"ކާމިޔާބާއި ނަސީބަކީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާގެ ފަރާތުން ތިބާއަށް ލިބޭ އެއްޗެކެވެ."

***

ފަތިސް ދަޅައިގާ ސްނޯ ވެހެން ފެށިގޮތަށް ހެނދުނުގެ އެތައް ދަމެއްވީއިރުވެސް ހުއްޓައެއްނުލިއެވެ. ސްނޯގެ ދޫލަ ބޯވަމުންގޮސް މުޅި ޝަހަރުވެސް ހުދު ސާފު ތާހިރު ފޭރާން ލައްވައިފިއެވެ. ގަސްތަކުގެ ފަތްތައް ވެރި އޭގެ ތަބީއީ ރީތިކަން ގެއްލިފައިވަނިކޮށް ގޮފިތަކުގައި ސްނޯ ހަރުލައިގަނެ ތަފާތު ރީތިކަމެއް އަލުން އިއާދަވެއްޖެއެވެ. މަގުތަކާއި ގޯތިތަކުގައިވި ހުރިހާ ހަޑިއަކާއި މިލައެއްވެސް ފޮރުވާފައިވީ ތާޒާ ސްނޯއިންނެވެ. އެހާ ހިމޭންވެފައި އަމާނެވެ. އެ ޝަހަރު ފެންނަނީ ދެކޭ މީހުން އާޝޯޚުވާފަދަ ހުވަފެނީ ގޮތަކަށެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ދައްކުވައިދޭ މިސާލެއްފަދައިންނެވެ.

ޚައިރާ ހޫނު ފެނުން ފެންވަރައިލާ ތާޒާވެލުމުން ސްނޯތެރޭ ފޮޅިފައިވި ފިނިފެންމަލެއްފަދައިން މޫނު އުޖާލާވިއެވެ. މަޑު މުށިކުލައިގެ ލޮލަށް ހިޔާއެޅިފައިވާ ބޯ އެސްފިޔަތައް ތެމިފައިވާއިރު ލޮލުގައި ހިތްދަމައިގަންނަ ފަދަ ގޮތެއް ހުއްޓެވެ. ފަން އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު ވޫލްކޮޅަކުން ހައްޔަރުކޮށްލިގޮތުން އެންމެ އިސްތަށްޓަކަށްވެސް ސަލާމަތްވުމުގެ ފުރުސަތެއް ނުލިބުނެވެ. އޭނަ އިރުގަނޑެއްވާންދެން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން އެ ހިތްގައިމު މަންޒަރުދެކެން ހުއްޓެވެ. އެއަށްފަހު ކުޑަދޮރު ހުޅުވައިލާފައި އަތްތިލަ ހުޅުވައިލުމާއެކު ނަށަމުން އައި އެކި ޑިޒައިންގެ ސްނޯކޮޅުތައް އަތުގައި ހަރުލަން ފެށިއެވެ. އެއާއެކު ކަށިތައް ތޮރުފާލާފައި ވަދެގަތް ފިނިން ޖިސްމުވެސް ގަނޑުކޮށްލާ ކޯތާފަތުގައި މަޑުމަޑު ފިޔާތޮށިކުލައެއް ޖައްސުވާލައިފިއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވި ކަހަލަ ގޮތަކަށް އަޑެއް ލައްވާފައި ދޮރު ބާރަށް ޖެހިގޮތުން ފާރަށްވެސް ގުޑުން އެރިއެވެ.

އޭނަ ބިރުގެން ހިތް އަވަސްވެފައި ހުރެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާކޮޓަރިއަށް ވަންއިރު ނާސްތާކުރަން މޭޒުކައިރީ އިން އޭނަގެ ބޭބެ އަސްލަން ފެނުމުން ކުޑަކޮށް ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަތްދިގު މުށިކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްގައި ބޭރަށް ދާން ތައްޔާރުވެލައިގެން ހުރިފަދައެވެ. މޭޒުމަތީގައި ހުރީ އާވި އަރަ އަރާހުރި ކޮފީއާއި ބެކަން ޕޭންކޭކު ސްކްރެމްބްލްޑް އެގްއާއި ޓޯސްޓެވެ.

