14 Mar 2012, 18:00
ރާއްޖެ އަށް މުޅިން އާ ހިދުމަތްތަކަކާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކް ]އެމްއައިބީ[ގެ އޭޓީއެމް ހިދުމަތް މިއަދު ތައާރަފް ކޮށްފި އެވެ.
"ފައިސާ ކާޑް"ގެ ނަމުގައި އެމްއައިބީ އިން މިއަދު ތައާރަފުކުރި ކާޑް ބޭނުންކޮށްގެން އެ ބޭންކުން ބަހައްޓާފައިވާ އޭޓީއެމްތަކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ފައިސާ ނެގުމާއި އެކައުންޓް ބެލެންސް ބެލުމުގެ އިތުރުން ޗެކްފޮތާއި ބޭންކް ސްޓޭޓްމެންޓް ހޯދުމަށް އެދުން ހިމެނެ އެވެ.
އެމްއައިބީ އިން ބުނީ ފައިސާ ކާޑް ބޭނުންކޮށްގެން ޗެކްފޮތާއި ސްޓޭޓްމެންޓަށް ރިކްއެސްޓް ކުރުމަށް ފަހު ބޭންކަށް ދިއުމުން ޗެކްފޮތާއި ސްޓޭޓްމެންޓް ލިބޭނެ ކަމަށެވެ.
ފައިސާ ކާޑްގެ ޕިން ނަމްބަރު ކަސްޓަމަރު އަމިއްލައަށް ބޭނުން އިރަކު ބަދަލުކުރެވެ އެވެ. ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފައިސާ ކާޑުން ހިދުމަތް ހޯދާ އިރު ކޮންމެ ޓްރާންސްސެކްޝަނަކަށް ވަކިވަކިން ޕިން ނަމްބަރު ޖަހަން ޖެހޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
އޭޓީއެމް ކާޑަށް "ފައިސާ ކާޑް" މި ނަން ދީފައި ވަނީ ދިވެހި ބަހެއް ކަމަށްވާ ފައިސާ އަށް ނިސްބަތްކޮށްގެން ކަމަށް އެމްއައިބީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހާރިޝް ހާރޫން ވިދާޅުވި އެވެ.
ކާޑް ތައާރަފްކުރުމަށް މިއަދު އެމްއައިބީގައި ބޭއްވި ހަފުލާއެއްގައި ހާރޫނު ވިދާޅުވީ ފައިސާ އެ ނަމަކީ އެމްއައބީ ކާޑް އެހެން ބޭންކްތަކުގެ ކާޑްތަކާ ތަފާތު ގޮތަކަށް ފާހަގަކުރާނެ ނަން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެބޭންކުން ތައާރަފްކުރުމަށް ހަމަޖެހިފައިވާ އީ ބޭންކިން ފަދަ ހިދުމަތްތަކުގައި ވެސް ބޭނުން ކުރާނީ އެ ނަން ކަމަށެވެ.
އެމްއައިބީގެ ކާޑް މިއަދު ތައާރަފް ކުރި ނަމަވެސް އެ ބޭންކްގެ ޕީއޯއެސް ހިދުމަތް އަދި ތައާރަފް ނުކުރެވޭ ކަމަށާއި އެހިދުމަތް އަދި ވަނީ ޓެސްޓް ކުރުމުގެ މަރުހަލާގައި ކަމަށް ހެޑް އޮފް ކާޑް ސެންޓަރު އަހުމަދު ރިޒާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފައިސާ ކާޑްގެ ހިދުމަތް އަދި ރާއްޖޭން ބޭރުގައި ދެވޭގޮތަށް ހަމަޖެހިފައި ނުވާ ކަމަށާއި އެކަމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"ރާއްޖޭ އިން ބޭރުގައި ކާޑްގެ ހިދުމަތް ދިނުމަށް ވިސާ ފަދަ ނެޓްވޯކަކާ ގުޅެން ޖެހޭ، އެކަން ހަމަ ޖެހެނީ ދެތިން އަހަރު ބޭންކްގެ ހިދުމަތް ދެވުނީމާ،" ރިޒާ ވިދާޅުވި އެވެ.
އެމްއައިބީގެ ކާޑް މިއަދު ތައާރަފް ކުރި އިރު އެ ބޭންކުން އަދި ބަހައްޓާފައި ވަނީ ދެ އޭޓީއެމް އެވެ. އޭގެ ތެރެއިން އެއް އޭޓީއެމް އަމީރުއަހުމަދުގައި ހުންނަ އެ ބޭންކްގެ ހެޑް އޮފީހުގައި ހުރި އިރު އަނެއް އޭޓީއެމް ބަހައްޓާފައި ވަނީ އައިޖީއެމްއެޗްގު ގޯތިތެރޭގަ އެވެ.
ސީއީއޯ ހާރޫނު ވިދާޅުވީ މާލޭގެ މުހިއްމު ތިން ސަރަހައްދެއްގައި އިތުރު ތިން އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި މި އަހަރު ތެރޭގައި އެ ތިން އޭޓީއެމް ވެސް ބެހެއްޓޭނެ ކަމަށެވެ.
އެމްއައިބީގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެ ބޭންކުގެ ގޮފިތައް މުސްތަގުބަލުގައި އަތޮޅުތަކުގައި ހުޅުވުމަށް ވެސް ވިސްނަވާ ކަމަށް ހާރޫން ވިދާޅުވި އެވެ.