ރާއްޖޭގައި ކްލަބް ވެލެންސިއާއަށް ކުޅެމުންދިޔަ ޑިފެންޑަރު ޑަކްސަން ޕްލާސްގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރިކަމަށް ބުނެ އެކަން ތަހުގީގުކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޑަކްސަން ޚަބަރެއް ނުވެގެން ބެލިއިރު ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ދަންޖެހިފައި ހުއްޓާއެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި ލަންކާ ބަހުން ލިޔެފައި އޮތް ނޯޓެއް ވެސް އޮތެވެ.

ޑަކްސަންގެ މަންމައާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ސަރުކާރުގެ ކިބައިން އެެދޭ ކަމަށެވެ. އަދި ޑަކްސަންގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރިކަމަށް އޭނާ ތުހުމަތު ކުރެއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޑަކްސަންގެ ހަށިގަނޑު އެ ގައުމަށް ގެންދަން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ އާއިލާއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އުމުރުން 31 އަހަރުގެ ޑަކްސަންއަކީ ސްރީލަންކާގެ ގައުމީ ޓީމަށް ވެސް މުހިންމު ކުޅުންތެރިއެކެވެ. އެ ގޮތުން މި އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި އޭނާ ވަނީ ލަންކާގެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

ޑަކްސަން ގައުމީ ޓީމަށް 14 މެޗު ކުޅެދީފައިވާއިރު، އޭނާ ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެއް ނުވެއެވެ.

މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށެވެ.

ޑަކްސަން މަރުވިކަމުގެ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާކަމަށް ބުނި ނަމަވެސް، މިކަމާ ގުޅިގެން އެެއްވެސް ބަހެއް ފުލުހުން ނުބުނެއެވެ.

ލަންކާ ނޫސްތަކުން ބުނާ ގޮތުގައި ޑަކްސަންގެ މަރަކީ މުޅި ގައުމަށް ވެސް ލިބުނު ގެއްލުމެކެވެ. އޭނާ މަރުވި އިރު އަންބަކާއި ދަރިއަކު ވެސް ހުރެއެވެ.