މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބަކަށް ވެސް އަދި އެހެން އިންތިޚާބަކަށް ވެސް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މެންބަރަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަޙުމަދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އާމިރު ވަކިކުރީ އިންތިޚާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި ފާޅުގައި ކެމްޕޭންގައި އުޅުއްވާތީއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ އިތުރުން އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކެއް ލިބުމާ ގުޅިގެން ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭނާ އެ މަގާމުން ވަކި ކުރީ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަހީދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެހެންނަމަވެސް އާމިރު ވަޒީފާއިން ވަކި ކުރީ އިންތިޚާބާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތައް މަބްރޫކް ވަނީ ދޮގުކުރައްވައިފައެވެ.

އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަން ފާހަގަކުރައްވައި، މަބްރޫކް ވިދާޅުވީ އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ.

މިފަދަ ކަމެއް ހިނގައިފައިވާ ކަމަށް ގަބޫލުކުރެވޭނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"އެ މީހަކު ބޭނުންވާ ފަރާތަކަށް ތާޢީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ޙައްޤަކަށް ވީ ހިނދު، އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިލްތިމާސްކުރަން،" މަބްރޫކް ވިދާޅުވިއެވެ.