02 Mar 2022, 08:40
ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރީ 2020ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ދުވާފަރު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބުނުކަމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވައިގެންކަމަށް އާމިރު ވިދާޅުވެއްޖެއެވެ.
އާމިރު މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރަން އުޅޭތާ އެތައް ޒަމާނެއް ވެއްޖެކަމަށާއި މިއޮއްހާ ދުވަހު މަަސައްކަތްކުރީ ވަކިކުރާނެ ހުއްޖަތެއް ހޯދަން ކަމަށެވެ.
"އަޅުގަނޑެއް ނޫން ކެމްޕޭން މެނޭޖަރަކީ. އަޅުގަނޑެއް ނޫން ކެމްޕޭންގެ އެއްވެސް ކަމެއްގައި އުޅުނު މީހަކީ. ތެދުފުޅެއް އަޅުގަނޑު ހުރީ ސިއްހީ މަރުކަޒަށް ރައީސް އައްޔަނު ކުރައްވާފަ. އަޅުގަނޑު ކެމްޕޭނުގައި ބައިވެރިވިން،" އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ސިޔާސީ ގޮތުންހުންނަން ޖެހެނީ އެއްޗެކޭ ނުބުނެ އެއްވެސް ވާހަކައެއް ނުދައްކާ އެ ދާއިރާގެ މެންބަރު ބޭނުންވާ ގޮތަކަށް ރުހިގެން ތާއިދުކޮށްގެން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ކުރިމަތިވީ އޭނާއާ ދެކޮޅަށް ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅައިފައި ވަނިކޮށްނެވެ.
"އެ ބޭފުޅުން ދެއްކި ދެއްކުން ކޮޅެއްގައި ނުޖެހި ވަނިކޮށް ޗެއާޕާސަން އިންތިޚާބު މި އައީ. އައީމަ އަޅުގަނޑު ފަށާނީ ޗެއާޕާސަން އިންތިޚާބުންތާ. މިހިރީ އިންތިއާއެއްކޮށް ގަދަކޮށް އިރާދަކުރެއްވިއްްޔާ،" އާމިރު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މަސައްކަތުގައި އާމިރު އުޅެމުންދަނިކޮށް އޭނާއަށް އިންޒާރު އަންނަން ފެށި ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރަނގަޅު ކޮށްލަން ޖެހޭ ކަމަށް ބުނެ މެސެޖުތައް އަންނަން ފެށިކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ދެން އޭގެ މާ ފަހުން ވަޒީފާއަށް ފަރުވާ ކުޑައޭ، ވަޒީފާއަށް ނުނިކުންނަނީ އޭ ބުނީމަ އަޅުގަނޑަށް ސުވާލު އުފެދެނީ ދުވާފަރު ދާއިރާގެ މެންބަރުތޯ އެއީ އަޅުގަނޑުގެ މަަސައްކަތް މޮނިޓާ ކުރަން ހުންނަ ބޮޑީއަކީ އިނގޭތޯ،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވި ގޮތުގައި އޭރު ވެސް އޭނާއަށް ރައީސް އޮފީހުން ސުވާލެއް ނުވަތަ އެއްވެސް އެހެން ކަރުދާހެއް ވެސް ނުލިބެއެވެ. އޭނާއަށް ވަޒީފާއިން ވަކިކުރިކަން އެންގީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފޯނުން ގުޅައިފައެވެ. އެކަމަކު ވަކިކުރި ސަބަބު އޭރު ވެސް ނޭނގޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އޭނާއަށް އެއަށްފަހު ލިބުނު ސިޓީގައި ވެސް އޮތީ ހަމައެކަނި ވަޒީފާއިން ވަކިކުރިކަމަށް ކަމަށެވެ. އެ ސިޓީގައި ވެސް ސަބަބެއް ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.
އިތުރަށް އާމިރު ވިދާޅުވީ އޭނާ ވަޒީފާއަށް ފަރުވާކުޑަކޮށް، ވަޒީފާއަށް ނުނިކުންނަނަމަ އެއީ މައްސަލައެއް ކަމަށާއި، އެހެންވެއްޖެނަމަ ދުވާފަރު ހެލްތު ސެންޓަރުގައި އޭނާ ނުހުންނާނެކަމަށެވެ.
"އެކަން އަޅުގަނޑު އެގޮތަށް ކުރަންޏާ ބުނަން ޖެހޭނެ ތި ގޮތަށް ތިކަން ނުކުރާށޭ. ތިއީ ގޯސް ގޮތެކޭ. އޭގެ އެއްވެސް ކަމެއް ނެތި ގުޅާފަ ވިދާޅުވަނީ ތި ހުރީ ވަޒީފާއިން ވަކިކޮށްފައޭ،" އާމިރު ވިދާޅުވިއެވެ.
އާމިރު ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ބިރުދެއްކުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.