އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް ކަމަށްވާ ޝުޢައިބު ޢަލީ (ފުރަހަނި) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ މިއަދު ގުޅިވަޑައިގެންފިއެވެ.

އެ ދެބޭފުޅުންގެ އިތުރުން، ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅުންތަކެއް ކަމުގައިވާ، މުޙައްމަދު ޢައްބާސް، އިބްރާހީމް ހުސައިން އަދި އިބްރާހީމް އަފްރާހް ވެސް އެ ޕާޓީ އާއި މިއަދު ގުޅިވަޑައިގަތެވެ.

މިއަދު އެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވީ މިއަދު ޕާޓީ އާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އަމިއްލަ އެދުމެއް ނެތި، ޤައުމަށް ޚިދުމަތް ކުރެއްވުމަށް އިސްކަންދޭ ބޭފުޅުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް ވެސް ވަނީ އެމްޑީއޭއާ ގުޅިވަޑައިގެންފަ -- ސަން ފޮޓޯ/ ނާއިލް ހުސައިން

"އެބޭފުޅުން ވެސް މި ޕާޓީއަށް އަންނަން މި ޖެހެނީ ކީއްވެތޯ؟ އެބޭފުޅުން އެ މަސައްކަތް ކުރައްވަނީ އަމިއްލަ ޖީބަކަށް ނޫން. އަމިއްލަ މަންފާއަކަށް ނޫން. ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް،" ސިޔާމް ވިދާޅުވިއެވެ.

ޝުއައިބު ވިދާޅުވީ އެމްޑީއޭގެ ލީޑަރު ސިޔާމަކީ މުސްތަގުބަލަށް ވިސްނާ، ވިޝަނަރީ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ބެލީ އިޚްލާސްތެރި ކަމާ އަޒުމާ އެކު، ހިތްވަރާ ކެރުމާއެކު، ދިވެހި ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައިދޭނީ ކޮން ބޭފުޅެއްތޯ. އިސްލާމްދީނާއި ދިވެހި ގައުމުގެ ހުއްބުލްވަތަން އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނާއި ހަމައަށް ގެންގޮސްދޭނީ ކޮން ޕާޓީއަކުންތޯ" ޝުއައިބު ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

އަރީފް ވިދާޅުވީ އެމްޑީއޭގެ ލީޑަރަކީ އެއްވެސް އިންސާނަކަށް އަނިޔާއެއްވާން އެދި ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށެވެ. މީގެ އިތުރުން، ދިވެހީންނަށް އިންސާފުވެރި، އަދުލުވެރި މުސްތަގުބަލެއް ހޯދައިދިނުމުގެ މަސައްކަތް އެ ޕާޓީއާ އެކު އޮތީ ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭ އިން ވަނީ އެޕާޓީގެ ގައުމީ ކައުންސިލުގެ ބައްދަލުވުމެއް މިއަދު ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައެވެ.