ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ޚާއްސަ ތަނެއް ގާއިމްކޮށްފިއެވެ.

'ފަހި މާހައުުލު'ގެ ނަމުގައި އެ ޕްރޮޖެކްޓް ހިންގާފައިވަނީ ފ. އަތޮޅު މަދަރުސާގެ މުދައްރިސެއްކަމަށްވާ ފަތުޙުﷲ ޝާޠިރެވެ. ފ. އަތޮޅު ސްކޫލުގައި ގާއިމްކުރި ރީޑިން ޕާކަކީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އަމާޒުގައި ހިންގި ޕްރޮޖެކްޓެކެވެ.

ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ގާއިމްކޮށްފައިވާ މިތަނުގައި ވަނީ ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފައެވެ.

"މިގާއިމް ކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ. މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އެ ޕްރެޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުޙުﷲ ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. އެގޮތުން އަހަރުގެ ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.