ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙުމަދު ޝަރީފް އައްޔަނުކޮށްފިއެވެ.

ސްޓެލްކޯގެ އެމްޑީކަމަށް ޝަރީފް އައްޔަނުކޮށްފައިވަނީ މިއަދު ކަމަށް އެ ކުންފުނިން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

މިދިޔަ އަހަރު ޝަރީފް، އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވުމާއެކު، އޭނާ ސިޔާސީ މަގާމަކަށް އައްޔަނުކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އޭނާ ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމް، ޕީއެންސީގެ ފާޑުކިޔުން އަމާޒުވި ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާދެއްވުމަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޑީކަމުން ވަކިކުރުމަށްފަހު މުޣުނީ ބަދަލުކޮށްފައި ވަނީ އެނާޖީ އޮތޯރިޓީގެ އިސް މަގާމަކަށެވެ.

ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގެ އެމްޑީންގެ މަގާމަށް ބަދަލު ގެނައުމަށް ޕްރައިވަޓައިޒޭޝަން ބޯޑަށް ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަޙުމަދު ޝަފީގް ދެން އަދާކުރައްވާނެ މަގާމެއް އެނގިފައެއް ނުވެއެވެ.