01 Mar 2022, 15:46
މޮސްކޯ (1 މާޗް 2022): ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށްޓަކައި އެސިޓީއާ ގާތްވަމުންދާ ރަޝިއާގެ ބިޔަ ލަޝްކަރުގެ ދިގުމިން 64 ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާކަމަށާއި އެ ލަޝްކަރުތައް މިހާރުވަނީ ކިޔެވް އާ އެންމެ 15 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ލަޝްކަރު އެކުލެވިގެންވަނީ ގިނަ އަދަދެއްގެ ޓޭންކާއި ބަރު ހަތިޔާރުގެ އިތުރުން މީހުން ދަތުރުކުރާ އަސްކަރީ އުޅަނދުތަކުގެ މައްޗަށެވެ. މިއީ ކިޔޭވް ހިފުމަށް ރަޝިއާ މީގެ ދެތިން ދުވަސްކުރިން ކުރި މަސައްކަތް ނާކާމިޔާބުވުމުން އައު ޕްލޭނެއްގެ ދަށުން ފޮނުވާ ލަޝްކަރެއްކަމަށް ވެއެވެ.
އެމެރިކާގެ ކުންފުންޏެއްކަމަށްވާ މެކްސާ ޓެކްނޮލޮޖީޒް އިން ނަގާފައިވާ ސެޓަލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރަޝިއާ ލަޝްކަރުގެ ދިގުމިންވަނީ 64 ކިލޯމީޓަރަށް ދެމިގެން ގޮސްފައެވެ. މިލަޝްކަރުގެ އަމާޒަކީ ފުރަތަމަ ކިޔޭވް ވަށާލައި ހިސާރުކުރުމެވެ. އެއަށްފަހު އެސިޓީއަށް ވަދެގަނެ އެސިޓީގެ ކޮންޓްރޯލް ނެގުމެވެ.

ރަޝިއާ ބުނާގޮތުން އެގައުމުގެ ވައިގެ ބާރުތައް ވަރަށް ކުޑަކޮށް ނޫނީ ޔުކްރޭން ހަނގުރާމައިގާ އަދި ބޭނުން ނުކުރޭ
މިއާއެކު ޔުކްރޭންގައި އޮންނަ ރަޝިއާގެ ބާރުތަކުގެ މަރުކަޒަކީ ކިޔޭވް ކަމަށް ހަދައިގެން ވަކި ޕްލޭނެއްގެ ދަށުން ޔޫކްރޭންގެ ބޮޑެތި އެހެން ސިޓީތައް ހިފުމަށް ރަޝިއާ ރާވާފައިވާ ކަަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ރަޝިއާ ބުނާގޮތުން ޔުކްރޭންގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އޮތީ ރަޝިއާއަށެވެ. ރަޝިއާގެ މިބޮޑު ލަޝްކަރަށް ވައިގެ މަގުން ހަމަލާދިނުމުގެ ގާބިލްކަން ޔުކްރޭނަށް ލިބިފައިވާނަމަ އެކަން ޔުކްރޭން ކުރާނެއެވެ.
ރަޝިއާގެ ބިޔަ ލަޝްކަރަށް ޔުކްރޭންގެ ވައިގެ ހަމަލާއެއް އަރާފައިނުވާއިރު ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ރަޝިއާވަނީ ޔުކްރޭންގެ ވައިގެ ސިފައިންގެ ބޭސްތަކާއި ފައިޓާ ޖެޓްތައް ހަލާކުކޮށްލާފައެވެ. އަދި ޔުކްރޭންގެ ވައިގެ ދިފާއީ ބާރުތަކުގެ ބޮޑުބައެއް މިދިޔަ ފަސް ދުވަހުގެ ތެރޭގައި ހަލާކުކޮށްލާފައިވާ ކަމަށް ރަޝިއާ ބުނެފައިވެއެވެ.
ޔުކްރޭން ބުނާގޮތުން ރަޝިއާގެ ތިން ހާހަށްވުރެ ގިނަ ސިފައިންވަނީ މަރާލާފައެވެ. އަދި ގިނަ އަދަދެއްގެ މަތިންދާބޯޓުތައްވެސްވަނީ ވައްޓާލާފައެވެ. ނަމަވެސް ރަޝިއާގެ ފައިޓާޖެޓްތަކުގެ ތެރޭން މަދު އެއްޗެއް ނޫނީ ޔުކްރޭންގެ ހަނގުރާމައިގާ ބޭނުން ނުކުރާކަމަށާއި ހަމަލާދެނީ މިސައިލާއި ކުރޫޒް މިސައިލް އަދި އެނޫންވެސް ހަތިޔާރުންކަމަށް ރަޝިއާ ބުނެފައިވެއެވެ.
