މާޗް އެއް ވަނަ ދުވަހު މަޖިލީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ލައިންތައް ފަޅާލައި ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރަން އަންނަ ހަފުތާގައި ޝަރީއަތަށް ފޮނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅު ވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު މަޖިލީސް ކުރާގޭ ސަރަހައްދުގައި ހިގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި 23 މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ ހަފްތާގެ މެދު ތެރޭގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.

"މިމަހުގެ އެއްވަނަ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި 23 މީހުންގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފްތާގެ މެދު ތެރޭގައި ޝަރީއަތަށް ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ގަލާއި ދަނޑިބުރި، ދަގަނޑުބުރި ފަދަ ތަކެތިން ފުލުހުންނަށް ހަމަލާދީފައި ވާކަމަށެވެ. އަދި އެ ހަމަނުޖެހުންތަކުގައި 14 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވާކަމަށެވެ.

އަދި އެ ދުވަހުގެ ހަމަނުޖެހުންތަކުގައި އަނިޔާލިބުނު ފުލުހަކަށް ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްގެން ވެސް ފަރުވާ ދީފައެވެ.