އިރަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނުހޭން ކެތްކޮށްލައިގެން އިން ޒިވިއަންއަށްވެސް ހެވުނެވެ. ޒިވިއަންގެ އަޑު އިވުމުން، ސުހާ ފަސްއެނބުރި ބަލައިލީ ބިރުން އިނދެއެވެ. ޒިވިއަން ފެނުމުން، ސުހާއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނުކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައެވެ.

********

"ގުޑް ސަލާމް ބޮސްއޭ؟..." މާކިންއަށް ހިނިގަނޑު މައިތިރިކުރެވޭ ގޮތެއް ނުވިއެވެ.

އައިޒަކްގެ ކައިރިއަށް އެއްވެސް ވަރަކަށް ހިންޏެއް ނައެވެ. އިރަމް އާއި ޒިވިއަން އެކުގައި ފެނުމުން އޭނާގެ ހިތަށް އުނދަގޫކުރަނީއެވެ. މާކިންއަށް އެކަން ފާހަގަވިއެވެ.

"އައްދެ... މިއަދު ހާދަ ބޮކި ދިއްލިފަ އިން ދުވަހެކޭ..." މާކިން އައިޒަކާއި ދިމާކުރަން ފެށިއެވެ.

އައިޒަކްގެ ވާހަކަތަކުން އޭނާ ހިތްހަމަނުޖެހިފައި އިނީ، ސުހާ ކަންތައްކުރިގޮތަށްވުރެ ބޮޑަށް، އިރަމް އާއި ޒިވިއަން އެކުގައި ފެނުމުންކަން މާކިންއަށް ވިސްނުނެވެ.

އައިޒަކް ނޫންކަމަށް ހަދައިލަމުން މަސައްކަތަށް އެނބުރި ރުޖޫއަވިއެވެ. އެވަރުންވެސް އޭނާއަށް އެހެން ކަމަކާއި ވިސްނޭގޮތެއް ނުވިއެވެ. އިރަމް ޒިވިއަންއާއި އެކުގައި ދިޔަ ގޮތާއި، ޒިވިއަން އެއްޗެކޭ ބުނުމުން، އިރަމް ހިނިތުންވެލިގޮތް އޭނާގެ ހިތަށް ސިފަވަމުން ދިޔައެވެ.

"އެއްބަސްނުވާން އުޅުނަސް، ތީނީ ދިއްލިފަ އިނގޭ..." މާކިން ހެމުން ގޮނޑިން ތެދުވިއެވެ.

"އެކަން ނުވެގެނެއްނު މިއޮއް ހުރިހާއިރު ތިއުޅެނީ..." އައިޒަކް ބޯ ހޫރައިލިއެވެ. "އަހަރެން ހާހެއްނުވޭ... އިރަމް ގުޅެނީ ހަމަ އަހަންނާ..."

"ތިހާވަރުވަންޏާ، އެމަންޖެގެ މޫނުކޮޅު ފެންނަ ހިސާބަށް ދޭބަލަ..." މާކިން ދިމާކުރިއެވެ. "ނޫނީ އޭނަ މިތަނަށް ގެންނަންތަ؟... މީ ބޮއްކުރާދަށަށް އޮޑި ކަނބާ ޒަމާނޭ..."

މާކިން އެއްލޯ މަރާލާފައި ނުކުމެގެން ދިޔައީއެވެ. އައިޒަކް ގޮވި ނަމަވެސް، އެ އަޑު އިވޭކަމަށްވެސް ހަދާނުލައެވެ. މާކިން ދިޔަތާ އިރުކޮޅެއްފަހުން، އައިޒަކްގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލާފައި އިރަމް އެތެރެއަށް ވަނެވެ. އިރަމް ފެނުމުން އައިޒަކަށް ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އައިޒަކްގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން މާކިން ކުރީ ޖެއްސުމެއްކަން އިރަމްއަށް އެނގުނެވެ. އެހެނަސް އޭނާ މަޑު ހިނގުމެއްގައި ގޮސް އައިޒަކްގެ ކުރިމަތީގައި ހުއްޓިލިއެވެ.

"ކީކޭތޯ ބޮސް؟..." އިރަމް ވަރަށް ރަސްމީކޮށް ސުވާލުކުރިއެވެ.

އިރަމްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި، އައިޒަކަށް ދުރުގައި ނުހުރެވުނެވެ. މޭޒު ވަށާލާފައި ގޮސް އިރަމްގެ ކައިރީގައި ހުއްޓުނެވެ. މޭޒުގައި ލެނގިލުމަށްފަހު، އިރަމްގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ކޮންކަމަކުތޯ އަޅުގަނޑު ހޯދާލީ؟..." އިރަމް އަނެއްކާވެސް ސުވާލުކުރިއެވެ.

"މިސް ޔޫ..." އިރަމްގެ ކޮލުގައި މަޑުމަޑުން ހިފައިލަމުން އައިޒަކް ބުންޏެވެ.

އިރަމް އެއްޗެއް ނުބުނެ އިސްޖަހައިލުމުން އައިޒަކަށް އިތުރު ހިތްވަރެއް ލިބުނެވެ. ކުރިއަށްވުރެ ބޮޑަށް އިރަމް އޭނާގެ ގާތަށް ދަމައިލިއެވެ.

"ކީއްވެ އެއްޗެއް ނުބުނީ؟... މިކުއްޖާ އަހަރެން މަތިން މިސްނުވަނީތަ؟..." ކުޑަ ކުއްޖަކާއި މީހަކު ވާހަކަ ދައްކާނެހައި ލޯބިން އައިޒަކް އަހައިލިއެވެ.

އިރަމް މަޑުމަޑުން ބޯ ހޫރައިލިއެވެ. ލިބުނު އުފަލުގައި އައިޒަކަށް ޖަހައިލެވުނީ ލުއި ހިނިގަނޑެކެވެ. އިރަމްގެ ސަބަބުން އޭނާގެ އެކަނިވެރި ހަޔާތް އުފާވެރިވެއްޖެއެވެ.

"ދެން ކީއްވެ އަހަރެން ފެންނަ ހިސާބަށް ނާންނަނީ؟..." ޝަކުވާގެ ރާގަކަށް އައިޒަކް ސުވާލުކުރިއެވެ.

"ބުނީމެއްނު ކަމެއް ޖެހުނީމަ ނޫނީ ނުގޮވައްޗޭ..." ރަސްމީކޮށް ވާހަކަ ދައްކަން މަސައްކަތްކުރިޔަސް، އައިޒަކްގެ ވާހަކަ ހުރިގޮތުން އިރަމްއަށް އެކަމެއް ނުވިއެވެ.

"ކަމެއް ޖެހުނީމައޭ މި ގޮވީ؟..." އައިޒަކް ބުންޏެވެ.

"ކޮން ކަމެއް؟..." އިރަމް އަހައިލިއެވެ.

"އޯކޭ... ފުރަތަމަ ސުވާލެއް ކޮށްލަންތަ؟..." އިރަމްގެ މޫނަށް ވެރިވަމުންދިޔަ ކުލަވަރު ތަރުޖަމާކުރާ ފަދައިން ބަލަން ހުރެ، އައިޒަކް ސުވާލުކުރިއެވެ. "ފިރިމީހާގެ ކަންކަން ކޮށްދޭންޖެހޭނީ ކާކު؟..."

"އަނބިމީހާ..." އިރަމް ޖަވާބުދިނެވެ.

"ޓައީ ރަނގަޅުކޮށްލަން ގޮވީ... ބަލާބަލަ ޓައީ ހަޑިވެފައެއްނު އިނީ... ރަނގަޅުކޮށްލަދީބަލަ..." ކުޑަކޮށް ދޫކޮށްލާފައިވާ ޓައީ ދައްކައިލަމުން އައިޒަކް ބުނެލިއެވެ.

އިރަމްއަށް ހެވުނެވެ. އައިޒަކް އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އެއީ އޭގެ ކުރިން އައިޒަކްގެ ފަރާތުން ފެނުނު ސިފައަކަށް ނުވި ނަމަވެސް، އެ ސިފަ އޭނާއަށް ކަމުދިޔައެވެ.

"ކިހިނެއްވީ؟... ނުކޮށްދޭނަންތަ؟..." އައިޒަކް އަހައިލީ މާޔޫސްވެފައި ހުރެއެވެ.

އިރަމް އަވަހަށް ކުރިއަށްޖެހިލައި ޓައީ ރަނގަޅުކޮށްލަދިނެވެ. އޭނާ ދުރަށްޖެހިލަން އުޅުމުން، އައިޒަކް އެ ފުރުސަތެއް ނުދިނެވެ. އިރަމްގެ އުނަގަނޑުގައި އަތްއަޅުވާލައި ކައިރިއަށް ދަމައިލިއެވެ. ކެބިންގެ ދޮރު ހުޅުވައިލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އިރަމް ކުއްލިއަކަށް އައިޒަކް ކޮއްޕައިލިގޮތުން، މޭޒާއިއެކު އަރި އަޅައިލިއެވެ. ދެމީހުން ނުވެއްޓުނީ އައިޒަކްގެ ހުށިޔާރުކަމުންނެވެ.

ދޮރުމަތީގައި ހުރި މީހަކު ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން އިރަމްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކަކުލަށްވުރެ މައްޗަށް ހުރި ސްކާޓްކޮޅުގައި ދެފައި ހާމަޔަށް ފެންނަން އޮތެވެ. ހުދުކުލައިގެ އަތްދިގު ގަމީސްކޮޅު ސްކާޓްގެ ދަށަށް ޖަހާލާފައިވާއިރު، ތުނިކަމުން އެތެރެއިން ލައިގެން ހުރި އަތްކެނޑި ޓޮޕްކޮޅުވެސް ހުރީ ރީތިކޮށް ފެންނާށެވެ.

އިރަމްއަށް ވީގޮތް ފެނި، ވިޝްކާ ތުއި ގޮތަކަށް ހިނިތުންވެލިއެވެ. އެފަދަ އަންނައުނެއް އޭނާ ލީ، އެންމެންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ. އެއީ އެހެން މީހުންނާއި ތަފާތު މީހެއްކަން އަންގައިދޭށެވެ. އެއީ އޭނައާއި އެއްހަމައަކަށް އެކަކުވެސް ނައުމަށް ދިން އިންޒާރެކެވެ. އެންމެ ފުރަތަމަ ދުވަހުވެސް މަގުސަދު ހާސިލުވެއްޖެކަމުގެ އިހުސާސް ވިޝްކާއަށް ކުރެވިގެން ދިޔައެވެ.

"ގުޑް މޯނިނިގް..." ވިޝްކާ ތުއިގޮތަކަށް ހިނިތުންވެލަމުން ބުނެލިއެވެ.

އައިޒަކް އިސްޖަހާލައިގެން ވިސްނަން ހުއްޓެވެ. ވިޝްކާ އެފަދަ ހެދުމެއްގައި އެންމެންގެ ކުރިމައްޗަށް އަންނަން އައިޒަކްގެ ހިތެއް ނުރުހުނެވެ. ޒަރީނާއަށް އެނގިއްޖެނަމަ، ވަރަށް ހިތްހަމަނުޖެހޭނެކަންވެސް އައިޒަކަށް އެނގެއެވެ. މުހިއްމު ބައްދަލުވުންތަކަށް ދާން އައިޒަކް އަބަދުވެސް އޮފީހުގައި ކޯޓެއް ގެންގުޅެއެވެ. އައި މޮޅު ހިޔާލެއްގެ ސަބަބުން އައިޒަކްގެ މޫނުން އިސާހިތަކު ހަމަޖެހުމުގެ އަސަރު ފެނިގެން ދިޔައެވެ. އޭނާ އަވަހަށް ގޮސް، ފައިލުހަރު ކައިރީގައި އަޅުވާލާފައިވާ ކޯޓު ނަގައި ވިޝްކާއާއި ދިމާއަށް ދިއްކޮށްލިއެވެ. ދުވަހަކު އެފަދަ ގޮތަކަށް ހެދުންއަޅާފައިނުވާ ވިޝްކާ ކުއްލިއަކަށް އެގޮތަށް ފެނުމުން އައިޒަކަށް ގަބޫލުކުރަންވެސް ދަތިވިއެވެ.

ވިޝްކާ ގުޑައިވެސް ނުލުމުން، އައިޒަކް ކޯޓު ގެންގޮސް ވިޝްކާގެ ގައިގައި ލައްވައިދިނެވެ. އިރަމް މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ކެބިންއިން ބޭރަށް ނުކުތެވެ. އައިޒަކަށް އެކަން އެނގުނީ ދޮރު ލެއްޕުނު އަޑު އިވުމުންނެވެ. އައިޒަކްގެ ތަބީއަތު ހަރާބުވިއެވެ. އޭނާ ވިޝްކާދެކެ ހިތްހަމަނުޖެހުނެވެ. ވިޝްކާގެ ސަބަބުން އޭނާ އާއި އިރަމްގެ އުފާވެރި ވަގުތުކޮޅު އެފަދަ ގޮތަކަށް ނިންމައިލަން ޖެހުމުންނެވެ.

"ތިހެން ހުއްޓާ، މަންމައަށް ފެނުނުތަ؟..." އައިޒަކް އަހައިލީ ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ކަހަލަ ރާގަކަށެވެ.

"މަންމަ އުޅޭނީ ބަދިގޭގައެއްނު މިގަޑީ..." ވިޝްކާ ގޮސް އައިޒަކްގެ ގޮނޑި ކައިރިއަށް ޖައްސާލައިގެން އިށީނެވެ. "ޒެކް މިހާރު އެއްވެސް ކަމެއް އެނގޭ ކަމަށް ނުހަދަނީ ކީއްވެތަ؟..."

"ތިހެން ހުއްޓާ، މަންމައަށް ފެނިއްޖެއްޔާ ކިހިނެއް ވާނީ؟... އެންމެ ފަހަރަކުވެސް ވިޝްކާ ވިސްނާލިންތަ؟..." އައިޒަކް ރުންކުރުވިއެވެ.

"ދެން މަންމަގެ ވާހަކަ ނުދައްކަބަލަ..." ވިޝްކާ ތުންދަމާލައިގެން ހުރެ ބުންޏެވެ.

"ވިޝްކާ..." ވިސްނައިދޭން މަސައްކަތްކުރާ ކަހަލަ ރާގަކަށް އައިޒަކް ގޮވައިލިއެވެ.

"މިތަނަށް މޭޒެއް ވައްދަން ބުނެފަ މިއައީ... ކޮން މަސައްކަތެއް ވިޝް ކުރަންވީ މިއަދު؟..." ވިޝްކާ އެހެން ވާހަކައެއް ފެށިއެވެ.

"ދޭ ގެއަށް..." އައިޒަކް އެދުނެވެ.

"ވިޝް މިއައީ ވަޒީފާއަށޭ..." ވިޝްކާ ތުންދަމައިލިއެވެ.

"ވިޝްކާ ތީ ކުރިން ތިހެން ހެދުންއަޅާ ކުއްޖެއް ނޫނެއްނު... އެންމެންގެ ތެރެއަށް ތިހެން އަންނަން..." އައިޒަކަށް ބުނެވުނީ އެހިސާބަށެވެ.

"އޯކޭ... ޒެކް ކުރިމަތީ އެކަނި ދެން މިކަހަލަ އެއްޗެހި ލާނީ... ކުރިންވެސް ބުނިނަމަ، އެހެން މީހުންނަށް ފެންނަން ބޭނުން ނުވާތީއޭ..." ވިޝްކާ ތުއިވެލިއެވެ.

"ހިނގާ ގެއަށް..." އައިޒަކް އެދުނެވެ.

ވިޝްކާ އައިޒަކާއިއެކު ބޭރަށް ނުކުތެވެ. ދެމީހުން އެކުގައި ހިނގާފައި ދިޔައިރު، ހުރިހާ މުވައްފުން ކަހަލަ ގޮތަކަށް ތެދުވެގެން ބަލަން ފެށިއެވެ. އިރަމްއަށް އެމީހުން ފެނުނީ ދެމީހުން އެކުގައި ގޮސް ލިފްޓަށް ވަންނަނިކޮށެވެ.

"ބޮސްގެ ބިޓު ކަންނޭނގެ..." ސުހާ އިރަމްގެ ގައިގައި ޖެހިގަތެވެ. "އެކަހަލަ ރޮމޭންޓިކް ކަމެއް ދެކުނިންތަ؟..."

އިރަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ އެނބުރި ވަނީ ކެބިންއަށެވެ. ދުވަހުގެ ބާކީބައިގައި އިރަމްއަށް ހުރެވުނީ މޫޑު ގޮއްސައެވެ. ކަމެއް ކުރާހިތް ނުވެގެން އޭނާ ނުކުމެލީ ބޭރަށެވެ. އޮފީހުގެ ގޯތިތެރޭގައި ޒިވިއަން ހުރީ ފޯނެއްގައެވެ. ފުރަގަސްދީގެން ހުރުމުން އިރަމް ނުކުތްކަމެއް ޒިވިއަންއަކަށް ނޭނގެއެވެ.

"ބޭބެއާ ބައްދަލުވެއްޖެ... އެކަމަކު އެއީ ކުރީގެ ބޭބެއެއް ނޫން... އަހަރެންގެ ސަބަބުން..." ޒިވިއަން އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ.

އިރަމްއަށް އެ އަޑު އިވުމުން، ފިޔަވަޅުތައް މަޑުޖެހުނެވެ.

"ނޫން... މާޒީ އަކީ މާޒީ... އަހަންނަށް ވީގޮތް ކިޔައިދިނަސް، އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ... އެހެން މީހުންނަށް ހީވާނީ އަހަރެން އުޒުރު ދައްކަނީ..." ޒިވިއަން ވާހަކަ ދައްކަމުން ފަސްއެނބުރުނު ވަގުތު ކުރިމަތީގައި ހުރި އިރަމް ފެނި، ދެލޯ ބޮޑުކޮށްލިއެވެ.

********

ވިޝްކާ ގެއަށް ލާފައި އެނބުރި އައިސް އޮފީހަށް ވަން އައިޒަކަށް އިރަމް އާއި ޒިވިއަން އެކުގައި ތިއްބާ ފެނުނެވެ. ދެމީހުން އޮލަ ވާހަކައެއްގައި ތިބުމުން އެވާހަކަ އަޑު އަހައިލުމުގެ ޝައުޤުވެރިކަން އައިޒަކްގެ ހިތުގައި އުފެދުނެވެ. އޭނާ އެމީހުންނަށް ނުފެންނާނޭހެން ދައްކާ ވާހަކަ އަޑު އިވޭހައި ކައިރިއަށް ޖެހިލިއެވެ.

"ޒިވިއަން ތިބުނީނު ޒިވިއަން ނުލާހިކު ލޯބިވާ ބޭބެއެއް އެބަހުއްޓޭ ރާއްޖޭގަ... ދެން ކީއްވެގެންތަ ޒިވިއަންގެ ބޭބެއަށް ތިކަން ސިއްރުކުރަނީ؟... ތިކަހަލަ ވާހަކަ ބުނުން ފަސްކުރާ އެއްޗެއް ނޫނޭ..." އިރަމްގެ އަޑުން އޭނާ ހާސްވެފައި ހުރިވަރު އައިޒަކަށް ވިސްނުނެވެ.

"އަހަރެން ކީކޭ ބުނާނީ؟..." ޒިވިއަންގެ އަޑު ވަނީ ކުރެހިފައެވެ. އެތެރެއިން އޭނާ ތަހަންމަލްކުރަމުންދާ ވޭން އައިޒަކަށް އިހުސާސްކުރެވުނެވެ.

"ޒިވިއަންގެ ބޭބެގެ ނަންބަރު އަހަންނަށް ދީ... އަހަރެން އޭނައަށް ގުޅާފަ ތިވާހަކަ ބުނެފާނަން..." އިރަމް ބުންޏެވެ.

"ބުނަން އޮތީ ކޮން ވާހަކައެއް؟... އަހަރެން މީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭތަ؟..." ޒިވިއަން އިސްޖަހައިލީ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ފޮރުވުމުގެ ގޮތުންނެވެ.

އައިޒަކަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ޒިވިއަން އެބުނީ ތެދު ވާހަކައެއް ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭ އެބުނީ ކީއްވެ ހެއްޔެވެ؟

(ނުނިމޭ)