މަންމައަށް ބިރުދައްކައި މަންމަގެ މުދަލަށް ގެއްލުން ނުދިނުމަށް ފެމެލީ ކޯޓުން ނެރުނު އަމުރާ ޚިލާފުވުމުން މީހަކު ހަ މަހަށް ޖަލަށްލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މ. ބަގީޗާ، މުޙައްމަދު ޒިހުފާންގެ މައްޗަށް ވަނީ އޭނާގެ މަންމައަށް ބިރު ނުދެއްކުމަށާއި، މުދަލަށް ގެއްލުން ނުދިނުމުގެ އިތުރުން އޭނާއަށް މަޖުބޫރު ނުކުރުމަށް އަމުރުކޮށްފައެވެ.

ނަމަވެސް މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ޒިހުފާންގެ މަންމަ ދިރިއުޅޭ ގެ ކައިރިއަށް ގޮސް މަންމައަށް އުނދަގޫވާ ގޮތަށް ގެ ކައިރީގައި އަޑުގަދަކޮށް ގޭގެ ކުޑަ ދޮރުގައި ގަލުން ތަޅަައި އުނދަގޫކޮށްފައިވާނެކަމަށް ޒިހުފާން ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ.

ފެމެލީ ކޯޓުގެ އަމުރާ ހިލާފުވުމާ ގުޅިގެން ގެވެށި އަނިޔާ ހުއްތުވުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން، ރައްކާތެރިކުރުމުގެ ޚިލާފުމުގެ ކުށުގެ ދައުވާ ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.

ޒިހުފާނުގެ އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެފައިވާތީ އެ ކުށަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބެއްގެ ގޮތުން ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ބަންދުގައި އޭނާ ހުރި މުއްދަތު އަދަބުގެ މުއްދަތުން ކެނޑުމުން އޭނާ ތަންފީޒުކުރަންޖެހޭނީ ހަތަރު މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.