03 Mar 2022, 08:14
ނުވަދިހަ ޕަސެންޓް ފެން އެކުލެވޭ ކަރާއަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.
ކަރާ ފަންޏަކީ ބަނޑުހިކުމުގެ މައްސަލަ ހައްލުކޮށްދޭ ބުއިމެކެވެ. ކަރާގައި ގިނަ އަދަދެއްގެ ފެން އެކުލެވިފައިވުމުގެ ސަބަބުން ފަސޭހައިން ބޮޑުކަމުދެވެއެވެ. އަދި ހަށިގަނޑުގައިވާ ބޭކާރުބައިތައް ބޭރުކޮށް ހަށިގަނޑު ސާފުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.
ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ ކަރައަކީ އުމުރުން ދުވަސްވުމުން ލޮލަށް މެދުވެރިވާ ލޯހިކުން، ލޮލުގެ ޕްރެޝަރު މަތިވުން، އަދި ލޮލުގެ މައިނާރު ހަލާކުވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ މޭވާއެކެވެ.
މީގެއިތުރުން، ކަރާގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ބާވަތްތައް އެކުލެވިފައި ވާއިރު، ހަށިގަނޑުގައި ހަކަތަ އުފައްދައިދީ ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ.
ކަސްރަތު ކުރަން ފެށުމުގެ ކުރިން އެނާޖީ ޑްރިންކް ފަދަ ބާރުގަދަ ބުއިމެއް ބޯލުމުގެ ބަދަލުގައި ކަރާ ފަނި ތައްޓެއް ނުވަތަ ކަރާ ފޮއްޗެއް ކާލުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކަރާގައި މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ ހަށިގަނޑަށް ބޭނުންތެރި މާއްދާތައް އެކުލެވޭ ބުއިމެއްކަމަށް ވާތީއެވެ.
މީގެ އިތުރުން ކަރާގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް އެކުލެވޭ މޭވާއެކެވެ.
އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުން ފްރީ ރެޑިކަލްސް ކިޔާ މާއްދާއެއް ނައްތާލުމަށް އެހީތެރެވެދޭ އެއްޗެކެވެ. ފްރީ ރެޑިކަލްސް އަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ވެސް އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވައި ތަޢައްޔަރުވުމުގެ ސަބަބުން ވެސް އުފެދޭ އެއްޗެކެވެ.
ހަށިގަނޑުގައި މާގިނައިން ފްރީ ރެޑިކަލްސް ހުންނަ ނަމަ، ސެލްތަކަށް ގެއްލުންވެ، ބަލިތަކަށް މަގުފަހިވުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތައް ހިމެނެއެވެ.
ކެެންސަރަކީ ރާއްޖޭގައިވެސް ގިނަ އަދަދެއްގެ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ކަރާގައި އެންޓިއޮކްސިޑެންޓްސް ގިނަ މޭވާއެއް ކަމުން އެއީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭނެ މޭވާއެކެވެ.
ހަމައެއާއެކު، ކަރާގައި ހިމެނޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ލައިކޯޕީން އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާއެވެ.
އެހެންކަމުން ކަރާ ކެއުމަކީ މުހިންމުކަމެކެވެ.