02 Mar 2022, 15:56
މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ދޫކޮށްލީ, އަނިޔާ ލިބުނު މީހާ ފުުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ތަހުގީގު ކުރެވޭވަރަށް ހެކި ލިބިފައިނުވާތީ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ފައިލުކޮށްފައިވާކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރެއިން އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން އެ ގޭތެރެއަށް ފުލުހުން ވަދެ، އެ ފިރިހެންމީހާ ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދެމަފިރިންކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ގޭތެރޭގައި ހިނގާ މިފަދަ މައްސަލަތަކުގައި ވަރަށް ގިނަ ފަހަރަށް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުލިބިގެން ދޫކޮށްލަން ޖެހެއެވެެ.