އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޕީޓަބަރާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުން ސިޓީ ޕީޓަބަރާ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ރަނގަޅަށް ކުޅެފައި ވަނީ ވެސް ސިޓީއިންނެވެ. ޕީޓަބަރާ އިން ސިޓީގެ ގޯލަށް ފުރަތަމަ ހާފުގައި އަމާޒުކޮށް ހަމަލާއެއް ފޮނުވާލިއެވެ. އެ ހަމަލާ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފައެވެ.

ސިޓީ އިން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ރިޔާދު މާރޭޒް އެވެ. ޕީޓަބަރާގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝްއެވެ. އޭނާ މި ލަނޑު ޖެހީ ފިލް ފޯޑެން ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު މިޑްލްސްބަރާ އިން ވަނީ ޓޮޓެންހަމް މުބާރާތުން ކަޓުވާލާފައެވެ. އެ ޓީމު ވަނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕެނަލްޓީއިން ޔުނައިޓެޑް ބަލިކޮށް އެ ޓީމު ވެސް ކަޓުވާލާފައެވެ.

ރޭގެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވީއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ.

މިޑްލްސްބަރާގެ ހަމައެކަނި ލަނޑު 107 ވަނަ މިނެޓުގައި ޖެހީ ޖޯޝް ކޮބާން އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ހޫގޯ ލޮރީސްގެ ފައިގައި ޖެހިފައެވެ.

އެފްއޭ ކަޕްގައި ރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ.