ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ކޮންޓެއިނަރު ޕާކް ރޯދަ މަހުގެ ކުރިން ނިމޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ހުޅުމާލޭގައި ޤާއިމު ކުރަމުން އަންނަ ކޮންޓެއިނަރު ޕާކަކީ ފާހަގަކޮށްލެވޭ މަޝްރޫޢުއެކެވެ. ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނާ ބޭނުން ކޮށްގެން ތަރައްޤީ ކުރަމުންދާ މި ޕާކުގައި ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސްއެއް ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮންޓެއިނަރު ޕާކުގެ މަސައްކަތްތައް ކުރިއަށްދަނީ --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ ޕާކަކީ އާއްމުކޮށް މީހުން ޒިޔާރަތްކޮށް މަސައްކަތުގެ މާހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ހުޅުވާލެވޭ ފުރުސަތެއްކަމަށެވެ.

މިގޮތުން އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރި ކަމުގެ މަސައްކަތްތައް މަޢުރަޒުކޮށް ދައްކާލުމުގެ ފުރުސަތު ލިބޭއިރު، ތަފާތު މަންސަތައް ފަދަ ހަރަކާތްތައް ބޭއްވުމަށް ހުޅުވާލާނެއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިތަނުގައި ހަރަކާތްތައް ހިންގުމާއި މަސައްކަތް ކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖެއަށް މުޅިން އައު މި ކޮންސެޕްޓަށް ތަރައްޤީ ކުރަމުން އެދާ ޕާކްގެ މަސައްކަތްތައް ރޯދަ މަހަށް ނިންމާލެވޭނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ އާއްމުނަށް ހުޅުވާލުމުގެ އެއްމެ ފަހުގެ ތައްޔާރީތައް މިހާރު ކުރެވެމުންދާކަމަށެވެ.