ކިޔެވް (2 މާޗް 2022): ޔުކްރޭންގެ ވެރިރަށް ކިޔެވް ހިފުމަށްޓަކައި އެސިޓީއާ ދިމާއަށް މިސްރާބު ޖަހާފައިވާ ރަޝިއާގެ ބިޔަ ލަޝްކަރާ ކުރިމަތިލުމަށްޓަކައި އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ތައްޔާރުކުރާ ބައިނަލްއަގްވާމީ ކުލީ ސިފައިންގެ ލަޝްކަރުގެ ހަނގުރާމަވެރިންނަށް ވިސާއަކާ ނުލައި ޔުކްރޭނަށް އެތެރެވެވޭގޮތް އެގައުމުގެ ރައީސް ވްލަޑިމީރު ޒިލެންސްކީ ހަމަޖައްސަވައިފިއެވެ.

ޒިލެންސްކީ ވިދާޅުވީ ރަޝިއާގެ ލަޝްކަރުތަކަށް މީގެކުރިންވެސް ޔުކްރޭނަށް ނުވަދެވުނީ ޔުކްރޭންގެ އާންމުންގެ އެތައް ހާސް ބަޔަކަށް ހަތިޔާރު ފޯރުކޮށްދީ ސިޓީ ތަކުގެ މަގުތަކާއި ގޯޅިތަކުގެ ހަނގުރާމައަކަށް ޔުކްރޭން ތައްޔާރުވުމުން ކަމަށާއި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަންބޭނުންވާ އެހެން ގައުމުތަކުގެ މީހުންނަށްވެސް މިހާރު ޔުކްރޭނުން އެފުރުސަތު ހުޅުވާލާފައިވާ ކަމުގައެވެ.

ބައިނަލްއަގްވާމީ ކުލީ ސިފައިން

ޒެލެންސްކީ އިއްޔެވަނީ ރަޝިއާ އާ ހަނގުރާމަ ކުރުމަށްޓަކައި އެހެން ގައުމުތަކުން ވޮލަންޓިއާ ކޮށްގެން އަންނަ މީހުންނާއި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ހޯދާ ކުލީ ސިފައިން ހިމެނޭގޮތަށް ހުޅަނގުގެ މާލީ އަދި އަސްކަރީ އެހީގައި "އިންޓަނޭޝަނަލް ލީޖަން އޮފް ޓެރިޓޯރިޔަލް ޑިފެންސް އޮފް ޔޫކްރެއިން" ގެ ނަމުގައި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރާ ކުލީ ސިފައިންގެ ޚާއްސަ ބާރެއް އުފެއްދިކަން އިއުލާން ކުރައްވާފައެވެ.

ޔުކްރެއިންގެ ވެރިރަށް ކިޔެވް

މި ހަނގުރާމަވެރިންނަށް ވިސާއަކާ ނުލައި ޔުކްރޭނަށް އެތެރެވުމުގެ ހުއްދަދޭ ރިޔާސީ ޑިކްރީއެއްގައި ޒިލިންސްކީ އިއްޔެވަނީ ސޮއިކުރައްވާފައެވެ. ޔުކްރޭން ހަނގުރާމައަށް ބޭރުމީހުން (ޚާއްސަކޮށް ޔޫރަޕްގެ ކުލީ ސިފައިންނާއި ވޮލަންޓިއަރުން) ވެއްދުމަށް ޔުކްރޭންގެ ރިޔާސަތުން ނިންމާފައިވަނީ ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ޙަމަލާތަކަކީ ޔޫރަޕާ ދެކޮޅަށް ރަޝިއާ ކުރާ ހަނގުރާމައެއްކަމަށް ޒިލިންސްކީ ސިފަކުރެއްވުމަށްފަހުއެވެ.

ޔުކްރެއިން ދެވަނަ އަފްޣާނިސްތާނަށް

މި ހަނގުރާމައިގާ ޔުކްރޭން މީހުން ހަނގުރާމަ ކުރިނަމަވެސް ޔުކްރޭނަށް ބޭނުންވާ ހަތިޔާރާއި ފައިސާއާއި ވަސީލަތްތައް ދެނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. ޔުކްރޭން ރައީސް ޒިލިންސްކީގެ މި ނިންމުމަކީ ޔުކްރޭން ދެވަނަ އަފްޣާނިސްތާނަށް ނޫނީ ދެވަނަ ސޫރިއާއަށް ވެގެންދާނެކަމެއް ކަމަށް ވިދާޅުވެ ޔުކްރޭންގެ ރަޝިއާ ދަރިކޮޅުގެ ލީޑަރުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އައިއެސްގެ ހަނގުރާމަވެރިން

ސޫރިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ބައްޝާރުލް ޖަޢްފަރީ ވަނީ އެމެރިކާއިން ރަޝިއާއާ ހަނގުރާމަ ކުރުމަށްޓަކައި ސޫރިޔާގެ އިދްލިބްގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އެހެން ހެދުމެއް އަޅުވައިގެން އޮޅުވާލުމެއްގެ ތެރެއިން ޔުކްރޭނަށް ގެންދިޔުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އައިއެސް އާއި އެމެރިކާގެ ޖާސޫސީ އިދާރާއާ ގުޅުން އޮންނަކަމާއި އައިއެސް އަކީ އެމެރިކާގެ ޖާސޫސީ އިދާރާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ އުފެއްދުމެއް ކަމަށް ސޫރިޔާއިން އަބަދުވެސް ތުހުމަތު ކުރެއެވެ.

ޔުކްރޭންގެ ބޮޑު ސިޓީއެއް ކަމަށްވާ މެރިއުޕޮލް

ކިޔޭވް ގެ ދިފާއުގައި ޔުކްރޭންގެ ސިފައިންގެ އިތުރުން އެސިޓީގެ ޢާއްމުން ހަތިޔާރު ހިފައި ގެރިއްލާ ބޮޑު ހަނގުރާމައަކަށް ތައްޔާރުވުމުން ކިޔޭވް ހިފުމުގައި އުއްމީދުކުރިވަރުގެ ކުރިއެރުމެއް ހޯދުމަށް މިހާތަނަށް ރަޝިއާއަށްވަނީ ދަތި ކަމަކަށް ވެފައެވެ.

ކިޔޭވް ހިފުމަށްޓަކައި ރަޝިއާ މިހާރު ތައްޔާރުކޮށްފައިވަނީ ވަރަށް ބިޔަ ލަޝްކަރެކެވެ. އެލަޝްކަރުގެ ދިގުމިން 64 ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާކަމަށާއި އެލަޝްކަރު ކިޔޭވް އާ ގާތްވަމުންދަނީ ވަރަށް މަޑުމަޑުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ލަޝްކަރަށް ލޮޖިސްޓިކް މައްސަލަތައް

ރަޝިއާގެ ލަޝްކަރުގެ ކުރިއެރުން ލަސްވަނީ ލޮޖިސްޓިކް މައްސަލަތަކާ ގުޅިގެންކަމަށް މިކަން ދިރާސާ ކުރައްވާ އަސްކަރީ ތަޖްރިބާކާރުން ފާހަގަ ކުރައްވައެވެ. ނަމަވެސް ރަޝިއާ މިހާރު ގެންދަނީ ވަރަށް ބާރުގަދަ ހަތިޔާރުތައް ޔުކްރޭން ސިފައިންގެ ޙައްސާސް މަރުކަޒުތަކަށާއި ކޮމިއުނިކޭޝަން މަރުކަޒުތަކާ ދެކޮޅަށް ބޭނުންކުރަމުންނެވެ.

ރަޝިއާ ބާރުގަދަ ހަތިޔާރު ބޭނުންކުރަނީ

ރަޝިއާއިން ވަނީ، ކުޑަ ނިއުކްލިޔާ ބޮމެއްގެ ގޮތުގައި ސިފަކުރެވޭ ވެކިއުމް ބޮންވެސް ބޭނުންކޮށްފައެވެ. މީގެއިތުރުން ކިއޭވްގެ މައި ޓީވީ ޓަވަރުވެސްވަނީ ގޮއްވާލާފައެވެ. އަދި ވަރަށް އެކިއުރޭޓް މިސައިލްތައް ބޭނުންކޮށްގެން ޔުކްރޭން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތައް ގޮއްވާލަމުން ގެންދާކަމަށްވެސް ރަޝިއާއިންވަނީ ބުނެފައެވެ.

ރަޝިއާ ބުނާގޮތުން މިހާތަނަށް އެގައުމުން ވަނީ ޔުކްރޭން ސިފައިންގެ 1500 އަށްވުރެ ގިނަ އެކި ބާވަތުގެ އަސްކަރީ މަރުކަޒުތައް ގޮއްވާލައި އެތަންނުގެ ބޭނުން ނުކުރެވޭވަރު ކޮށްފައެވެ. މީގެތެރޭގައި ވައިގެ ބޭސްތަކާއި އެއާޕޯޓްތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކާއި ހަތިޔާރު ގުދަންތައް ހިމެނޭކަމަށް ވެއެވެ.