ލޮނުޒިޔާރަތްކޮޅުގެ ސަރަހައްދު، އަންނަ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި މިގޮތަށް ފާސްކުރީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ އެގޮތަށް ފާސްކުރީ އެމްޑީޕީން އެ ސަރަހައްދު ބޭނުންކުރުމަށް އިތުރު މުއްދަތަށް އެދި ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އެގޮތަށް ފާސްކުރުމަށް އޭނާގެ އިތުރުން އެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ޑީއާރުޕީގެ އަނެއް މެންބަރު މުހައްމަދު ހަމީދު (ފްލައި) ވެސް ވޯޓް ދެއްވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޖާއު އަދި ވިދާޅުވީ އެމްޑީޕީއަށް އެސަރަހައްދުދޭން ކައުންސިލުން ނިންމީ ރޭގަނޑު 12:00 އިގެ ފަހުން މާލެ ތެރޭގައި އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ޝަރުކޮށެވެ.
" ކައުންސިލުން ނިންމީ [ރޭގަނޑު] 12 ފަހުން މާލެ ތެރެއަށް ނިކުމެ ސައިކަލް ބުރުޖަހާ އެފަދަ އިތުރު ހަރަކާތަތައް ކުރިއަށް ނުގެންދިއުމަށް. އޭގެފަހުން ވެސް އެސަރަހައްދުގައި ތިބެވޭ ގޮތަށް ޖޫން މަހުގެ ނިޔަލަށް ލޮނުޒިޔާރަތްކޮޅު ދޭން މިއަދު ވަނީ ނިންމާފައި،" ޝުޖާއު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވީ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންތައްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެވޭނީ އެކަމާ ގުޅިގެން ކައުންސިލުން ނިންމާފައިވާ ގޮތް ކަމާ ބެހޭ ފަރާތްތަކަށް އެނގުމަށް ފަހު ކަމަށެވެ.

މާލޭގެ ލޮނިޒިޔާރަތްކޮޅުގައި އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި މުޒާހަރާ ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ސަތާރަ ވަނަ ދުވަހު އެވެ. އަދި މާލޭ ސިޓީ ކައުންސިލުން މީގެކުރިން ނިންމާފައިވަނީ ލޮނުޒިޔާރަތްކޮޅުގެ ސަރަހައްދު މިމަހުގެ ނިޔަލަށް އެމްޑީޕީއަށް ދިނުމަށެވެ.