14 Mar 2012, 15:29
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މި މަހުގެ އެކެއްގައި ބާއްވަން އުޅުނު ޖަލްސާ ނުބޭއްވުމުން ދެ ހަފްތާގެ މެދުކެނޑުމަކަށްފަހު އަންނަ ހޯމަ ދުވަހު ޖަލްސާ ބާއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ. އެދުވަހު މަޖިލީހުގެ ޖަލްސާ ފަށާނީ ހެނދުނު 10:00 ގަ އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ބެހޭ ގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ކުރެވުނު މަޝްވަރާތަކުން އެންމެ އެދެވޭ ނަތީޖާތަކެއް އަދި ނެރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ހޯމަ ދުވަހާ ހަމައަށްވެސް އެދެވޭ ނަތީޖާއެއް ނެރެވޭތޯ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ބޭއްވަމުންދާ މަޝްވަރާތަކާ ބެހޭ ގޮތުން ސަން އަށް ކަށަވަރު ވެފައި ވަނީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ޕާޓީތަކުގެ މެދުގައި ވަނީ ސިއްރު އެއްބަސްވުންތަކެއްވެފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައި ވަނީ މަޝްވަރާތަކުން ކުރިއެރުމެއް ލިބޭނެ ކަމަށެވެ. މަޖިލިސް ފެށުމާމެދު އެމްޑީޕީން ކުރަމުންދާ ޑިމާޓްތަކާބެހޭ ގޮތުން މިއަދު އިބޫ ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުން ވެސް އެދެވޭ ނަތީއްޖާއެއް އައިސްފައެއް ނުވެ އެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ މާޗް އެއްވަނަ ދުވަހު ބާއްވައި އެދުވަހު ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ ބަޔާން މަޖިލީހަށް ހުށަހަޅުއްވަން ވަޑައިގަތުމުން މަޖިލިސް ހުޅުވުމުގެ ފުރުސަތު ނުދެއްވައި އެމްޑީޕީގެ މެންބަރު ވަނީ މަޖިލިސް "ގަޑުބަޑު" ކޮށްލާފަ އެވެ. އަދި އެދުވަހު އެމްޑީޕީން ވަނީ މަޖލިސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައެވެ. މާޗް އެކެއް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފެނުނު "ހުތުރު" ދުވަހަކަށެވެ.