02 Mar 2022, 22:14
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނު ބޭފުޅަކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އިނދެ، އެ މައްސަލަ ބަލަންޖެހޭކަމަށް ބުނުމުން ދައްކުވައިދެނީ އަނިޔާވެރިކަން ގޮސްފައިވާ ހިސާބުކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއީ ސިޔާސީ އެންމެ ބޮޑު އެއް ޕާޓީގެ ލީޑަރު. ކިހިނެއްތޯ އެމަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވައިގެން އަދުލުއިންސާފެއް ގެންނާނީ. އަދުލުއިންސާފު ގެނެވޭނެ ގޮތެއް ތިބޭފުޅުން ވިސްނާބައްލަވާ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭއިން ތާއީދުކުރާ ސަރުކާރެއްގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި އިސް ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު ވަޒީރުކަމަށް ގެނައުމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑު ކަމަށެވެ. އަދި ކުރިން އެ ވާހަކަ ނުދެއްކެވީ އެކަމުގައި އެމަނިކުފާނުގެ ހިއްސާ ބޮޑުކަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިވާހަކަ އަދި ސާފުކޮށް ކިޔައި ނުދެވިގެން މިއުޅެނީ އޭގައި އަޅުގަނޑު ވެސް ހިމެނޭ މިންވަރު ބޮޑު ކަމުން،" ނަޝީދު ވިދާޅުވި އެވެ.
އަދީބަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނު އެޅުވި ފަންޏެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ހިތަށް ވަތް އެއްޗަކީ އެހާ ރަނގަޅު ފަންޏެއް އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތް އިރުގައި އަދި ރައީސް ޔާމީނުގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން އެ ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެން ކަން ގުޑުމެއް ގެނެސްގެންކަން. އެއީ އަބަދުވެސް އަޅުގަނޑު ދުއްހުރި ހަގީގަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީން ވިޕްލައިނެއް އަޅާފައި އޮއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސައަށް ގުޅައިގެން ގެނެސް އަދީބަށް ރުހުން ދިނުމަށް އެދުނު ކަމަށް އެ ޖަލްސާގައި ނަޝީދު އެއްބަސްވެ ވަޑައިގެންނެވިއެވެ.