ދުނިޔޭގެ ފުޓްބޯޅަ އެސޯސިއޭޝަން، ފީފާ އާއި ޔޫރަޕުގެ ފުޓްބޯޅަ އެސޯސިއޭޝަން ޔޫއެފާއިން ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފީފާ އާއި ޔުއެފާއިން ވަނީ ރަޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމުތައް ކްލަބުތައް އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެހެން ސަސްޕެންޑްކޮށްފައެވެ.

ފުޓްބޯޅަ ދުނިޔެ އޮތީ އެއްބައިވަންތަކަމާއެކު ޔޫކްރޭނާއެކީ ކަމަށް ޔޫއެފާއިން ބުންޏެވެ.

"ދެ އެސޯސިއޭޝަނުގެ ރައީސުންވެސް އެދެނީ ޔޫކްރޭން - ރަޝިއާ މައްސަލަ ހަމައަކަށް އެޅި، ފުޓްބޯޅަ ދުނިޔޭގައި އަމަންއަމާންކަން ގާއިމުވުން،" ޔޫއެފާގެ ބަޔާނުގައިވެއެވެ.

ރަޝިއާއާއި ޔޫކްރޭނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ބޯ ވިލާގަނޑު ފުޓްބޯޅަ ދުނިޔެއަށް ވަނީ ފޯރާފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގައި ނުބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ސަސްޕެންޝަނުގެ ސަބަބުން މިއަހަރު ބާއްވާ ވޯލްޑް ކަޕާއި އަންހެން ޔޫރޯ މުބާރާތުގައި ރަޝިއާއަށް ވާދައެއް ނުކުރެވޭނެއެވެ.

މީގެއިތުރުން ރަޝިއާގެ ދައުލަތުގެ ގޭސް ކުންފުނި ގަޒްޕްރޮމްއާއެކު ޔޫއެފާއިން ހަދާފައިވާ ސްޕޮންސަޝިޕް އެގްރިމެންޓުވެސް ވަނީ އުވާލާފައެވެ.

މި އެގްރިމެންޓަކީ 2012 ވަނަ އަހަރުން ފެށިގެން ގަޒްޕްރޮމް އާއި ޔޫއެފާ އާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ކޮންމެ ސީޒަނެއްގައި ގާތްގަނޑަކަށް 40 މިލިއަން ޔޫރޯއަށް އަގުއަރާ އެއްބަސްވުމެކެވެ.