ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރީ ރައްޔިތުން އެގޮތަށް ބޭނުންވެ ހުށަހެޅި ޕެޓިޝަނެއްގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދުވާފަރު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ އިސްމާއިލްގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާމިރު މަގާމުން ވަކިކޮށްފައިވަނީ މަގާމުގެ ޒިންމާ އަދާނުކުރެވޭކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިގެންކަމަށެވެ.

އިސްމާއިލް ވިދާޅުވީ އާމިރަށް މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތުތަކަށް ފަރުވާކުޑަކޮށް އެ ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ރައްޔިތުންނާ އެކުގައި މަސައްކަތްކުރާ މީހުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވާ ކަމަށެވެ.

މިހާރު ފެންމަތިވެގެން އުޅޭ އެ މައްސަލައަކީ މާކުރީގެ މައްސަލައެއްކަމަށާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ އެ މައްސަލައަކާ ނުގުޅުވޭނެކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ މަގާމެއްގެ ޒިންމާ ބޮލުގައި އެޅިފައިވީ ނަމަވެސް މަގާމުގެ މައްސޫލިއްޔަތު އެންމެ ފުރިހަމައަށް އުފުލަންޖެހޭނެކަމަށެވެ.

"ހެލްތު ސެންޓަރުގެ ސިޔާސީ މަގާމެއްގައި ހުރި މީހެއްކަމަށް ވީނަމަވެސް އެ މަސައްކަތް ކުރަންޖެހޭނީ އެންމެ ފުރިހަމައަށް. އަޅުގަނޑުމެން އެމްޑީޕީން ކުރާ މަސައްކަތަކީ ކަންކަން ހަރުދަނާކޮށް ތަރުތީބު ކުރުމުގެ މަސައްކަތް،" އިސްމާއިލް ވިދާޅުވިއެވެ.

އާމިރު ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭނާ ގަވާއިދުން ހާޒިރުނުވާ މައްސަލަ ކުރިން ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ. އެނގިފައިވާ ގޮތުގައި އާމިރާ ގުޅޭ ޝަކުވާތަކެއް އެ އޮފީހަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އޭނާއާ ދެކޮޅަށް ދުވާފަރުގެ ބައެއް މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ހިމެނެއެވެ.

އާމިރު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ބިރުދެއްކުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި އާމިރު ވަކިކުރީ އިންތިޚާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރައްވައި، ފާޅުގައި ކެމްޕޭންގައި އުޅުއްވާތީއެވެ.