ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރި އަހުމަދު ޒަކީ އާއި އެ ސެންޓަރުގެ ސްޓޭޓް މިނިސްޓަރަކަށް ހުރި އިލްޔާސް ހުސެއިން އިބްރާހިމާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުރި އަލީ އާރިފްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މޯވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ އަށް ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުނު ކަމުގެ ތުހުމަތުގައި އެ ތިން އޮފިޝަލުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވައިފި އެވެ.

މި މަހުގެ އަށް ވަނަ ދުވަހު ޕީޖީ އަށް ފޮނުވި މައްސަލައިގެ އެ ތިން ފަރާތުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސުނާމީ ކާރިސާއަށް ފަހު ލ. ގަމު އާރާސްތު ކުރުމުގެ ފިޔަވަހީގެ ދަށުން 240ގެ ގަމުގައި އެޅުމަށް ހަވާލު ކުރި ފަރާތުން ކޮށްފައިނުވާ މަސައްކަތަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީ އިން ބުނީ ގަމުގައި ގެތައް އެޅުމުގެ މަސައްކަތް ކުރުމުގެ ތެރޭ އެހިސާބަށް ދަތުރުކުރުމަށް އޮތް މަގާއި އިމާރާތްތައް އަޅާ ތަނަށް ވެލިއަޅައި ހެދުމަށް ފަހު އޭގެ އަގުގެ ގޮތުގައި 15,296,640ރ. މޯވޭ ކޮންސްޓްރަކްޝަން އަށް ދިނުމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ތައްޔާރުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރި އިރު، އެ މަސައްކަތާ ގުޅިގެން މަސައްކަތް ހަވާލުކުރި ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްގައިވާ ފައިސާއަކީ އެފަރާތަށް ދައްކަން ޖެހޭ ފައިސާއެއް ނޫން ކަން އެކަމާ ގުޅުންހުރި ލިޔެކިއުންތަކުން އެނގޭ ކަމަށެވެ. އަދި އެސެންޓަރުގެ ޕޭމަންޓް ވައުޗަރުން އެ އިންވޮއިސްގައިވާ 15.29 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި ފަރާތަށް ދެއްކުމަށް ފިނޭންސަށް ފޮނުވާފައި ވަނީ އެފަރާތަށް ނުހައްގު ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އޭސީސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ޕޭމަންޓް ވައުޗަރުގައިވާ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވާ އެއް ފަރާތަކީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީ ކަމަށެވެ. އަދި އެ ފައިސާ އެފަރާތަށް ހޯދައިދިނުމަށް އަމަލީ ގޮތުން އިސްކޮށް މަސައްކަތްކޮށްފައި ވަނީ ވެސް ޒަކީ ކަން އޭނާގެ ބަޔާނުންނާއި އެކަމާ ގުޅިގެން ސުވާލު ކުރި ފަރާތްތަކުގެ ބަޔާނާއި ލިޔެކިއުންތަކުން އެނގޭ ކަމަށެވެ.

އޭސީސީން އަދި ބުނީ އެ ސެންޓަރުގެ ޕޭމަންޓް ވައުޗަރުން ޚަރަދުކުރުމަށް ފޮނުވާފައިވާ 15.29 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރު ފޮނުވާފައި ވަނީ އިލްޔާސް ހުސައިން ފައިސާ ޚަރަދު ކުރުމަށް ހުއްދަދީގެން ކަމަށެވެ. އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ފައިސާ ހޯދުމަށް އެދިފައި ވަނީ މަސައްކަތް ހަވާލުކުރި ފަރާތުން 2007 ވަނަ އަހަރު ހުށަހެޅި ކަމަށް ބުނާ އިންވޮއިސްއަކަށް ވެފައި، އެ އިންވޮއިސް އަށް ދައްކާނެ ފައިސާ 2011 ވަނަ އަހަރަށް ބަޖެޓް ކޮށްފައިނުވާ ކަމަށެވެ.

އޭސީސީ އިން ބުނީ އެ ފައިސާގެ ބަޖެޓް ހަދައި، އެލޮކޭޝަން ހަދައި ބަޖެޓް ކޮންޓްރޯލް އެޕްރޫވް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ އާރިފު ކަމަށެވެ.

އޭސީސީ އިން ބުނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ނަމްބަރު ޕޭމަންޓް ވައުޗަރުން ފައިސާ ޚަރަދުކުރުމަށް އެދިފައިވާ މަސައްކަތް ހަވާލުކުރި ފަރާތުގެ އިންވޮއިސްގައިވާ ފައިސާ އަކީ ދައުލަތުން އެފަރާތަށް ދޭން ޖެހޭ ފައިސާއަކަށް ނުވާތީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޕޭމަންޓް ވައުޗަރުން އެދިފައިވާ ފައިސާ ދޫނުކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އޭސީސީ އިން އެންގުމާ ގުޅިގެން އެފައިސާ ދޫކޮށްފައިނުވާ ކަމަށެވެ.