"މޯނިން ދޮންބެ....." ޚައިރާ ފެން ހޫނުކުރަން ކަރަންޓް ކުރާ ޖައްސައިލިއެވެ. އޭނަ ކޮފީ ބޯ ތަށި ދެތިން ފަހަރު ދޮވެލުމަށްފަހު ކުޑަދޮރު ކައިރީގައި ހުއްޓިހުރެ ބޭރަށްބަލައިލިއިރު ބޯކޮށް ސްނޯ ވެހެނީއެވެ. ހުއްޓުމެއްނެތި ސްނޯ ވެހެމުންގޮސް ޝަހަރު ވަޅުލެވިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވަދެގަތް ނުބައި ޚިޔާލާއެކު ސިހިފައި މެޔަށް ގުޑުމެއްވެސް އަރައިފިއެވެ.

"ޚައި ވަޒީފާއަށް ނުދަން؟" އަސްލަން ޕޭންކޭކަށް މޭޕްލް ސިރަޕް އެޅިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސާތީ ................" ޚައިރާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

"ކީއްތިކުރަނީ؟ ކީއްވެ ހޫނު ފެން ހުއްޓާ ފެން ކައްކަނީ؟"

"އެ ދެން................ނޭގޭ. ހަމަ ވަގުތުން ފެން ހޫނުކޮށްގެން ކޮފީ ހެދީމަ މާ މީރު........"

އަސްލަން ޚައިރާގެ މޫނަށް އިރުގަނޑެއްވާންދެން ނަޒަރު ހުއްޓާލައިގެން އިނދެ ކޮއްކޮގެ އާދަތަކުގައި ވިސްނައިލިއެވެ. އަދި އެހެރަ ތަފާތުގޮތާއިމެދު ސުވާލުކުރަން އުޅެފައިވެސް ހިމޭންވިއެވެ.

އެކުދިންގެ މަންމަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާތީ ޚައިރާ ޖިންނި ފުރޭތައަށްވުރެ ޖަރާސީމުދެކެ ބިރުގަނެއެވެ. މޭކަޕް ސާމާނަށްވުރެ އަރިސްކޮށްގެން ގެންގުޅެނީ ސަނިޓައިޒާފުޅިއެކެވެ. މަންމައަށް ސިއްރުން މަންމަ އިށީންނަ ތަނެއް ދާންދެން ސެނިޓައިޒާއިން ސާފުކުރެއެވެ. އެހެންމީހަކު އަތްލާ އެއްޗެއްވެސް ޚައިރާއަށް ކެވޭކަމަކަށް ނުވެއެވެ. ޚައިރާ އެންމެ ކުރާ ހިތްވާ މަސައްކަތަކީ ތަށިތައް ދޮވުމާއި ސައުފުކުރުމެވެ. ކިތަންމެ އިރެއްވާންދެންވެސް އެ މަސައްކަތުގައި ހުރެދާނެއެވެ. އަތް ދޮވުމުގެ ހައްދެއް ނުހުރެއެވެ. އެތުނި އަތްތިލަ ފާރުނުވެ ސަލާމަތުން ހުންނަނީ އަންގި ލައްވައިގެން އުޅޭތީއެވެ.

"ދޮންބެ.މިއޮތް ބޯ ސްނޯގައިވެސް މަންމަމެން ބޭރަށް ދިޔައީތަ؟"

"ބްލިޒާޑް ވޯނިންއެއް ނާދޭ އެހެންވީމަ މަންމަމެން މަސައްކަތުގައި ދާނެއްނު..ކީއްކުރަން ވޫޑޫ ބުދެއް ގެންގުޅެނީ؟ ޚައި ކޮލެޖްގައި އުޅޭ އަފްގާން ޕާކިސްތާނު ކުދިން ކައިރިން ސިހުރުހާހޫރަ ހަދަން ދަސްކުރީތަ؟"އަސްލަން ފޯނު ބާއްވާފައި ޚައިރާއަށް ސަމާލުކަން ދިނެވެ. ޚައިރާ ވަރަށް މަސައްކަތުން ޗޮކްލެޓް ތަށި ތައްޔާރުކޮށްލައިފިއެވެ. އަދި އަސްލަންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"އޯ......ޚައި ނެތިސް ކޮޓަރި ހާވާލީދޯ...." ޚައިރާ ދެތިން ފަހަރުގޮސް ކަރަންޓް ޖަގު ސްވިޗް އޮފް ކޮށްފައި ހުރިކަން ޔަގީންކޮށްލަން ބަލާލައިފިއެވެ.

