02 Mar 2022, 14:17
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު) ބޭސްފަރުވާއަށް ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މިދިޔަ އަހަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި ޕެސްޓު ގޭ ބަންދަށް ބަދަލު ކުރީ 60 ދުވަހަށެވެ. އޭނާއަށް ޝަރުތު ކުރީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށެވެ.
ޕެސްޓު ފަރުވާއަށް އެދިފައިވަނީ ޓޮންސިލަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޕެސްޓު ޝަކުވާ ކުރުމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ން އެދުނީ މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ޖަލު ބަންދުގައި ބަހައްޓައި ދިނުމަށެވެ. އަދި އޭނާއަށް އެއިރު ވެސް ފަރުވާ ކުރަމުން ދިޔަ ކަމުގެ ލިޔުންތައް ހުށަހެޅިއެވެ.
ނަމަވެސް ޝަރީއަތުން ނިންމީ ޕެސްޓު ގޭ ބަންދަށް ބަދަލު ކުރުމަށެވެ.
ޕެސްޓު ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ހައިކޯޓުން ގޮތެއް ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޕެސްޓު ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ, ދަށު ކޯޓުން އޭނާ ދޫކޮށްލުމަށް ނިންނި ނުކުތާތަކަށް ދައުލަތުން ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
ޕެސްޓުގެ މައްޗަށް ކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރި މުޙައްމަދު ސުއައިދުގެ މައްޗަށް ވަނީ ހަތަރު ދައުވާ އެއް އުފުލައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާ ތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.
ރެޕް އާޓިސްޓެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ހުކުމެއް އޭނާގެ މަައްޗަށް އަތުވެދާނެއެވެ.
"ރީތި ކުދިން"ގެ ނަމުގައި ނެރުނު ރެޕް ލަވައަކުން 2011 ވަނަ އަހަރު މަޝްހޫރުކަން ހޯދި ޕެސްޓު އަކީ މިހާރު މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެވެ.