01 Mar 2022, 09:13
ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި އަނިޔާވި މާލޭ ސިޓީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އާމިނަތު އީމާން ނިޔާވެއްޖެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު އައްފާލު "ސަން"އަށް ވިދާޅުވީ އީމާން ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ސަލާމަތްވާނެކަމުގެ އުންމީދެއް ނެތުމުން އިއްޔެ ޑޮކްޓަރުން ނިންމީ އީމާން ވެންޓިލޭޓަރުން ނަގާށެވެ. އެހެންނަމަވެސް، ވެންޓިލޭޓަރުގައި އޮތްއިރު ވެސް އޭނާގެ ވިންދުޖަހައެވެ. ވެންޓިލޭޓަރުން ނަގަން އުޅެފައި، ފަހު ވަގުތު ޑޮކްޓަރުންނަށް އީމާން ސަލާމަތްވާނެކަމުގެ އުންމީދު ލިބުމާ ގުޅިގެން އޭނާ ވެންޓިލޭޓަރުން ނަގައިފައެއް ނުވެއެވެ.
ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އުމުރުން 29 އަހަރުގެ އީމާން ވެއްޓުނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ދުވަހުގެ ހަވީރު 16:25 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.
އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ވިއްސަކަށް މިނިޓް ފަހުން އެ ސަރަހައްދުން ދިޔަ މީހަކަށް ފެނިގެންނެވެ.
މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ ކުލަމަޑުކަމުން އީމާން ދިޔަ މަގުގައި ބަމްޕަރެއް އޮތްކަން އޭނާއަށް ނޭގުނީ ކަމަށެވެ. އެހެންވެ ބަމްޕަރުމަތިން ބާރު ސްޕީޑުގައި ދުއްވުމުން ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވެފަ އޮތް ގޮތަކީ އެ ބަމްޕަރުގެ ކުލަ ތަންކޮޅެއް މަޑުވީމަ އޭނަ ހީކުރީ ބަމްޕަރެއް ނެތް ކަމަށް. އެހެންވެ އޭނައަށް ދެވުނީ ބަމްޕަރު މަތިން ބާރަށް. ވެއްޓިގެން ވިއްސައިގެން ގޮސް އީމާން އޮތީ ބަމްޕަރު މައްޗަށް ޖެހިފަ،" އަންހެނުންގެ ކޮމިޓީގެ މެމްބަރު ވިދާޅުވިއެވެ