14 Mar 2012, 16:38
ހެންވޭރު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހ. ހާޅަލަމާގޭގެ ތެރެއިން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ހަ މީހުންވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ އިމާރާތްކުރުމަށް އެގޭގައި ތަޅާލާފައި ހުރި ބައެއްގެ ތެރެއިން ކަމައްވެސް ޝިޔާމް ވިދާޅުވި އެވެ.
އެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވި އެވެ.
ހަ މީހުންނާ އެކު އެގޭ ތެރެއިން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ބްލެޓެއްގެ ބައެއް ހޯދާފަ އެވެ.
"އެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުން ކުރަމުން ދަނިކޮށް. އޭގެ ތެރެއިން ބުލެޓެއްގެ ހާފް ވެސް ފެނިފައިވަނީ،" އޭނާ ވިދާޅުވި އެވެ.