"އެކަހަލަ ބުދެއްވީމަ ފޮރުވާފައި އޮތަސް އަމިއްލައަށް ހިނގާފައި އަންނާނެ. ޑްރޯވާއަކުން ބޯ ނެރެލައިގެން އޮތީ.ކޮއްކޮ ޕާކިސްތާނު އެކުވެރިން ހޯދީތަ؟"

"ކީއްވެ ތިހާ ޝައުގުވެރިވީ؟" ޚައިރާއަށް މަޖާވިއެވެ.

"ހޫމް އެވާހަކައެއްނޫން. މިރަށަށް ބޯކޮށް ސްނޯ ވެހޭއިރު ރާއްޖެއަށް އޮތީ ހޫނުކޮށް އަވި ދިއްލާފައޭ. ޗެކް ދިސް އައުޓް..." އަސްލަން އޭނަގެ ފޯނު ދެއްކިއިރު ދެމީހުންގެ ބޯ ހުރީ ޖެހިފައެވެ.

"އޯމައިގޯޑް. ޓްވެންޓީ އެއިޓް ޑިގްރީ. އަރާމުކަން. މަންމަގެ ބޮލަށް އެރިގެން ޗުއްޓީއަކަށް ސަނީ ޕެރެޑައިސްއަށް ދަމާ ހިނގާ.." ޚައިރާވެސް އަމިއްލަ ފޯނުން ގޫގުލް ކުރަން ފަށާފައި އިރުއިރުކޮޅާ ފޯރިއާއެކު ހަޅޭއްލަވައިގަނެވެ.

"ބައްޕަ ބޭނުމެއްނުވޭ...."

"އެކަމަކު މަންމައަކީ ހަތަރުކަށިމަތި މާލޭ މީހެއްނު...."ޚައިރާ ޗޮކެއް ކަނޑައިލިއެވެ.

"މަންމަގެ ފެމިލީ އެހާ ޝާހީވެފައި ކޮންޒަވޭޓިވް. މަންމަ ކްރިސްޓިއަނަކާއި މެރީކުރީމަ މާމައަކަށް އެކަން ބަލައިގަނެވުނުކަމަކަށް ނުވި. އެހެންވެ ބުނީ އެމީހުންގެ ދަރިއެއްވެސް ނޫނޭ އަދި ޑިސްއޯންވެސް ކޮށްލީނު...." އަސްލަން ބުނެދިނެވެ.

"ތެދުވެރި ލޯބި ކާމިޔާބުވީ. މަންމަ ހަގީގަތުގައި ހަމަ ޖޫލިއެޓްފަދަ. އެވަރުގެ ލޯތްބެއް ބައްޕަދެކެ އެވަނީ. ބައްޕަ ބުނި ކޮންމެ އެއްޗެއް މަންމަ ގަބޫލުކުރޭ. ދީން ކީއްކުރަން ފުރާނަވެސް ގުރުބާންކުރަން ތައްޔާރަށް މަންމަ ހުރީ.އަހަރެމެންދެކެވެސް އެހާ ލޯބިވާނަމަ. އެކަމަކު ދޭ ނެގްލެކްޓް އަސް އަދި އަބަދު ވަޒީފާގައި އެއުޅެނީ.ދޮންބެ. އޭގެ މާނައަކީ އަހަރެމެންނަށް ދުވަހަކުވެސް ރާއްޖެއަކަށް ނުދެވޭނެއޭތަ؟ މާމަމެންނާއި ބައްދަލެއް ނުކުރެވޭނެތަ؟ އަހަރެމެންގެ ހައްގުތަކެއްވާނެއްނު. މަންމަގެ ފެމިލީވެސް އިނގެން ޖެހޭނެއްނު. ހަސަބާއި ނަސަބު ދެނެގަންނަން ޖެހޭނެ.." ޚައިރާ އައިސްފައި ހުރި ފޯރީގައި މޭޒުމައްޗަށް އަރާ އިށީދެއްޖެއެވެ. އޭނަގެ މަންމައަށް އެ މަންޒަރު ފެނިއްޖެއްޔާ އަދަބުވެރިކަމާއި އަޚުލާގާއި ބެހޭގޮތުން ދެގަޑިއިރުގެ ދަރުސެއް އަޑުއަހަން ޖެހިދާނެއެވެ.

