03 Mar 2022, 08:57
ބޮޑު ހަނގުރާމައެއް ފެށިއިރު ޔޫކްރެއިންގައި ތާށިވެފައި ތިބި ހުރިހާ ދިވެހިން ރައްކާތެރިކަމާއެކު އެގައުމުން އެހެން ގައުމުތަކަށް ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޔޫކްރެއިންއަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރުމަށް ގިނަ ދިވެހިން ގޮސް އުޅޭ ގައުމެކެވެ. ހަނގުރާމައިގެ ނުރައްކާ ބޮޑު ވުމާއެކު ބައެއް ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. ހަނގުރާމަފެށިއިރު އެގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހިން ވެސް ވަނީ ރާއްޖެ ގެނެސްފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔޫކްރެއިންގައި އެންމެ ފަހަށް ތިބި ނުވަ ދިވެހިން، ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ހަންގޭރީއަށް ރޭ ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޔޫކްރެއިންގެ ޚަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި، އެ ސިޓީގައި ތިބި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދަރިވަރެކެވެ.
އެ ދިވެހިން ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ފަހިކޮށްދެއްވައިފައެވެ.
މިނިސްޓްރީން ބުނިގޮތުގައި ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައެވެ. އެ ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެ ދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.
ހަމައެޔާއެކު، ފޮރިން މިނިސްޓްރީން ބުނީ، ބެލަރޫސް އާއި ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އަންގާފައިކަމަށެވެ.
އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުންނެވެ.