ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާނަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް ސަރުކާރަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

އެ ހުށަހެޅުން ކައުންސިލަށް ހުށަހަޅާފައިވަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ, ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއެވެ.

އެ ހުށަހެޅުމުގައި ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ލިބެމުން ދިޔަ 5000 ރުފިޔާގެ އެލަވެންސް ފަސް އަހަރު ދުވަހުގެ ދައުރު ހަމަވަންދެން އީމާންގެ އާއިލާއަށް މެދުކެނޑުމެއްނެތި ދިނުމަށެވެ.

އެ ހުށަހެޅުން ފާސްކުރީ ޖަލްސާއަށް ވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އީމާން ނިޔާވުމާ ގުޅިގެން، ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ އެއް މިނެޓްގެ ސުކޫތެއް ވެސް ގެނެސްފައެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ, އީމާންް ނިޔާވިއިރު އޭނާގެ ދެ ކުދިން ތިބި ކަމަށާއި އެ ކުދިންގެ މަންމައަށް ލިބެމުންދިޔަ އިނާޔާތް ދަރިންނަށް ލިބެން ޖެހޭ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ ނިޔާވެފައިވަނީ އިއްޔެއެވެ.