01 Mar 2022, 09:53
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް މެންބަރުން ފަށައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި އެ ޕާޓީގެ އެކި މެންބަރުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީ މެންބަރަކު މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން އެ ޕާޓީގެ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެފައިވާއިރު، ރައީސް ޞާލިޙުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަކީ މަޖިލިސް ތެރެއިން އެމްޑީޕީގެ ބައެއް މެންބަރުން އިދިކޮޅު ޕާޓީގެ ދައުރު އަދާކުރުމުގެ ގޮތުގައި މަވޯޓާ ސިފަކުރެއްވިއެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދީފައިވާ ހަނި ފުރުސަތު، ވެރިކަން ކުރުމުގަ، އެ ނިގުޅައިގަނެ، އަތްފައި ބުރިކޮށްލަން. މި މަޖިލިސްގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީއިން އަދާކުރާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް، ބިރުވެރިކަމެއް، ނުރައްކާތެރި ކަމެއް،" މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އޮންނަ ވަރަށް ވެސް، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީފައިނުވާ ކަމަށެވެ. ކަންއެހެން އޮތްއިރު ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން މަސައްކަތް ކުރަމުން އަންނަނީ ވެރިކަން ކުރުމަށް ދީފައިވާ ހަނި ބާރުތައް އަތުލައި، ރައީސް ވެރިކަމުން ދުރުކުރުމަށް ކަމަށް ވިދާޅުވިއެވެ.
"މިކަހަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ފެނިއްޖެ، [ރައީސް] މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމުން ބާލަން ވެސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން އެ މަސައްކަތް ކުރިން، ހަމަ އެ މަސައްކަތް މިހާރު ފެށިގެން، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާއެއް [މިއީ]،" މަވޯޓާ ވިދާޅުވިއެވެ.
ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަޙުމަދު މަގާމުން ވަކިކުރި ކުރުން މަވޯޓާ ވަނީ ދިފާއު ކުރައްވައިފައެވެ.
"އަޅުގަނޑުމެން ޕާޓީ މީހަކަށް ވިޔަސް، އަޅުގަނޑުގެ ދަރިއަކަށް ވިޔަސް، އެ މީހަކަށް ހަވާލު ކުރެވޭ މަސްއޫލިއްޔަތު އަދާ ބަރާބަރަށް ނުކުރާކަމަށް ވަންޏާ، ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތް ބަރާބަރަށް ނުދޭ ކަމަށް ވަނީ ވިއްޔާ ވަޒީފާއިން ދުރުކުރަން ޖެހޭނެ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ކުރަން ޖެހޭނެ ކަމެއް،" މަވޯޓާ ވިދާޅުވިއެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ރައީސާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.