02 Mar 2022, 12:28
މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރު ދެނެގަތުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިރާސާއެއް ހެދުމަށް ނިންމައިފިއެވެ.
އެމްއެމްއޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީނިއާ މެނޭޖަރު ޢާއިޝަތު އަސްނާ ޙަމްދީ ވިދާޅުވީ މިއީ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީ އެކުލަވާލުމަށްޓަކައި ކުރެވޭ ދިރާސާއެއް ކަމަށެވެ.
"ސަޕްލައި ސައިޑުގައި ހުރި އަދަދުތަކަށް ބަލައިލާއިރު އަޅުގަނޑުމެންނަށް އެބަ އެނގޭ އެބަހުރިކަން ގެޕްތަކެއް. އެހެންވީމަ އެ ގެޕްތައް އެ އަންނަނީ ކީއްވެތޯ [ދެނެގަތުމަށް މި މަސައްކަތް ކުރަނީ]" އަސްނާ ވިދާޅުވިއެވެ.

އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން
މި ދިރާސާގެ ބޭނުމަށް 1500 މީހުންނާ ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވަކި ތަރުތީބެއް ނެތި، ރޭންޑަމްކޮށް ނެގޭ މީހުންކަމަށް ވާތީ، ސާވޭއަށް ދައުވަތުދެވޭ މީހުންގެ އެއްބާރުލުން މުހިންމުކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭގެ ދިރާސާގައި މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
ބޭންކިން އާއި މޯބައިލް ޕޭމަންޓުގެ ޚިދުމަތް ބޭނުންކުރާ މިންވަރު އަދި ކޮލިޓީ
- އިންޝޫރެންސް ބޭނުންކުރާ މިންވަރު އަދި ކޮލިޓީ
- މާލީ ކަންކަމާބެހޭ މައުލޫމާތު ހުރި މިންވަރު
- ކޮންސިއުމަރުންގެ ރައްކާތެރިކަމާމެދު ހޭލުންތެރިކަން ހުރި މިންވަރު
- އިޖުތިމާއީ ޑިމޮގްރެފިކްސް
- ފައިސާގެ ބޭނުން ހިފާ ގޮތް
- މޫސުމީ ބަދަލުތަކުގެ ހިރާހާއި އެ ބަދަލުތަކަށް ވިލުންވެރިކަން ހުރި މިންވަރު
މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ އެފްޖޭއެސް ކޮންސަލްޓިންއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙާމިދު ޞާދިޤު ވިދާޅުވީ މި ދިރާސާއަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން
މީގެ އިތުރުން، ދިރާސާކުރަން ދާ އެނިއުމޭޓަރުންނަކީ އެ ކުންފުނީގެ ފަރާތުން ދާ ބައެއް ކަން ކަށަވަރު ކުރުމަށް ވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
"މި ސާވޭކުރާ އެއްވެސް އެނިއުމޭޓާރެއް ނާހާނެ އެއްވެސް ބޭފުޅެއްގެ ބޭންކް އެކައުންޓް ނަންބަރު ދިނުމަކަށް، އަދި ފައިސާއެއް ޓްރާންސްފާ ކޮށްދިނުމަކަށް ވެސް ނާހާނެ،" ޙާމިދު ވިދާޅުވިއެވެ.
ރޭންޑަމްކޮށް ނެގޭ 63 ރަށެއްގައި ކުރިއަށް ގެންދާ މި ދިރާސާ ކުރިއަށްދާނީ މި ހަފްތާއިން ފެށިގެން، އަންނަ މަހުގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.