އެކަށީގެންވާ ފަރުވާ ނުދެވޭނަމަ ސިއްހަތަށް ނުރައްކާވާ ބައްޔެއް ކަމަށްވާ ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަކީ ރާއްޖޭގައިވެސް އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ މީހުން ތައްހައްމަލު ކުރަމުންދާ ބައްޔެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރު، ރާއްޖޭގައި ހަކުރު ބަލި ޖެހިފައިވާ މީހުންގެ ނިސްބަތް ވަނީ އާބާދީގެ 9.2 ޕަސެންޓަށް އަރާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޒުވާނުންނަށް ވާއިރު ހަކުރު ބަލިން ދުރުހެލިވުމަށްޓަކައި މި ބައްޔާ މެދު ގިނަ ބައެއްގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަކީ މުހިންމުކަމެކެވެ.

ހަކުރު ބަލީގެ ވާހަކަ އަޑުއިވުމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ މި ބަލި ޖެހެން ދިމާވާ ސަބަބަކީ ހަކުރު އެކުލެވޭ ކާނާ މާ ގިނައިން ކެއުން ކަމަށެވެ. ނަމަވެސް މިއީ ކުށްހީ އެކެވެ.

ސިއްހަތު ރަނގަޅު ކޮންމެ އިންސާނެއްގެ ބަނޑުގެ ފަހަތުގައިވާ "ޕެންކްރިއަސް" ކިޔާ ގުނަވަނެއް ވާނެއެވެ. މި ގުނަވަނުގެ މަސައްކަތަކީ މުޅި ހަށިގަނޑަށް އިންސިއުލިން ފޯރުކޮށްދިނުމެވެ.

ހަކުރު ބަލީގައި ދެ ވައްތަރެއްވެއެވެ. އެއީ ޓައިޕް ވަން އާއި ޓައިޕް ޓޫ އެވެ.

ހަކުރުބަލީގެ ޓައިޕް ވަން ޖެހުމުގެ ސަބަބަކީ ހަށިގަނޑު ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައި ނުދިނުމެވެ. އިންސިއުލިން އަކީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރާ މާއްދާ ކަމުން، އިންސިއުލިން މަދުވުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް މައްޗަށް ދެއެވެ.

އެހެންކަމުން ހަކުރު ބަލީގެ ޓައިޕް ވަން ހުންނަ މީހުން އިންސިއުލިން އިންޖެކްޝަން ބޭނުން ކުރަންޖެހެއެވެ.

ހަކުރު ބަލީގެ ޓައިޕް ޓޫ ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން އުފައްދާ ނަމަވެސް، ހަކުރު މަތިވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް އިންސިއުލިން އުފެއްދޭ ގޮތް ނުވުން ނުވަތަ އިންސިއުލިން ފުރިހަމައަށް ބޭނުން ނުކުރެވުން ހިމެނެއެވެ.

ހަކުރު ބަލީގެ ޓައިފް ޓޫ ޖެހުމަށް މަގުފަހިކުރާ ކަންތައްތައްތަކުގެ ތެރޭގައި މާ ބޮޑަށްފަލަވުން، ބައެއްކަހަލަ ބޭސްތައް ބޭނުންކުރުން، ކެއިން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތައް، ހެލިފެލިވެ ނޫޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

ހަކުރުބަލީގެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ބަނޑުހައިވުން ނުވަތަ މާބޮޑަށް ކާހިތްވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، އަވަސް އަވަހަށް ކުޑަކަމުދާންޖެހުން އަދި ދެވޭ މިންވަރު ގިނަވުން، އަތްފައި އައްސިިވުން އަދި ވަރުބަލި ވުމާއި ބޯއެނބުރުން ހިމެނެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހަކުރު ބައްޔަކީ އާއިލީ ގޮތުން ވާރުތަވުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. މިފަދަ އާއިލާތަކަށް ނިސްބަތްވާ މީހުންނަށް ދުރާލާ ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ގަވައިދުން ކަސްރަތު ކުރުން، ކެއުމުގައި މަދު މިންވަރެއް ގެންގުޅުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، ހަށިގަނޑުގައި ހަކުރު ހުރި މިންވަރު ބަލައި ޓެސްޓު ކުރުމާއި ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލައިގެން އުޅުމަކީ އެންމެ ބުއްދިވެރިގޮތެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް ބައްޓަންކުރުން ހިމެނެއެވެ.

"ރައްކާތެރިވެ ތިބިއްޔާ ދަތުރޭ" ބުނާ ފަދައިން މި ބަލިން ރައްކާތެރިވުމުގެ ގޮތުން މި ކަންތައްތައް ކުރުން މުހިންމެވެ.