އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަޙްމަދު ޝަރީފް (އީސީ ޝަރީފް)އަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ދިނީ މި ސަރުކާރު، އޭނާ ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަދުރޭ މިހެން ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް އަޙްމަދު ޝަރީފް ހަމަޖެއްސުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އަޙުމަދު ޝަރީފް އިއްޔެ ވަނީ އައްޔަނުކޮށްފައެވެ.

އަދުރޭ ވިދާޅުވީ މުޣުނީ ފަދަ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވައި، އަދި އެހާމެ ޤާބިލް ކަމަށް ބުނާ ބޭފުޅަކު އެ މަޤާމުގައި ހުންނަވަނިކޮށް އޭނާ އެތަނުން ވަކިކުރުމަށް ފަހު، ޝަރީފަށް އެ މަޤާމު ދިނުމުގައި ގޮތް ނޭނގޭ ސިއްރުތަކެއް ވާނެ ކަމަށެވެ.

"މުޣުނީ ފަދަ ޤާބިލު ބޭފުޅަކު ހުރިތަނަތަކުން އޭނާ ނަގާފައި ޝަރީފަށް އެ މަޤާމު ދޭނީ ޝަރީފް ދެކެ މި ސަރުކާރު ބިރުން،" އަދުރޭ ވިދާޅުވިއެވެ.

"މި މީހުންނާ ޝަރީފް ވަކިވެއްޖެ ނަމަ މި މީހުންނަށް ފޫނުބެއްދޭ ވަރުގެ ކަންތައްތަކެއް ޝަރީފުގެ ފަރާތުން ފައުޅު ވެގެން ހިނގާދާނެ ކަމުގެ ބިރު އޮތީ،"

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ ޝަރީފަށް އެމްޑީކަން ދިނުމުން ޔަޤީން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގައި ހުރެގެން ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ހޯދައިދިނުމުގައި އެތަނުގެ އެތެރެއިން މުހިއްމު ދައުރެއް އަދާކޮށްދީފައިވާކަން ކަމަށެވެ.

"މީގެން އެނގެނީ ރިޔާސީ އިންތިޚާބަކީ ޝަރީފް އީސީގައި ހުރެގެން ބޮޑުތަނުން ވަގަށް ނަގައިދީފައިވާ އިންތިޚާބެއްކަން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުރުސަތު ލިބުނު ވަރަކުން އެކަން ބަލާނެ ކަމަށާއި އެ ދުވަސް އޮތީ މާ ދުރަކު ނޫން ކަމަށެވެ. އަދި ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު، 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާ ކުރައްވާނީ ރައީސް ޔާމީން ކަމަށާއި އެދުވަހަކުން ޤާނޫނީ އިމުގެ ތެރެއިން އެކަން ބަލާނެކަމަށް ވިދާޅުވިއެވެ.

ޝަރީފަކީ ރައީސް ޔާމީނާ ކުރިން ވަރަށް އަރިސް ބޭފުޅެކެވެ.

ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގައި ޝަރީފް ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުގެ މަސައްކަތްތަކުގައި ވެސް ޝަރީފްގެ ހިއްސާ ބޮޑެވެ.

ޝަރީފް އާއި ރައީސް ޔާމީނާ ދެމެދު އޮތް ބަދަހި ގުޅުމުގައި ކުނިޖެހި، އެ ގުޅުން ހަސަދަވެރިކަމަށް ބަދަލުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ޔާމީނަށް ގެއްލިއްޖެކަން އިޢުލާން ކުރި ދުވަހުން ފަށައިގެންނެވެ.