ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ޚިދުމަތް އީމެއިލް މެދުވެރިކޮށް ދިނުން އަންނަ މަހުން ފެށިގެން ހުއްޓާލުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އެހެން ނިންމީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޮނުވުމަށް ލިބުނު ލުއިތަކާއި އެކުގައި ކަމަށެވެ.

އެ ބޭންކުން ބުނީ މިއަދުން ފެށިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޮނުވުމުގައި ގިނަ ލިޔެކިޔުންތައް އެޓޭޗްކުރެވޭނެ ކަމަށެވެ.

ހަމައެއާއެކު، ޓީޓީ ހެދުމަށް ބޭނުންވާ އެމެރިކާ ޑޮލަރު ހޯދުމަށް ހުށަހެޅުމާއި، އަދި ފައިސާ ކަނޑަންވީ އެކައުންޓު ޚިޔާރުކުރުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި، ޓީޓީ ޕްރޮސެސްވުމުން ލިބޭ ރަސީދުގެ ފޯމެޓު ވެސް މިހަރު ތަފާތުވާނެކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ބީއެމްއެލްގެ އިންޓަނޭޝަނަލް ޓްރާންސްފާ ޚިދުމަތަކީ ގިނަ ބަޔަކު ބައިނަލްއަޤުވާމީ ވިޔަފާރީގެ ޚިދުމަތަށް ބޭނުންކުރާ ޚިދުމަތެކެވެ.