަތީ މަޖިލީހުން އެމެރިކާ ބޭނުންވާގޮތަށް ގަރާރު ފާސްނުކުރެވުމުން އެމައްސަލަ ދެން ހުށަހެޅީ އދ. ގެ އާންމު ޖަމްއިއްޔާއަށެވެ. އެޖަމްއިއްޔާއިން ފާސްކުރި ގަރާރުގައި ގޮވާލާފައިވަނީ ހަނގުރާމަ ހުއްޓާލައި ރަޝިއާ ޔުކްރޭނުން ފޭބުމަށެވެ. ޔުކްރޭން ޓޫލަކަށް ހަދައިގެން ނޭޓޯއިން ރަޝިއާ ހިސާރު ކުރަންއުޅޭ މައްސަލަ ހައްލުކުރުމާބެހޭ އެއްވެެސް ވާހަކައެއް އެގަރާރުގައި ނުވެއެވެ. މިގަރާރަށް 141 ގައުމު ވޯޓު ދީފައިވާއިރު 35 ގައުމުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އަދި ފަސް ގައުމަކުން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ.
މިހާގިނަ ގައުމުތަކެއް އެމެރިކާ ބޭނުންވާގޮތަށް ވޯޓު ނުދިނުމުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އެގައުމުތަކަށް ބިރު ދައްކަމުން ގެންދާކަމަށް ރިޕޯޓްތައް ލިބެއެވެ. އަދި ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ 22 ގައުމަކުންވެސް ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ނުޖެހޭ ގައުމުތަކަށް އެމެރިކާ ދައްކާބިރުތަކުގައި ބައިވެރިވާކަމަށް ޚަބަރުތައް ބުނެއެވެ.
ޕާކިސްތާނަކީވެސް ޔުކްރޭން ހަނގުރާމައިގާ ވަކިކޮޅަކަށް ނުޖެހޭ ގައުމެކެވެ. ރަޝިއާ ސިފައިން ޔުކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށިއިރު ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ހުންނެވީ ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ގެ ދައުވަތަކަށް ރަޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި މޮސްކޯގަ އެވެ.
ޕާކިސްތާންވަނީ ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތަކާ މެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. އަދި ރަޝިއާއަށް ބޭނުންވާ ސަލާމަތީ ގެރެންޓީއާއެކު ރަޝިއާއާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށްވެސް ޕާކިސްތާންވަނީ ޔުކްރޭނަށް ގޮވާލާފައެވެ. ނަމަވެސް ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތައް ޕާކިސްތާނުން ކުށްވެރިކޮށްފައެއް ނުވެއެވެ.
ޔުކްރޭން ހަނގުރާމައިގެ މައްސަލާގައި ޕާކިސްތާނަށް ޔޫރަޕްގެ ފިއްތުންތައް ކުރިމަތިވާތީ ޕާކިސްތާނުގެ އިންސާނީ ހައްގުތަކާބެހޭ ވަޒީރު ޝީރީން މަޒާރީ ވަނީ ޔޫރަޕްގެ އިއްތިހާދަކީ ގޮށްމުށުން ކަންކަން ކުރަން އުޅޭ ޖަމާއަތެއްކަމަށް ސިފަކުރައްވައި ޔޫރަޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަޒާރީ ވަނީ ޕާކިސްތާނުން ހަނގުރާމައަށް ތާއީދު ނުކުރާކަމަށާ ނަމަވެސް އެއްވެސް ކަމެއްގައި އެއްވެސް ފަރާތަކުން ޕާކިސްތާނަށް ކުރިމަތިކުރާ ފިއްތުންތައް ގަބޫލުނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިންޑިއާއިން ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ލާއިންސާނީ އަމަލުތަކަށް ޔޫރަޕްގެ އިއްތިހާދު އޮންނަނީ ލޯމަރާލައިގެންކަމަށްވެސް މަޒާރީވަނީ ވިދާޅުވެފައެވެ.