"ދޮންބެ. މިވިންޓަރގައި ސިއްރުން ރާއްޖެ ދަމާ..."

"އަހަރެންގެ މަސައްކަތް އެބައޮތް...."

"އެންމެން ބިޒީ. މަގޭ ސްޓްރެސް ބޮޑުވެގެން ހުރިހާ އިސްތަށްޓެއް ބޮލުން ފައިބަފާނެ..."ޚައިރާ ބޮލުގައި ދެއަތުން ހިފާ ހަލުވައިގަތެވެ.

"ޑޯންޓް ވޮރީ ސިސް. ކަންތައްތައް ހަމަޔަކަށް އެޅުނީމަ ޚައި ގޮވައިގެން އެ ތަނަށް ދާނަން.........." އަސްލަން ޚައިރާގެ ކަންފަތުގައި ހިފާ ކުޑަކޮށް ދަމައިލާފާ ދާން ހިނގައިގަތެވެ." މިއުޅެނީ އެރިކްގެ ކޮއްކޮ ވަރަށް ބަލިވެގެން. އެމީހުންގެ ނެއިބާ ގެންގުޅޭ ޕިޓްބުލް ހަމަލާދިނީޔޯ.....ޕުއާ އެރިކް......."

"މިރަށުގެ ކޮންމެ މީހެއް ބަލިވިޔަސް ދޮންބެ އެތަނަކަށް ދާން އެބަޖެހޭ.. އަޖައިބު. އަދި މިއޮތް ގަދަ ފިނީގައި. މަ އިންނާނީ ފަޔަރޕްލޭސް ކުރިމަތީގައި ފަޔަށް ސޮކްސް ލައްވައިގެން ބްލޭންކެޓް ލައިގެން ސްޓޯރީއެއް ކިޔައިލަން. މޭބީ ދިވެހި ސްޓޯރީއެއް ކަން ނޭގޭ ކިޔަންވީ. . ދިވެހި ސްޓޯރީ ހުންނަ ސައިޓެއް ބުނެބަލަ.........." ޚައިރާ އަމިއްލަ ނަފުސަށް ވާހަކަދައްކާގޮތަށް އެހެން ބުނެފައި އެންމެ ފަހު ޖުމްލަ އަޑުކޮޅަށް ކިޔައިލިއެވެ.

"ޑެއިލީމެއިލް......"

"އޯ....ތެންކިއު..." ޚައިރާ އުފާވިއެވެ.

