14 Mar 2012, 16:24
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އިނގިރޭސި ވިލާތުގެ ޕީރާ ފާމް، ރޫސްޓާ އާއި ޓޫރިޒަމް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ އޮންލައިން ނޫސް "ބީޓީއެން" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ]އެމްއެމްޕީއާރުސީ[ގެ އެމްޑީ މުހަންމަދު އާދަމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދުވަސްވަރު "ރޫސްޓާ"އަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށާއި އެ ކުންފުނީގެ ސަބަބުން އިނގިރޭސި ވިލާތުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.
"ޔޫކޭއަކީ ރާއްޖޭގެ އެންމެ މުހިންމު މާކެޓް. އެހެންވީމާ މިއީ ހަމަ އެންމެ ރަނގަޅު ޗޮއިސް،" އާދަމް ވިދާޅުވެފައިވެ އެވެ.
ރުސްޓާ އަކީ ލައިފް ސްޓައިލް އާއި ޓްރެވަލް ޕްރޮމޯޓްކުރާ އިނގިރޭސި ވިލާތުގެ އެންމެ ބިޔަ އެއްކުންފުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ބޮޔެކޮޓް ކުރުމަށް ގޮވާލައި ކެމްޕޭންތަކެއް ފްރެންޑްސް އޮފް މޯލްޑިވްސް އިން އަންނަނީ އިނގިރޭސި ވިލާތުގެ ކުރިއަށް ގެންދަމުންނެވެ. އެ ކެމްޕޭނާއި އެކު ޓޫރިޒަމް މިނިސްޓްރީ އިން ވެސް ވަނީ ހާއްސަ ކެމްޕޭނުތަކެއް ފަށައިފަ އެވެ. އެގޮތުން ލަންޑަންގައި އިއްޔެ ވަނީ ޕްރެސްކޮންފަރެންސެއް ވެސް ބާއްވައިފަ އެވެ. އަދި އައިޓީބީ ފެއާގައި ވެސް ރާއްޖެ އިން ވަނީ ތަފާތު މަސައްކަތްތަކެއްކޮށްފަ އެވެ.