މިވަގުތު ޔޫކްރެއިންގައި ތިބީ ނުވަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންނާއި ދިވެހި އާއިލާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ޕޮރިން މިނިސްޓްރީން މިއަދު ބުނީ، މިވަގުތު ޔޫކްރެއިންގައި ތިބި މީހުންގެ ތެރެއިން، ޚަރްކީވް ގައި ތިބީ އަށް މީހުން ކަމަށާއި، ނީޕްރޯގައި ހުރީ އެކެއް ކަމަށެވެ.

"ޚަރްކީވްގައި ތާށިވެފައި ތިބި ކުދިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އިތުރު ޤައުމުތަކާ ގުޅިގެން މިދަނީ މަސައްކަތްކުރަމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ޚަރްކީވްފައި ތިބި ދިވެހި ދަރިވަރުންނަށް ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި، އެކުދިންގެ ޙާލު ބެއްލެވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫކްރޭންގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ލިބުނު ފުރުސަތުގައި އެ ގައުމުގައި ތިބި ބައެއް ދިވެހި ދަރިވަރުން ރާއްޖެ އައެވެ. އަދި ހަނގުރާމަ ފެށިއިރު ނާދެވި ތިބި ކުދިންގެ ތެރެއިން 15 ކުއްޖަކު އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ.

ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭންގެ ހާލަތު ގޯސްވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ވެސް ރާއްޖެ އައުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް ވިސާ ލިބުން ފަދަ ބައެއް ދަތިތަކާހުރެ ބައެއް ދަރިވަރުންނަށް ކުރިން ނާދެވުނީ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ޔޫކްރެއިންގެ ވެރިރަށް ކިއޭވް ކައިރީގައި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރެއިން ރައްޔިތެއް އަދި އެދެމަފިރިންގެ ކުޑަ ދެ ކުދިން މިހާރު ވަނީ ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

"ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އެންގިފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަމައެޔާއެކު، ފޮރިން މިނިސްޓްރީން ބުނީ، ރަޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް ވަނީ އެކަން އަންގާފައިކަމަށެވެ.

އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ބަދަލުކުރެވޭތޯ ދަރިވަރުން ދަނީ ޔުނިވަރސިޓީއާއެކު މަޝްވަރާކުރަމުންނެވެ.