އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުން ތަހައްމަލު ކުރަންޖެހޭ ވޭންދެނިވި ބައްޔެކެވެ.

އަލްޒައިމާ ޖެހެން މެދުވެރިވާ ސަބަބަކީ ކޮބައިކަން ސިއްހީ މާހިރުން އަދި ސައިންްޓިސްޓުންނަށް މުޅިއަކުން ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލި ގުޅިފައި ވަނީ، އުމުރުން ދުވަސްވުމާއެކު ސިކުނޑިއަށް އަންނަ ބަދަލުތަކާއެވެ.

އުމުރުން ދުވަސްވެފައިވާ ކޮންމެ މީހަކަށް އަލްޒައިމާއެއް ނުޖެހެއެވެ. ނަމަވެސް އުމުރުން ދުވަސް ވުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.

މުޅި ދުނިޔެއިން، 65 އަހަރުން މަތީގެ މީހުންނަށް އަލްޒައިމާ ޖެހޭ އަދަދު ކޮންމެ ފަސް އަހަރަކު ދަނީ ދެގުނައަށް އިތުރުވަމުންނެވެ. އަދި 85 އަހަރުން މަތީގެ ތިންބައި ކުޅަ އެއްބައި މީހުންނަކީ އަލްޒައިމާ ހުންނަ މީހުން ކަމަށްވުން އެކަށީގެންވެއެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ދިމާވާ ގެއްލުންތަކާއި ސިކުނޑީގެ ސެލްތަކަށް އަންނަ ބަދަލާ އަލްޒައިމާއާ ހުރިގުޅުން ދެނެގަންނަން ސައިންސުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އަލްޒައިމާ ޖެހުމަށް މަގުފަހިކުރާ ޖެނެޓިކް ސަބަބުތައްވާ ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން، އަލްޒައިމާ ބަލި ޖެހުމަށް މަގުފަހި ކުރާ ވައްތަރެއްގެ ޕްރޮޓީންއެއް އާބާދީގެ 15 ޕަސެންޓު މީހުންގެ ހަށިގަނޑުގައި ހުންނަ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

އަލްޒައިމާ ބަލީގެ އަލާމާތްތަކަކީ މަޑުމަޑުން އިތުރުވަމުން ދާނެ އަލާމާތްތަކެވެ. އެގޮތުން އަލްޒައިމާ ބައްޔާ ގުޅިގެން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި މާ އަވަހަށް ހަނދާން ނެތުން، ވާހަކަ ދައްކަން އުނދަގޫވުން، ކުއްލިއަކަށް މިޒާޖަށް ބަދަލު އައުން، ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ކުޑަވުން، އެއްޗެހި ބެހެއްޓޭތަންތަން ހަނދާންނެތުން، އާދައިގެ ހިސާބު ނަަަންބަރު ގުނަކޮށް އެއްކުރަން ނޭންގުން، އެއް ސުވާލެއް ތަކުރާރުކޮށް އަހަމުން ގެންދިޔުމުގެ އިތުރުން، ގަޔަށް ކުޑަކަމުދިއުން އަދި ބޮޑުކަމުދިޔުން ފަދަ ކަންކަން ހިމެނެއެވެ.

އަަލްޒައިމާ ބަލި ދެނެގަނެ މި ބައްޔާމެދު ގިނަ ބައެއްގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަކީ މުހިންމު ކަމެކެވެ.

އާއިލާގެ ތެރޭގައި އަލްޒައިމާ ހުންނަ މީހެއް އުޅޭނަމަ މި ބަލި ވާރުތަކުރުމުގެ ފުރުސަތުބޮޑެވެ. އެހެންކަމުން މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ކަމުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ.