02 Mar 2022, 10:05
"ތި ގޮތަށް ނުރޮއި މިންހާ. މިންހާ ތިގޮތަށް ރޯތަން ބަލާކަށް އަހަންނަކަށް ކުޅަދާނެއެއް ނުވާނެ. އަހަރެން މިންހާ އެދޭ ގޮތަށް ކަންތައް ކޮށްދޭނަން..."
ޝިޒާން ފުންނަޒަރަކުން މިންހާއަށް ބަލައިލިއެވެ. މިންހާވެސް ޝިޒާންގެ އެ ޖުމްލަތަކާއެކު އިސްއުފުލައިލާ ޝިޒާންއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު މިންހާގެ ލޮލުގެތެރޭގައި ޖަމާވެފައިވާ ކަރުނަތައް ފެނި ޝިޒާންގެ ހިތުގައި ރިއްސައިލިއެވެ. މިހުރިހާދުވަހު މިންހާ އެހާވަރަށް ވަރިކުރަން ކީއިރު، ވަރިނުކުރުމަކީ އޭނާއަށް ކުރެވުނު ކުށެއްބާއޭ ޝިޒާންގެ ހިތަށް އަރަމުން ދިޔައެވެ. މިންހާގެ ދެލޮލުން އޭނާއަށް ފެނުނީ އިންތިހާ ވޭނެއެވެ. އިންތިހާ ކެކުޅުމެވެ. މީގެ ކުރިން ދުވަހަކުވެސް އެ ދެލޮލުން އޭނާއަށް އެފަދަ ވޭނެއް ފެނިފައެއް ނުވިއެވެ. ޝިޒާންއަށް އޭނާގެ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވެން ފެށިއެވެ. ޝިޒާންގެ ޓާކިޝް ގްރީން ކުލައިގެ ދެލޮލަށް ބަލައިލި މިންހާއަށް ވެސް ހުއްޓުން އަރާ ގޮތްވިއެވެ. ޝިޒާންގެ ދެލޮލުގައި ވި ތޫނު ކަމާއި އެ ދެލޮލުގައިވި އަސަރުތައް މާނަކުރަން އޭނާ ނުކުޅެދުނެވެ. ޝިޒާން އޭނާ އެދޭ ގޮތަށް ކަންތައްކޮށްދޭނަމޭ އެބުނީ އަނެއްކާ އޭނާ ވަރިކުރަންހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު މިންހާ އިތުރަށް ހިތްދަތިވެ ރޮވޭ ގޮތްވިއެވެ.
"ތިބުނީ...ތިބުނީ ކީކޭ؟" ތުރުތުރު އަޅަމުންދިޔަ އަޑަކުން މިންހާއަށް ޝިޒާންއާ ސުވާލުކޮށްލެވުނެވެ.
"އަހަރެން މިންހާ ވަރިކޮށްދޭނަމޭ. މީގެފަހުން މިންހާ އެކަމާ ހާސްވާކަށް ނުޖެހޭނެއޭ..." ޝިޒާން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. މިންހާގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާއަށް އަންގައިދޭންވެގެން އެ އުޅޭ އެއްވެސް އެއްޗެއް އޭނާއަކަށް ފަހުމްވާގޮތެއް ނުވިއެވެ. ޝިޒާންގެ އެ ޖުމްލައާއެކު މިންހާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އޭނާއަށް ބަލަން ހުރުމަށްފަހު، މިންހާ ތެދުވިއެވެ. އެއަށްފަހު ޝިޒާންގެ މޭގައި އޭނާގެ އަތުން ޖެހިއެވެ. އެކަމަށް ނުވިސްނާހުރި ޝިޒާން ނުވެއްޓުނީވެސް ކިރިޔާއެވެ.
"ދޭ... ދޭ... މިތަނުން ނުކުމޭ..." ރުޅިއާ ދެރަ އެކުވެގެން މިންހާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. އޭނާއަށް ޝިޒާން ކޮށްޕާލެވުނެވެ. މިންހާއަށް ބަލައިލުމަށްފަހު ޝިޒާން، ގޮސް ކޮޓަރިން ނުކުތެވެ. އެއާއެކު މިންހާ، ވެސް ނުކުމެލިއެވެ. އޭރު ޝިޒާން ގޮސް އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ. ޝިޒާން އެގޮތަށް ދިޔުުމުންވެސް މިންހާއަށް ކަމަކު ނުދިޔައެވެ. އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޝިޒާން އޭނާ ވަރިކުރާނެ ކަމަށް ބުނުމާއެކު އޭނާގެ ހިތުގެ ހިނގުންވެސް އެވަގުތު މަޑުޖެހިލިއެވެ. ޝިޒާންއާ މެދު އެ ހިތުގައި އިޙްސާސްތަކެއް ވާކަން އެހިތަށް ފުރަތަމަ ފަހުމްވީ އެވަގުތެވެ. މާ ބޮޑަށް ރޮވެން ފެށުމުން ކޮޓަރި ތަޅުލުމަށްފަހު، އޭނާ ގޮސް އެނދުގައި ބަންޑުން އޮށޯވެލިއެވެ. އެއާއެކު އޭނާގެ ކަރުނަތައް ބާލީހުގެ ތެރެއަށް ހިނދެން ފެށިއެވެ. މިންހާގެ މަޑު ގިސްލުމުގެ އަޑު އޭރުވެސް ކޮޓަރި ތެރޭގައި ހަރުލާފައި ހުރިއެވެ.
ކޮންމެ ވަގުތަކުވެސް ޝިޒާން އޭނާ ވަރިކޮށްލަފާނެތީ އެަކަމުގެ ބިރުވެރިކަން މިންހާގެ ހިތުގައި ބޮޑުވިއެވެ. މިންހާއަށް އޭރު ނޭނގުނުކަމަކީ މިހާރު އޭނާއަށް ރޮވެމުން އެ ދަނީ އާހިލްގެ ބޭވަފާތެރިކަމުން ނޫންކަމެވެ. އެކަމަކު ޝިޒާންގެ ދުލުން އޭނާ ވަރިކުރާނެކަމަށް ބުނުމުން ކަމުގައެވެ. އެތައް އިރެއް ވީއިރުވެސް މިންހާގެ ރުއިމެއް ނުހުއްޓެއެވެ. އެރޭ ހަތަރު ދަމު މިންހާ ހޭދަކުރީ ރުއިމުގައެވެ. އެންމެ ފަހަރަކުވެސް ޝިޒާން އޭނާގެ ޙާލު ބަލައިލަން ނައީތީ މިންހާއަށް އެކަމާ ހިތާ ހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ. އޭނާއަށްޓަކައި ޝިޒާންގެ ހިތުގައި މިހާރު އިޙްސާސްތަކެއް ނެތީހެއްޔެވެ؟ އޭނާ އުޅުނުގޮތުން ޝިޒާން އޭނާ މަތިން ފޫހިވީހެއްޔެވެ؟ އިތުރަށް އެ ދިރިއުޅުމުގައި އުޅެން ޝިޒާން ބޭނުންނުވަނީ ހެއްޔެވެ؟ އޭނާ ވަރިކުރާނަމޭ ޝިޒާން އެބުނީ ހާދަ ފަސޭހައިންނެވެ. މިންހާއަށް އެނދުން ތެދުވެ އިށީނދެވުމާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. އޭނާގެ ހިތުގައި ޝަކުވާތައް އުތުރި އަރަން ފެށިއެވެ. ޝިޒާންއާ މެދުގައެވެ.
ކުރަންވީ ކީއްކަމެއް މިންހާއަކަށް ނޭނގުނެވެ. ފަތިސްވީއިރުވެސް ޝިޒާންގެ ހަބަރެއް ނުވެއެވެ. މިންހާ އެނދުން ތެދުވިއެވެ. އޭނާ ކޮޓަރިން ނުކުމެލިއެވެ. އެއަށްފަހު، ޝިޒާން އުޅޭ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ދޮރު ހުޅުވައިލިއިރު، ޝިޒާން ފެންނާކަށް ނެތެވެ.
އެދުވަހު ހަތަރު ދަމު ކަހަލަގޮތަަކަށް މިންހާއަށް ޝިޒާންއެއް ނުފެނެއެވެ. ރޭގަނޑުވެސް ޝިޒާންގެ އިންތިޒާރުގައި މިންހާ އެތައް ދަމެއް ހޭލާ އިނެވެ. އޭނާއަށް ނިދުނީވެސް ބޮޑު ކޮަޓރިތެރޭގައި އިން ސޯފާގައި އިންދައެވެ.
*****
ޝިޒާން ގެއަށް އައިސް ވަނީ މެންދަމުން އަލިވެ ދެއެއް ވެސް ޖެހިފަހުންނެވެ. ގޭތެރެއަށް ވަތްއިރު، އެތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ގޭތެރެއަށް ބަލައިލިއެވެ. އެއަށްފަހު އަތުގައި އޮތް ފައިލަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. ދާން އުޅުނުވަގުތު، އެއްފަރާތު ސޯފާއާދިމާލުން އެއްޗެއް ހަރަކާތްކޮށްލިހެން ޝިޒާންއަށް ހީވިއެވެ. ރަނގަޅަށް ބަލައިލުމުން އެއީ މީހެއްކަން އޭނާއަށް ޔަޤީންވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ޝިޒާން އެދިމާލަށް މިސްރާބުޖެހިއެވެ. ކައިރިއަށް ހުއްޓި ބަލައިލުމުން އެއީ މިންހާކަން ޝިޒާންއަށް ދެނެގަނެވުނެވެ. އޭނާ މަޑުމަޑުން ކަކޫ ޖައްސައިލާ ސޯފާގެ ކައިރީގައި އިށީނދެލިއެވެ. އެއަށްފަހު މިންހާގެ މޫނަށް ވަަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ނިދާފައި އޮތްއިރުވެސް، އެ މޫނުމަތިން މާޔޫސްކަން ޝިޒާންއަށް ފާހަގަވިއެވެ. ދެލޮލުގައި ދުޅަކަމެއް ހުއްޓެވެ. ނިދިފައި އޮތްއިރުވެސް ކޮންމެވެސް ވަރަކަށް މިންހާއަށް ގިސްލެވެމުންދިޔަކަން ޝިޒާންއަށް އެނގެއެވެ.
"އައި ލަވްޔޫ މިންހާ... އައި ލަވް ޔޫ ސޯ މަޗް... އަހަރެން މިންހާ ވަރިނުކުރާނަމޭ ބުނީ މިންހާއަށް ރަނގަޅަކަށް. އެ އާހިލްގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ. އޭނާގެ އަތް މައްޗަށް އަހަރެން މިންހާ ދޫކޮށްލައިފިނަމަ މިންހާއަށް ދުވަހަކުވެސް އުފާވެރިޙަޔާތެއް ނުލިބޭނެ. އަހަރެން މިންހާގެ ބައްޕައަށް ވައުދުވިން މިންހާއަށް އެއްވެސް ހިތާމައެއް ނުދޭނެކަމުގައި. ވީއިރު އަހަރެން ކިހިނެއް އާހިލްގެ އަތްމައްޗަށް މިންހާ ދޫކޮށްލާނީ. އަދި ޚުދު އަހަރެންވެސް އެހާ މިންހާ ދެކެ ލޯބިވާއިރު. އެކަމަކު މިހާރު އަހަންނަށް ހީވާން ފަށައިފި، އަހަންނާ ހެދި މިންހާއަށް އިތުރު ހިތާމައެކޭ ލިބެނީ. އެހެެންވީމަ އަހަރެން މިންހާ އިތުރަށް ހިފައްޓާކަށް ނެތިން." ޝިޒާން ވާހަކަ ހުއްޓައިލިއެވެ. އޭނާ މިންހާގެ ނިތްމައްޗަށް ވެއްޓިފައިވީ އިސްތަށިތައް އެއްފަރާތްކޮށްލަމުން އެ މޫނުގައި ފިރުމައިލިއެވެ. ވަރިކުުރުމުގެ ކުރިން އެންމެ ފަހަރަކު އެމޫނުގައި ބޮސްދޭން ޝިޒާން ބޭނުންވިއެވެ. އޭނާ މަޑުމަޑުން ގުދުވެލިއެވެ. އެއަށްފަހު، މިންހާގެ ނިތުގައި އޭނާ ތުންފަތް ޖައްސައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޝިޒާން ދުރުވެލިއެވެ. އޭނާގެ ނަޒަރު މިންހާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ހުއްޓުމާއެކު ޝިޒާންއަށް ނަޒަރު ދުރުކޮށްލަން އުނދަގޫވިއެވެ. ޙަލާލު އަނބިމީހާ ނަމަވެސް، މިންހާގެ ނުގަބޫލުގައި އިތުރުކަމެއްކުރަން ޝިޒާން ޖެހިލުންވިއެވެ. އެހެންނަމަވެސް މިފަހަރު އޭނާއަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން ގުދުވެލުމަށްފަހު، އޭނާ މިންހާގެ ތުންފަތަށް ބޮސް ދިނެވެ. އެއަށްފަހު ދުރުވެލިއެވެ.
"އައި ލަވް ޔޫ..." ޝިޒާންގެ ދުލުން އެ ބަސްތައް ބޭރުވިއިރު، އޭނާގެ ދެލޮލަށް ވެސް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވެފައިވެއެވެ.
މިންހާ އެތަނުގައި އޮތުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ޝިޒާންއަށް ލިބުނުނަމަވެސް، އޭނާ މިންހާ ހޭލުއްވާކަށް ނޫޅުނެވެ. ސިޑިން އަރައިގެން ކޮޓަރިއަށް ދިޔުމަށްފަހު ޝިޒާން އޭނާގެ އަތުގައި އޮތް ފައިލް ސައިޑް ކަބަޑުމަތީގައި ބާއްވަމުން ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު އޭނާ އެނދުގައި އޮށޯވެލީ މިރޭ އަދި އޭނާ ކުރަން ޖެހޭ ބައިވަރުކަންތައް ހުރީތީ ކުޑަކޮށް އަރާމުކޮށްލުމުގެ ނިޔަތުގައެވެ.
******
މިންހާއަށް ހޭލެވުނީ ހެނދުނު އަށެއް ވެސް ޖެހިފަހުންނެވެ. އޭނާ ތެދުވެ ވަށައިގެން ބަލައިލިއެވެ. އޭރު ރާމިޒާ އެތަނުގައި ހުއްޓެވެ.
"މިންހާއަށް ގޮވައިލަން ވެގެން މިއުޅެނީ. ރޭގައި މިތަނުގައިތަ ނިދީ؟" ރާމިޒާ ސުވާލުކޮށްލިއެވެ.
"އާނ... ނިދުނީ...." މިންހާ ކުރު ޖަވާބެއް ދިނެވެ. ރާމިޒާ ހިނގައިގަންނަން އުޅުމާއެކު މިންހާ ރާމިޒާއަށް ގޮވައިލިއެވެ.
"ރާމިޒައްތާ..."
"ކީކޭ މިންހާ؟" ރާމިޒާ ސުވާލުކޮށްލިއެވެ.
"މީ... ޝިޒާން ބޭރަށް ގޮސްފިތަ؟ ގެއަށް އައިތަ ރޭގަ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ. ރާމިޒާ ބުނީ ޝިޒާން ނުދެކޭ ކަމުގައެވެ. މިންހާ ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ހިތުގައި ވި ހައިޖާނުގަނޑު އޭރުވެސް ކުޑައެއް ނުވިއެވެ. އޭނާ ދެރަވިއެވެ. ޝިޒާންއަށް އޭނާ މުހިންމު ނުވީތީއެވެ. ދެރައާ އެއްވަރަށް މިންހާއަށް ރުޅިވެސް އާދެވުނެވެ.
އެދިޔަ ގޮތަށް ގޮސް މިންހާ ޝިޒާންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު ޝިޒާން ޑްރެސިންޓޭބަލް ކައިރީގައި ހުއްޓެވެ. އެ ދިޔަ ބާރުމިނުގައި ގޮސް މިންހާ ޖެހީ ޝިޒާންގެ ބުރަކަށީގައެވެ. އެއާއެކު އޭނާއަށް ރޮވެން ފެށުނެވެ. ޝިޒާންގެ ގަމީހުގައި ހިފައްޓައިލައިގެން ހުރެ މިންހާ ރޮމުން ދިޔައެވެ. އެހެން ހުރެފައި އޭނާ ޝިޒާންގެ ބުރަކަށީގައި މޫނު ޖައްސައިލިއެވެ. އެއާއެކު ޝިޒާންއަށް ބުރަކައްޓާ ދިމާލުން ތެތްކަން އިޙްސާސްވިއެވެ. މިންހާ އެގޮތަށް ރޯން ފެށުމުން އޭނާ ހުރީ ހައިރާންވެސް ވެފައެވެ. ވަގުތުން މިންހާ ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރު ކޮށްލަން ވެސް ޝިޒާންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. މަޑުމަޑުން އެނބުރިލުމަށްފަހު އޭނާ މިންހާ ދުރުކޮށްލިއެވެ.
"މިންހާ. އަހަރެން މިއުޅެނީ މިންހާ ބޭނުންވާގޮަތަށް ކަންތައް ކޮށްދޭށޭ...." ޝިޒާން ބުނެލިއެވެ. މިންހާއަށް ރޮވޭވަރުން އެއްޗެއް ނުބުނެވެއެވެ. މިންހާއެހުރި ގޮތަށް ބަހައްޓާފައި ޝިޒާން ހިނގައިގަތެވެ. މިންހާއަށް ހުރިތަނަށް ތިރިވެވުނެވެ. މޫނުގައި އަތް އަޅާލައިގެން އިންދާ ޝިޒާން ނުކުމެގެން ދިޔައީ އޭނާ ސައިޑް ކަބަޑުމަތީގައި ބޭއްވި ފައިލްވެސް ހިފައިގެންނެވެ.
ޝިޒާން ދިޔަކަން މިންހާއަށް ޔަޤީންވީ ކޮޓަރީގެ ދޮރު ލައްޕައިލިއަޑު އިވިފައެވެ. މިންހާ ރޮމުން ރޮމުން ތެދުވިއެވެ. ޝިޒާން ކަންތައްކުރި ގޮތުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދާގޮތްވިއެވެ. ދެރައާ ރުޅި އެކުވެގެން އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގެއެވެ. އެނދުގައި ހުރި ބާލީސްތައްވެސް އެކި ތަންތަކަށް އުކައިލިއެވެ. އެއަށްފަހު ޑްރެސިންޓޭބަލް މަތީގައި ހުރި އެއްޗެހިވެސް އުކައިލިއެވެ. އަލަމާރި ހުޅުވުމަށްފަހު އޭގައި ހުރި އެއްޗެހިވެސް އޭނާ އެކި ތަންތަކަށް އުކަމުންދިޔައެވެ. ވަތްގަނޑެއްގައި ހުރި އެއްޗެހިތަކެއް އުކަމުންދަނިކޮށް ރިތިގޮތަކަށް އޮތް ފޮއްޓެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ވިސްނާނުލާ އެ އެއްލާލެވުނު ގޮތަކުން އޭގެ އެތެރޭގައި އޮތް ފޮތެއް ވެއްޓުނެވެ. މިންހާގެ ސަމާލުކަން އެ ފޮތަށް ހުއްޓުނެވެ. އޭނާ ކަރުނަތައް ފުހެމުން ގޮސް އެ ފޮއްޓާއި ފޮތް ނެގިއެވެ.
(ނުނިމޭ)