މަގުމަތީގައި ޕާކިން ސަރަހައްދު ބްލޮކްވާގޮތަށް ހުންނަ ޕެލެޓްތައް ނަގަންފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ސަރަޙައްދު ބްލޮކްވާ ބަހައްޓާ ޕެލެޓުތަށް މަގަންފަށާނެކަމަށެވެ.

މީގެ އިތުރުން އެފަދަ ތަންތަނަށް ވަދެ ނިކުތުމަށް ދަތިވާނަމަ ސިޓީ ކައުންސިލަށް "ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ" 9 މާރިޗުގެ ކުރިން ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ.

އެފަދަ ތަންތަނުގައި ސިޓީ ކައުންސިލުން ޕާކު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދިނުމަށް އެ ސަރަހައްދުގައި ދެ ރޮނގު ކުރަހައިދޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މުދާ ބާލާ އެރުވުމަށް ޖާގަ ބޭނުންނަމަ ސިޓީ ކައުންސިލަށް ހުށަހެޅުމުން ކުލި ދައްކާގޮތަށް ސްލޮޓް ދޫކުރާނެކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މިދިޔަ ހަފްތާގައި ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ތަރުތީބުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ ރޯދަަހަށް މާލޭގެ ޕާކިން ޒޯންތަކުގައި ޕެލެޓު ބަހައްޓާ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލްގެ އަމާޒު ހިފާފައިވާކަމަށެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ތެރޭގައި ވެސް މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް މިހާރު މާލޭގެ މަގުތަކުގައި ޕެލެޓު ބެހެއްޓުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.