01 Mar 2022, 10:07
މޮސްކޯ (1 މާޗް 2022): ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާއި ކެނެޑާ ހިމެނޭގޮތަށް ހުޅަނގުގެ 34 ގައުމެއްގެ މަދަނީ އަދި އަސްކަރީ މަތިންދާބޯޓުތައް ރަޝިއާގެ ވައިގެ ސަރަހައްދުގެ މަތިން އުދުހުން ރަޝިއާއިން މަނާކޮށްފިއެވެ.
ރަޝިއާގެ ސިވިލް އޭވިއޭޝަނުން ބުނީ ޔޫރަޕާއި އެމެރިކާއާއި ކެނެޑާ ހިމެނޭގޮތަށް ހުޅަނގުގެ ތިރީސް ހަތަރު ގައުމެއްގެ މަދަނީ އަދި އަސްކަރީ ހުރިހާ މަތިންދާބޯޓުތަކަށް ރަޝިއާގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި އެކަން އެގައުމުތަކަށް އަންގާފައިވާނެކަމުގައެވެ. ރަޝިއާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ބިމުގެ ގޮތުންނާއި ވައިގެ ސަރަހައްދު އެންމެ ބޮޑު ގައުމެވެ.

ަރަޝިއާގެ ބިމުގެ ސަރަހައްދު
ރަޝިއާގެ ބިމުގެ ސަރަހައްދުގައި 17.5 މިލިޔަން އަކަ ކިލޯމީޓަރު ހިމެނޭއިރު މިއީ ދުނިޔޭގެ ބިމުގެ ގާތްގަނޑަކަށް ހަބައިކުޅަ އެއްބައެވެ. ރަޝިއާގެ ވައިގެ ސަރަހައްދަކީ 25 މިލިޔަން އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިހާ ބޮޑު ވައިގެ ސަރަހައްދެއް ހުޅަނގުގެ ބޯޓުތަކަށް ބަންދުވުމުން އޭޝިއާއާއި ޕެސިފިކްގެ ގައުމުތަކަށް ދަތުރުކުރާ އެމެރިކާއާއި ކެނެޑާއާއި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފްލައިޓް ތަކުގެ ދަތުރު ދިގުވެގެންދާނެއެވެ.
ރަޝިޔާގެ ވައިގެ ސަރަހައްދު ހުޅަނގުގެ ގައުމުތަކަށް މަނާކުރުމުން ހުޅަނގުގެ އެއާލައިނުތަކުގެ ފްލައިޓްތައް ދެން ދަތުރުކުރަން ޖެހޭނީ ރަޝިއާގެ ވައިގެ ސަރަހައްދުން ނެއްޓުމަށްޓަކައި ވަށާލާ ގޮތަކަށެވެ. މިކަމުގެ ސަބަބުން ދަތުރު ދިގުވެގެން ދިޔުމާއި ގިނަ ގައުމުތަކެއްގެ މަތިން އުދުހެންޖެހުމުން އެގައުމުތަކަށް ދައްކަންޖެހޭ ފީތައް އިތުރުވެ ތެލަށްކުރާ ޚަރަދު އިތުރުވެ ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
ރަޝިއާ، އެގައުމުގެ ވައިގެ ސަރަހައްދު ހުޅަނގުގެ ގައުމުތަކަށް ބަންދުކުރީ ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ރަޝިއާގެ މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ރަޝިއާއިންވަނީ އެގައުމުގެ ފައިސާއާއި އެސެޓްތައް ފްރީޒް ކުރި ހުޅަނގުގެ ގައުމުތަކުގެ ރަޝިއާގައިވާ ފައިސާއާއި އެސެޓްތައް ރަޝިއާ ސަރުކާރުން ކޮންފިސްކޭޓް (ބަދަލު ދިނުމަކާނުލައި ސަރުކާރަށް ނެގުން) ކުރުމަށްވެސް ނިންމާފައެވެ.
ހުޅަނގުން ފްރީޒް ކޮށްފައިވާ ރަޝިއާގެ ފައިސާއާއި އެސެޓްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ދޫނުކޮށްފިނަމަ ހުޅަނގުގެ ގައުމުތަކުން ރަޝިއާގައި ކޮށްފައިވާ އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައްވެސް ބަދަލު ދިނުމަކާނުލައި ރަޝިއާ ސަރުކާރަށް ނަގާނެ ކަމުގެ އިންޒާރު ރަޝިއާއިންވަނީ ދީފައެވެ.
ރަޝިއާގައި ހުޅަނގުގެ އެކިގައުމުތަކުން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައިވާއިރު އެންމެ ގިނައިން އިންވެސްޓް ކޮށްފައިވަނީ ޖަރުމަނުގެ ކުންފުނިތަކާއި އެމެރިކާގެ ކުންފުނިތަކުންނެވެ.