"ދޮރު ތަޅުލައިގެން އިންނައްޗޭ. މިހިސާބުގައިވެސް ޕިޓްބުލް އެއް އުޅޭ...." އަސްލަން ދޮރު ލައްޕައިލުމުން ފުންމައިގެންގޮސް ޚައިރާ ދޮރު ތަޅުލާންފެށީ ހާސްކަމާއެކުގައެވެ. އޭރު ހިތް އަވަސްވެ ކަރުތެރެވެސް ހިކިއްޖެއެވެ. ހިނގައިގެންފާ އަނެއްކާ ތަޅުލިކަން ޔަގީންނުވެގެން ދޮރު ކައިރިއަށް އައެވެ."އެކެއް ދޭއް ތިނެއް........"ތިންފަހަރު ދޮރު ތަޅުލުމަށްފަހު ދެވަނަ ޗޮކްލެޓް ތަށްޓެއް ހިފައިގެން އައިސް އަލިފާން އަންދާތަނުގެ ކުރިމަތީގައި ބާލީސްޖަހައިގެން އޮށޯވެ ޑެއިލީމެއިލް ހުޅުވައިލުމުން "ސްޓްރެސް" އިތުރުވުން ނޫންކަމެއް ނުވިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބޮމުގެ ހަމަލާއެއް ދެވުނު ވާހަކައެވެ. އެބުނާ ދިވެހި ސެކްޝަނެއް ނުފެނިގެން އެތައް އިރެއްވާންދެން ހާވަން އޮވެފައި އަސްލަންއަށް ވައިބާ ކުރުމުން މެސެޖް ލިބުނުކަމަކަށްވެސް ނުވިއެވެ. އޭނަ މަންމައާއި ބައްޕަދެކެވެސް ނުރުހޭގޮތްވިއެވެ. މިގެއެކޭ ހުރަގެއެކޭ ތަފާތެއްނެތެވެ. ވަށައިގެން ބަލައިލި ކޮންމެ ދިމާލަކުން މުއްސަދިކަމާއި ފާޑުވެރިކަން ދައްކުވާދިނަސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދުނިޔެއަށް އައުމުގެ ބޭނުމާއިމެދުވެސް ސުވާލު އުފެދެއެވެ. ކައިގެން ބޮއިގެން ނިދާފައި ފާޚާނާއަށް ގޮސްފައި ކޮލެޖަށް ދިޔުމުން އެނިމުނީހެއްޔެވެ؟ އޭނަ ދުނިޔޭގައި ނެތިއްޔާ ވަކި އެއްޗެއް އުނިވެދާނެބާވައެވެ.

ޚައިރާ އިނގިރޭސި ސީރީޒްއެއް ބަލަންފެށިއެވެ. ބައިގަޑިއިރު ނުވަނީސް ފޫހިވެއްޖެއެވެ. ލަވަ އަހަންފެށުމުންވެސް ބޮލަށް އުދަގޫވިއެވެ. ޑައިރީ ލިޔަން ފެށުނެވެ. އެކުވެރިއަކަށް ގުޅިއެވެ.

"އާގްރރރް.....ފޫހިވެއްޖެ.." ޚައިރާ ގަސްތުކުރީ އެއްޗެހި ތަރުތީބުކޮށްލުމަށެވެ. އެއްވެސް އެއްޗެއް އެހުންނަ ތަނުގައި ހުރުމުން ނޫނީ ލޮލަށް އުދަގޫވާކަމުގައި އޭނަ ނިންމިއެވެ. ދެވަނަފަހަރަށް އަލިފާނުގެ ހޫނު ކަމުން އަރާމު ލިބިގަންނަން ހަށިގަނޑު ދަމައިލިތަނާ ޕިޓްބުލްއެއްގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވެގެން އަވަހަށް ދުއްވައިގަނެވުނީ ދޮރުތައް ތަޅުލާފައި ހުރިކަން ޔަގީންކުރުމަށެވެ. މައިދޮރާއި ކުޑަދޮރުތައް އަދި ގޭގެ ހުރިހާ ދޮރުތައް ތަންޑު އަޅުވާފައިހުރިކަން ޔަގީންކުރަން ވެގެން އެކި ދިމާލަށް ހަރަކާތްތެރިވީ ކަންބޮޑުވެފައި ހުރި ހާލުގައެވެ. މިގެއަށް އޭތި ވަދެއްޖެއްޔާ ސަލާމަތްވާނެ ގޮތެއްވެސް ހޯދަން އެބަޖެހެއެވެ. އޭނަ ގުޅީ އަސްލަންއަށެވެ.

"ދޮންބެ.........."ޚައިރާ ހީވީ ރޮއިގަތްހެންނެވެ.

"ވަޓް ހެޕެންޑް..." އަސްލަން އެހިއެވެ.

"ޕިޓްބުލް......ދޮރުގައި ދެންމެ ޖެހިގަތީ.ޕްލީޒް ކަމްބެކް....ސޭވް މީ...." ޚައިރާ ގެ އަޑުގައި ކަންބޮޑުވުން ހުރީ އާދައިގެ ވަރަކަށް ނޫނެވެ. ދުވަހަކު މިގޮތަށް ކަމަކާއި ބިރުން ކޮއްކޮ އުޅުނު ހަނދާނެއް ނުވިއެވެ.