ރަޝިއާގެ، 64 ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާ ލަޝްކަރަށް ވައިގެ މަގުން ހަމަލާ ދިނުމުގައި ޔުކްރޭން ސިފައިން ނާކާމިޔާބުވެފައިވަނީ ޔުކްރޭންގެ ވައިގެ ދިފާއީ ބާރާއި ވައިގެ ލަޝްކަރު ފުނފުނޑުވެފައި ވުމުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. ރަޝިއާގެ ބިޔަ ލަޝްކަރު ކިޔޭވް އާ ގާތްވަމުންދާތީ އިއްޔެ އިން ފެށިގެން ރަޝިއާގެ ދިފާއީ ވުޒާރާއިންވަނީ ކިޔޭވް ދޫކޮށް ދިޔުމަށް ޔުކްރޭން އާންމުންނަށާއި އެނޫންވެސް ފަރާތްތަކަށް ގޮވާލާފައެވެ.
އަނެއްކޮޅުން ޔުކްރޭންގެ ދެކުނަށް ބަލާއިރު ރަޝިއާ ސިފައިން ގެންދަނީ ކަޅުކަނޑުގެ އުތުރުގައި ރަޝިއާގެ ކޮންޓްރޯލް އޮންނަ ކްރައިމިއާގެ އުތުރުން ކުރިޔަށްޖެހި ކިޔޭވްގެ ދެކުނު ފަރާތުންނާއި އިރުމަތިން އެސިޓީ ވަށާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި ކްރައިމިއާގެ އިރުމަތިންނާއި އިރުއުތުރުން އަޒޯފް ކަނޑުގެ އައްސޭރިން ފެށިގެން ޔުކްރޭންގެ ދުންބާސް ސަރަހައްދަށް ރަޝިއާ ސިފައިންގެ އެކި ގްރޫޕްތައް ވަނީ ފެތުރިގެންފައެވެ.

ަައަޒޯފް ކަނޑުގައިވާ ރަޝިއާގެ ކަނޑުގެ ބާރުތައް
ބެލަރޫސް އާއި ޔޫކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވެސް ރަޝިޔާ ސިފައިން ގިނަ އަދަދެއްގެ ޓޭންކާއި އާމެޑް ވެހިކަލްތަކާ އަދި ބިންމަތީގެ އަމާޒުތަކަށް ހަމަލާ ދޭ ބާވަތުގެ ހެލިކޮޕްޓަރުތަކާއެކު ތިބިކަމަށް ވެއެވެ.
ޔުކްރޭން ބުނާގޮތުން ރަޝިއާގައި އުފައްދާ ކަލިބާ މިސައިލާއި އިސްކަންދަރު މިސައިލް ބޭނުންކޮށްގެން ރަޝިއާ ސިފައިން ގެންދަނީ ޔުކްރޭން ސިފައިންގެ އަމާޒުތަކަކަށް ހަމަލާދެމުންނެވެ. މީގެއިތުރުން ރަޝިއާ ސިފައިން، ވަރަށް ބާރުގަދަ ވެކިއުމް ބޮމެއްވެސް ޔުކްރޭން ސިފައިންނަށް އަމާޒުކޮށް ގޮއްވާލާފައިވާ ކަމަށް ޔުކްރޭން ސިފައިން ބުނެފައިވެއެވެ.
އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ބުނާގޮތުން ކުރިޔަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ކިޔޭވް ގެންދިޔުމަކީ ވަރަށް ގާތް ކަމެކެވެ. ނަމަވެސް ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ޔުކްރޭނަށް ދެމުންގެންދާ ލީތަލް ހަތިޔާރުގެ ޝިޕްމަންޓްތައް ސަރަހައްދީ ރޮނގު ހުރަސްކޮށް ޔުކްރޭނަށް ވެއްދުން ނުހުއްޓުވިއްޖެނަމަ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަން ޔުކްރޭން ސިފައިންނަށް ލިބިގެންދާނެއެވެ.
ހަނގުރާމައަށް ދަރުއެޅުމަށް އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާ ހަތިޔާރު އެތެރެކުރަމުން ގެންދަނީ ޔުކްރޭނާއި ޕޮލެންޑްގެ ސަރަހައްދީ ރޮނގުންނާއި ޔުކްރޭނާއި ރުމޭނިއާގެ ސަރަހައްދީ ރޮނގުންނެވެ. ރަޝިއާވަނީ މިދެ ސަރަހައްދުން ހަތިޔާރު އެތެރެކުރަން އުޅޭނަމަ ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ. ހަމަލާދޭން އުނދަގޫވަނީ އެދެ ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔުކްރޭންގެ އާންމުން ރެފިއުޖީންގެ ގޮތުގައި ދަތުރުކުރާތީ ކަމަށްވެސް ރަޝިއާ ބުނެއެވެ.
ރަޝިއާއިން ޔުކްރޭންގެ ވައިގެ ކޮންޓްރޯލް ނަގާފައިވާތީ ވައިގެ މަގުން ޔުކްރޭނަށް ހަތިޔާރު ސަޕްލައި ކުރުމުގެ ދޮރު ހުޅަނގުގެ ބާރުތަކަށްވަނީ ބަންދުވެފައެވެ.