ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތަކާއި އެ އޮފީހުގެ ޕާފޯމަންސާއި ބެހޭ ގޮތުން ރައްޔިތުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް ބައެއް ފަރާތަކުން މީޑިއާގައި ވާހަކަ ދައްކަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ހަތަރު ސަފުހާގެ ބަޔާނެއްގައި ބުނެފައި ވަނީ އެ އޮފީހަށް ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައި އާދަޔާ ޚިލާފު ލަސްވުމެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު ޕީޖީ އޮފީހުގެ މަސައްކަތްތައް މިނާންވާނީ އެ އޮފީހުގެ މަސައްކަތާ ގުޅޭ އެހެން އިދާރާތަކުގެ މަސައްކަތާ އަޅުވައި ބެލައިގެން ކަމަށެވެ.

ޕީޖީ އޮފީހަށް ހުށަހެޅާފައިވާ މަސްތުވާތަކެތީގެ ތެރެއިން ޝަރީއަތަށް ހުށަހަޅާފައި ވަނީ ވަރަށް މަދު މައްސަލަތަކެއް ކަމަށް ވިދާޅުވާ އިރު މިދިޔަ އަހަރު މަސްތުވާތަކެއްޗާއި ގުޅޭ 442 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތަކުގެ 87 ޕަސެންޓް މައްސަލަތައް މިދިޔަ އަހަރު ނިމުމުގެ ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕީޖީގެ ބަޔާނުގައި ބުނަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރާ އެހެން މުއައްސަސާތަކުން ހިސާބުތައް ދިރާސާކޮށްފި ނަމަ އެކަން އެނގޭނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހާއި ފެބުރުއަރީ މަހު މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުށަހެޅި 305 މައްސަލައިގެ ތެރެއިން އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރިކަމަށް ތުހުމަތު ކުރެވޭ 11 މައްސަލައެއް ފިޔަވައި، މި އަހަރު ހިނގާފައިވާ ހާދިސާތަކާ ގުޅިގެން ހުށަހަޅާފައި ވަނީ އެންމެ 22 މައްސަލަ ކަމަށެވެ. އަދި 305 މައްސަލައިގެ ތެރެއިން 42 މައްސަލަ އަކީ ހާދިސާ ހިނގި ތާރީޚުން ފެށިގެން ޕީޖީއަށް މައްސަލަ ހުށަހެޅުމާ ދެމެދު އެއް އަހަރު ނުވަތަ އެއަށް ވުރެ ގިނަ އަހަރު ފާއިތުވެފައިވާ މައްސަލަތަކެއް ކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެ އެވެ.

ހާދިސާ ހިނގި ދުވަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ނުވާތީ، ހާދިސާ ހިނގާ ދުވަހު އެ މައްސަލައެއްގެ ތަހުގީގު ފެށިފައި ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ވެސް ޖިނާއީ އިޖުރާއަތުގައި ހުރި މައްސަލައެއް ކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އަދި ބުނެފައި ވަނީ ފެބްރުއަރީ މަހު 6- 8 ދެމެދު ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރާ ކަންތައްތައް ބައްލަވައި ހޯމް މިނިސްޓަރު ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމަށް ފެންނަ ކަމަށެވެ.