***

އަސްލަން ހައިރާންވިއެވެ. ޚައިރާ އެހާވަރުން ރޮއިގެންފާ އެފަދަ ވާހަކައެއް ބުނާނީ ކަމެއްވީމަތާއެވެ. އެކަމަކު އޭނަ ޕިޓްބުލްގެ ޚަބަރު ބުނުމުން ޚައިރާ ބިރުގަތްވަރުން އާދައިގެ ކުއްތާއެއްވެސް ޕިޓްބުލްއެއްކަމުގައި ހީކުރެވުނީހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ކޮއްކޮދެކެ ހިތުގައިވާ ލޯބިން ދާން އުޅުނު މަންޒިލް ބަދަލުކޮށް ގެއަށް އަންނާން ވެގެން ކާރަށް އެރުމުން ސްޓާޓެއްނުވިއެވެ.

"ދޮންބެ. ޗޮކްލެޓް ގެނެސްދެއްޗޭ..." ޚައިރާ މެސެޖްކޮށްލިއެވެ.

"އެހެން ދުވަހު ޗޮކްލެޓާއިހެދި އެހާ ވަރުވާ ކުއްޖެއްނޫން..ކޮބާ އެ ޕިޓްބުލް؟" އަސްލަން ޕޭވްމެންޓްމަތިން ހިނގާލާފައި ދިޔައީ ޖީބަށް އަތް ޖަހާލައިގެންނެވެ. ވާހަކަދައްކާއިރު ފިނި އާތްވަށް ވެގެން އަނގައިން ނުކުމެއެވެ. ޖައްވުގައިވި ފިނިކަން ތޫނު ފިޔޮއްސެއްހެން އޭނަގެ ކޯތާފަތުގެ ހަންގަނޑުވެސް ކަނޑަމުން ދިޔަފަދައެވެ.

"އަދިވެސް އެބައުޅޭހެން ހީވޭ. އެބަ ބިރުގަނޭ. ޗޮކްލެޓް ކެއީމަ ދެން ސްޓްރެސް ފިލާނީ.............."

އަސްލަން ސީދާ މަގުދޫކޮށް ތަންކޮޅެއް ހަނި ގޯޅިއަކަށް އެޅިތަނާ އެމަގުން ލާފައި އަންނަ އަންހެންކުއްޖަކު ފެނުނެވެ. މުޅިން ކަޅު އެއްޗެހީގައެވެ. ހަށިގަނޑު އެއްކޮށް ފޮރުވިގެންނެވެ. އެންމެ ކުޑަމިނުން އެކުއްޖާގެ ލޯވެސް ފެންނާކަށް ނެތެވެ. ކަޅުފޮތިބޮނޑިއެއްލައިގެން އެގޮތަށް ދާތަން ފެނި އެހެން ލާފައި ދިޔަ ކުޑަކުއްޖަކު އޭނަގެ މަންމަ ގާތުން އެއީ ހެލޮވީން ކޮސްޓިއުމްއެއް ހެއްޔޭ ނޫނީ ބެޓްމޭން ހެއްޔޭވެސް އަހައިލިއެވެ. މަންމަ އަވަހަށް ދަރިފުޅު އުރާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ދުރަށް ދާން ހިނގައިގަތީ ދަރިފުޅު އެބިރުން ސަލާމަތްކުރަން ވެގެންނެވެ. ނިގާބީ ފެނުމުން އަސްލަންގެ މޫނަށްވެސް ފޫހިކަމުގެ ކުލަވެރިވިއެވެ. އޭނަގެ ހިތުގައި މިފަދަ ހަ އޮތް ނަފްރަތާއި ރުޅިވެރިކަން އުމުރު ދުވަހުވެސް ފިލައިގެން ނުދާވަރަށް ބިންވަޅު ނެގިފައިވެއެވެ. ސަބަބަކީ ނިރުބަވެރި ހާދިސާއެއްގައި އޭނަގެ ހިތް ހަލާކުވިކަމެވެ.

އަސްލަންގެ ލޮލުގެ ކުލަވެސް ބަދަލުވެ ޖިންސްގެ ޖީބަށް ޖަހާފައިވާ އަތް މުށްކެވުނެވެ.

ނުނިމޭ