14 Mar 2012, 16:05
މަގުޗާޓުގެ މަސައްކަތްތައް ނިމުމުން އަވަސް އިންތިހާބެއް ބޭއްވޭނެ ތާރީހު އެނގިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ތާރީހަށް ވުރެ އަވަސް އިންތިހާބެއް ބޭއްވުމުގެ ވާހަކަ މަގުޗާޓުގައި "ވަރަށް ސާފުކޮށް" ލިޔެފައިވާ ކަމަށާއި އަވަސް އިންތިހާބެއްގެ ތާރީހެއް ބޭނުންވާ ނަމަ މަގުޗާޓުގެ މަސައްކަތްތަކަށް އެމްޑީޕީ އިން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ]އިބޫ[ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާފައިވާ އިރު އައްބާސް ވިދާޅުވީ އެމްޑީޕީ އިން ތިބީ މަގުޗާޓުގެ ފުރުސަތު ދިނުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމަށް ފަހު އެމްޑީޕީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، "އޯލް ޕާޓީ ޓޯކްސް"ގެ ހުރިހާ ބައްދަލުވުމެއްގައި "ހެޔޮނިއަތުގައި" އެމްޑީޕީ އިން ބައިވެރިވެފައިވާނެ ކަމަށެވެ.
އަދި މިއަދު ރައީސުލްޖުމްހޫރިއްޔާއާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީން ބުނެފައި ވަނީ "ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހުންނެވީ ސުލްހަވެރިކަމާ އެކު، ދެ ފަރާތުން އެއްބަސްވެވޭ ހައްލެއް ހޯދުމަށް ތައްޔާރަށް ކަމަށް އަޅުގަނޑަކަށް ]އިބްރާހީމް މުހައްމަދު ސޯލިހު[ އަށް ނުފެންނަ" ކަމަށެވެ.
މިއަދުގެ ބައްދަލުވުމަށް އެމްޑީޕީ އިން ހުށަހެޅީ ކޮން ކަންތައްތަކެއް ކަމެއް އެެ ޕާޓީއަކުން ނުބުނެ އެވެ. ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް ވިދާޅުވީ އެމްޑީޕީ އިން ހުށަހެޅީ، ރައީސް ޑރ. މުހައްމަދު ވަހީދު އިސްތިއުފާ ދެއްވުމަށް ފަހު ވަގުތުން އިމްތިހާބެއް ބޭއްވުމަށެވެ.
އައްބާސް ވިދާޅުވީ ޕާޓީތަކާ އެކު މަޝްވަރާކުރެވި ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެސް އަވަސް އިންތިހާބެއް ބޭއްވޭނެ ގޮތެއް ސަރުކާރަށް ނުފެންނަ ކަމަށެވެ.
"މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައި ވެސް އެމްޑީޕީ އިން ބޭނުންމެއްނުވޭ މަޖިލީސް ހުޅުވި އަދި މަގުޗާޓާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކަށް،"
އައްބާސް ވިދާޅުވީ އަވަސް އިންތިހާބަކަށް ދިއުމާ ގުޅޭ ގޮތުން ޕާޓީތަކުން ބައިވެރިވެގެން މަޝްވަރާތައް ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އެމްޑީޕީ މެންބަރުން ހުރަސް އެޅުން ވެގެންދިޔައީ މަގުޗާޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައި ކަމެއް ކަމަށެވެ. ނަމަވެސް ކޮށްފައިވާ މަޝްވަރާތަކުން އިންތިހާބު ބާއްވަން ބޭނުވާ ތާރީހުތައް އެކި ޕާޓީތަކުން މަޝްވަރާތަކުގައި ހުށަޅާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"މަގުޗާޓުގައި އެބަ އޮތް އަވަސް އިންތިހާބެއްގެ ވާހަކަ. އެހެންވީމާ މަގުޗާޓުގައި މި ބުނާ އަވަސް އިންތިހާބު ބޭއްވުމަށް ޓަކައި ދެން އެބަޖެހޭ ސުލްހަވެރި މާހައުލެއް ގާއިމުކުރުމާއި އިސްލާހުކުރަން ޖެހޭ ގާނޫނުތަކަކާއި، ކަންތައްތަކެއް ފޮލޯ ކުރަން." އައްބާސް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީސް ހުޅުވުމަށް ބާއްވަން އުޅުނު ޖަލްސާ އަށް އެމްޑީޕީ އިން ހުރަސް އެޅުމުން މަޖިލީސް ކެންސަލް ކުރުމާއި ގުޅިގެން "އޯލް ޕާޓީ ޓޯކްސް" އިން ގިނަ ޕާޓީތައް ވަނީ ވަކިވެފަ އެވެ. އަދި އެ ޕާޓީތަކުން ބުނެފައި ވަނީ ދެން މަޝްވަރާތަކަށް ފުރުސަތުދޭނީ މަޖިލީސް ހުޅުވުން ކަމުގަ އެވެ.